ރ. އުނގޫފާރާއި އެ އަތޮޅު މާކުރަތުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ފްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫއުތަކުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން މަޝްރޫއުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން، 45,023.84 ކިއު ބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 28 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 350 ދުވަހުގެ ތެރޭގައެވެ.

މީގެ އިތިރުން އުނގޫފާރުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން 41،980 ކިއުބިކް މީޓަރު ބަނދަރި އަދި ނެރު ފުންކުރުމާއި 162 މީޓަރު ބޭރުތޮށި ޖެހުމުގެ އިތުރުން ދެ ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އުނގޫފާރު ނެރު ބަދަލު ކުރުމުގެ މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެއީ 18,588,276.60 ރުފިޔާގެ މަޝްރޫއެކެވެ.