މިއަދު ހަވާލުކުރެއްވި ފެނަކަ ކޯޕަރޭޝަންގެ ހޯމް ސޯލާ ޕްރޮގުރާމުގެދަށުން ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވިއެވެ. އަދި މިކަމުގެ ސަބަބުން އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެން ދާނެމަކަށާއި ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅާބަލާއިރު %90 އަށްވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތް ކުރެވޭނެކަމަށް ފެނަކައިން މައުލޫމާތު ދެއްވިއެވެ.

2023 ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރުން ގާއިމު ކުރުމަށް ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވެއެވެ. މި މަޝްރޫއުގެ ދަށުން ދޫކުރެވޭ ހޯމް ސޯލާ ނިޒާމުތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތުންގެ ޖީބަށް ލުއި ވާނެ ނިޒާމެކެވެ. އަދި މިއީ އިންސްލޯމެންޓް އުސޫލުން ދޫކުރެވޭ ނިޒާމުތަކަށްވުމާއެކު، މާލީ ބޮޑު ތަކުލީފެއްނެތި ފަރުދުންނަށް ބައްލަވައިގަނެވޭނެކަމަށް ފެނަކައިން މައުލޫމާތު ދެއްވިއެވެ.

ސަރުކާރުން މި މަސްރޫޢު ހިންގުމަށް ހަވާލުކުރާ ފައިސާއިން 2 ކިލޯގެ 1000 ސޯލާ ސިސްޓަމް ގާއިމްކުރެވޭނެއެވެ. އަދި މިއީ ރިވޯލްވިންގް ފަންޑެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއަކަށް ވުމާއެކު، މުސްތަގުބަލުގައި މި އަދަދު ބޮޑުތަނުން އިތުރުވެގެންދާނެކަމަށް ފެނަކައިން މައުލޫމާތު ދެއްވިއެވެ. މި ސިސްޓަމް ގާއިމް ކުރެވިއްޖެނަމަ، ސަރުކާރުން ކަރަންޓު އުފެއްދުމަށް އިމްޕޯޓުކުރާ ތެލުގެ ތެރެއިން 9 ލައްކަ ލީޓަރު ތެޔޮ މަދުކުރެވޭނެ ކަމަށްވެސް ފެނަކައިން މައުލޫމާތު ދެއްވިއެވެ.

މިއީ މިހާރުގެ ޑީސަލްގެ އަގަށް ބަލާއިރު އަހަރަކަށް 10 މިލިޔަން ރުފިޔާއެވެ. އަދި މި ސަލާމަތްކުރެވޭ ތެލުގެ ސަބަބުންއަހަރަކު ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ ތެރެއިން 2500 ޓަން ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެކަމަށްވެސް ފެނަކައިން ހާމަކުރެއްވިއެވެ.