ސްޕެނިޝް ސްޕަރ ކަޕް ސެމީފައިނަލުގައި އެކްސްޓާ ފަނަރަ މިނެޓުގެ ފުރަތަމަ ހާފުގައި އުރުގުއޭގެ މިޑްފީލްޑަރު ވަލްވާޑޭ ކާމިޔާބު ކުރި ލަނޑުން ވާދަވެރި ބާސެލޯނާގެ މައްޗަށް 2-3 އިން ކުރި ހޯދައި ރެއާލް މެޑްރިޑް ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ސައުދީ އަރަބިއްޔާގެ ކިންގ ފަހްދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ރެއާލްއިންނެވެ. މިލަނޑު މެޗުގެ 25 ވަނަ މިނިޓެގައި ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރއެވެ. މެންޗެސްޓަރ ސިޓީއިން މިފަހަރުގެ ޓާންސްފާ މާކެޓުގައި ގެނައި ފޯވާޑް ފެރަން ޓޮރޭސް ފުރަތަމަ އެގާރައިގައި ހިމަނައިގެން ނިކުތް ބާސާއަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެއްވަރު ކޮށްދިނީ ހޮލެންޑުގެ ފޯވާޑް ލޫކް ޑިޔޯންގއެވެ. މިއީ ބާސާ އެންމެފަހުން ކުޅުނު ތިން މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑުކަން ފާހަގަ ކޮށްލެއެވެ. ދެޓީމުގެ ފަރާތުންވެސް އެޓޭކިންގ ފުޓްބޯޅައެއް ފެނިގެންދިޔަ މިމެޗުގައި ރެއާލްއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ 72 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް އަދި ކެޕްޓަން ކަރީމް ބެންޒެމާއެވެ. ލީޑުގައި އޮވެ ރެއާލް މޮޅުވާން ދަނިކޮށް ބާސާއަށް އެއްވަރު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުއްމީދީ ފޯވާޑް އަންސޫ ފާޓީއެވެ. އޭރު މެޗް ނިމެން ހުރީ އެންމެ ހަތް މިނެޓެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ ފަނަރަ މިނެޓުގެ ދެހާފެވެ. ރެއާލްއިން މެޗުގައި ތިންވަނަ ފަހަރަށް ލީޑް ނެގީ 98 ވަނަ މިނެޓުގައެވެ. ބާސާއިން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށް ރެއާލްގެ ގޯލާ ހަމަލާތައް އަމާޒު ކުރިއެވެ.

މެޗަށްފަހު ބާސާގެ ކޯޗް އަދި އެކްލަބުގެ މިޑްފީލްޑުގެ ކުރީގެ މައިތަނބު ޒަވީ ހެނާންޑޭޒް ބުނީ ކުޅުމަށް ބަލާއިރު މެޗް ޑޮމިނޭޓް ކުރީ ބާސާއިން ކަމަށާއި ބޮޑު ކުރިއެރުމެއް ޓީމަށް ގެނެވިއްޖެ ކަމަށެވެ. "ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އަހަރެމެން ތަނަވަސްކުރިން. އަހަރެމެންނަށް ހެނދުނު މަދު ގޯސްތަކުގެ ފައިދާ ރެއާލްއިން ނެގީ. އަހަރެމެން އަތުން ބޯޅަ ގެއްލެން ނުވާ އޭރިޔާތަކުގައި ބޯޅަތައް ގެއްލޭ މައްސަލަ އަދިވެސް ރަނގަޅު ކުރަންޖެހޭ. މިކަހަލަ މެޗެއް ކާމިޔާބު ކުރެވޭނީ ތަޖުރިބާވެސް ބޭނުން ކޮށްގެން" ޒަވީ ބުންޏެވެ.

ރެއާލްގެ ކޯޗް ކާލޯ އަންޗަލޮއްޓީ ބުނީ ކުޅުންތެރިންގެ ގޮތުން ބާސާ ބަލިކަށިވެފައި އޮތްނަމަވެސް މިމެޗް ފަސޭހަ ނުވާނެކަން ޔަގީން ކުރިކަމަށާއި މޮޅު ވެވުނީ މުޅި މެޗުގައި އެއްވަރެއްގައި މެޗަށް ސަމާލުކަން ދެވުމުން ކަމަށެވެ.

އަނެއްކޮޅުން "އެލްކްލެސިކޯ" ގައި ޖެހިޖެހިގެން ބާސާއަށް މޮޅެއް ނުހޯދި ނިންމާލަން ޖެހުނު 6 ވަނަ މެޗްކަން ފާހަގަ ކޮށްލެވެއެވެ.

ފައިނަލުގައި ރެއާލް ބައްދަލު ކުރަން ޖެހޭ ޓީމެއް ކަށަވަރު ވާނީ އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯ ބިލްބާއޯ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާ މެޗަށްފަހުއެވެ. މިމެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން ދަންވަރު 0:00 ގައެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ އަންނަ އާދިއްތަ ދުވަހުގެ ރޭ ގައެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވާ ގަޑި އަދި ހާމަކޮށްފައެއް ނުވެއެވެ.