އިނގިރޭސި ލީގް ކަޕް، މިހާރުގެ ނަމުންނަމަ ކަރަބާއޯ ކަޕުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި މުޅި މެޗް ކަހަލަ ގޮތަކަށް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅުނު އާސެނަލްގެ މައްޗަށް ކުރި ހޯދުމުގައި ލިވަޕޫލް ރޭ ނާކާމިޔާބު ވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އާސެނަލްއިން މެޗުގެ ބޮޑު ބައި އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނީ، ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އާސެނަލްގެ އޭރިޔާ ބޭރުން ލިވަޕޫލްގެ ޕޯޗުގަލް ފޯވާޑް ޖޮޓާއަށް ޝަކާ ކުރި ނުރައްކާތެރި ފައުލަކަށް އޭނާއަށް ރަތްކާޑް ދެއްކުމުންނެވެ.

އާސެނަލްގެ ޝަކާގެ ފައުލް ލިވަޕޫލްގެ ފޯވާޑް ޖޮޓާގެ ބަނޑަށް އަމާޒުވެފައި.

އާސެނަލްގެ އެއްކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި ލިވަޕޫލުން ވަނީ މުޅި މެޗުގެ ކޮންޓްރޯލް އަތުލައި 17 ހަމަލާ، އާސެނަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. އެކަމަކު މީގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ. ލިވަޕޫލުން މިމެޗަށް ނުކުންނަން ޖެހުނީ މިސްރުގެ ނުރައްކާތެރި ފޯވާޑް މުހައްމަދު ސަލާހް އާއި ސެނަގާލްގެ ނުރައްކާތެރި ފޯވާޑް ސަޑިއޯ މާނޭ ނުލައެވެ. މިދެކުޅުންތެރިން މިވަގުތު ތިބީ މިހާރު ކެމަރޫންގައި ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަ ކުރުމަށް ގައުމީ ޓީމާއެކު ކެމަރޫންގައެވެ. ސަލާހް އާއި މާނޭގެ ބަދަލުގައި ލިވަޕޫލްގެ ފޯވާޑް ލައިން މިމެޗުގައި ބެލެހެއްޓީ ޖޮޓާގެ އިތުރުން ބްރެޒިލްގެ ފޯވާޑް ރޮބާޓް ފިރްމީނޯ އާއި ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމިނޯއެވެ. މުޅި މެޗުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއްވެސް ލިބުނީ މިނަމިނޯއަށެވެ. އެކަމަކު ހުސްކޮށް ލިބުނު އެބޯޅަ މިނަމިނޯއަށް ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ. މެޗަށްފަހު ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ސޯޝިއަލް މީޑިޔާގައި މިނަމިނޯއަށް ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުކޮށްފައެވެ.

އެންފީލްޑުގައި އެއްވަރުވުމުން، ސެމީފައިނަލުގެ ދެވަނަ ލެގުގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިދެޓީމު މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބައްދަލު ކުރާ މެޗް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އާސެނަލްއަށް މިހާރު ވަނީ ވަރަށް ބޮޑަށް ހުޅުވިފައެވެ.

ލީގް ކަޕުގައި ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް 1-0 އިން ބަލިކޮށް ޗެލްސީ ވަނީ، ދެލެގުގެ އެގްރިގޭޓުން 3-0 އިން ކުރި ހޯދައި ފައިނަލުން ޖާގަ ހޯދައިފިއެވެ. ޓޮޓެންހަމް ކޮޅަށް ޗެލްސީއަށް ރޭ ލަނޑު ޖަހައިދިނީ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ.

ލީގް ކަޕުގައި އެންމެ ކާމިޔާބު ދެޓީމަކީ ޗެލްސީ އާއި މެންޗެސްޓަރ ސިޓީއެވެ. މިއިން ކޮންމެ ޓީމެއް ވަނީ 8 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

ލީގް ކަޕް ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 27 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.