އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައިމިވަނީ ށ.ފުނަދޫގައި ހުންނަ ށ.އަތޮޅު މަދަރުސާގެ ފާރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިޔުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން ސްކޫލް މަދަރުސާތަކަކީ ގިނަ އަދަދަކަށް އިންޑިއާ ޓީޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށް ވެފައި، ސްކޫލް ސަރަހައްދުގައި "އިންޑިއާ އައުޓް" ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުގައި ސްކޫލްތަކުގައި އެދެމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

"ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންނަކީ އެ ފަރާތްތަކުގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، އަޅުގަނޑުމެންގެ ޅަދަރީންނަށް އުނގަންނައި ދިނުމުގެ ހިދުމަތުގައި ޒަމާނުއްސުރެން ހިދުމަތް ކުރަމުންދާ ބައެއް" އެ ބަޔާނުގައި ވެ އެވެ.

މިނިސްޓްރީން ބުނީ ބިދޭސީ ޓީޗަރުން ހޯދުމަށް ދަތިވެފައިވުމާއި، ރާއްޖެ ގެންނަ ބިދޭސީ ޓީޗަރުންނަކީ ދިވެހިން ލިބުން ދަތި މާއްދާތައް ކިޔަވައިދިނުމަށް ގެނެވޭ ފަރާތްތަކަކަށްވުމުން، މިފަދަ އަމަލުތަކުގެ ސަބަބުން އެފަރާތްތަކުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސް، ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތަކެއްވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

އެގޮތުން ސިޔާސީ މަންފާއަކަށް ހިންގާ މި ބާވަތުގެ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުނގަންނައި ދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެފަދަ އަމަލުތައް ކުށްވެރިކުރާ ކަމަށާއި ސްކޫލްތަކުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.