ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ 2019 ވަނަ އަހަރުގެ އިލެކްޝަން މެނިފެސްޓޯގައި ވަނީ ތިޔާގިކަމާއި ތަނަވަސްކަމަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. ހުނަރުވެރިން މި މެނިފެސްޓޯ ތަންފީޒު ކުރަން ބޭނުންވީ ގައުމަށް އަންނާން އޮތް ފާގަތި ކަމަށެވެ. އެހެން ނަމަވެސް ރާޖަޕަކްސަ ގެ ރިއާސީ ދައުރު މީހުންގެ ހަނދާނުގައި ބިންވަޅު ނެގޭނީ ލަންކާގެ އެންމެ ގޯސް ރިއާސީ އަހަރުތަކުގެ ގޮތުގައެވެ.

2021 ވަނަ އަހަރު ފެނިގެން ދިޔައީ ހަކުރު، މިލްކް ޕައުޑަރު، ގެރި ކިރު އަދި ކައްކާ ގޭސް ގަތުމަށްޓަކައި އެތައް މިލިއަން ބަޔަކު ދިގު ސަފުތަކެއްގައި މަގުމަތީގައި އެތުރިގެން ތިބި އަހަރުގެ ގޮތުގައެވެ. ސްރީލަންކާގައި ތަކެތީގެ އަގުތައް، މިއަދާ ހަމައަށްވެސް ދުވަހަކުވެސް ނުފެންނަ މިންވަރަށް އުފުލިގެން ގޮސްފައި ވެއެވެ.

މައިގަނޑު ގޮތެއްގައި ސްރީލަންކާގެ ބޭރުގެ ދަރަނިތައް އިތުރުވެ، ކޮންމެހެން ބޭނުންވާ އިމްޕޯޓަށް ދައްކަންޖެހޭ ފައިސާވެސް ވަނީ ނުދެއްލި ފައެވެ.

2021ވަނަ އަހަރު ނިންމާލީ، 1500 އެއްހާ ޝިޕިން ކޮންޓެއިނަރު ބަނދަރުގައި ތާށިވެފައި ހުރެ، ޒަރޫރީ ތަކެތި ރައްޔިތުންނަށް ނުލިބިއެވެ.

ނިމިދިޔަ ޑިސެމްބަރު މަހު އިންފްލޭޝަން 12.1 ޕަސެންޓް ގައި ހުރިއިރު، ނޮވެމްބަރު މަހު އިންފްލޭޝަން 9.9 ޕަސެންޓުން މައްޗަށް ގޮސްފައި ވެއެވެ. މިދިޔަ އަހަރު ކާބޯތަކެތީގެ އަގުތައް ވަނީ ދެ ގުނަ އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އަށަގެންފައި އޮތުމުން އިތުރަށް ހާލަތު ގޯސްވެގެން ދިޔަ ކަމަށް ބުނެވެއެވެ. މިފަދަ ކޮރަޕްޝަންގެ އެއް ހާލަތެއްކަމަށް ރިޕޯޓް ކޮށްފައި ވަނީ ކައްކާ ގޭސް ސިލިންޑަރުތަކުގައި ހުންނަ ޕްރޮޕޭން އާއި ބޫޓަނޭ ރޭޝިއޯ ހަމަ ނުވުމުގެ ސަބަބުން ކައްކާ ގޭސް ސިލިންޑަރުތައް ގިނަ އަދަދަކަށް ގޮވައިގެން ދިޔަ ހާދިސާ ތަކެކެވ. މީގައި އެތައް ބަޔަކު މަރުވެ، ޒަޚަމްވިއެވެ.

މީގެ އިތުރުން އެހެން ހާދިސާއެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެފައި ވަނީ ޗައިނާއިން ތަޣައްޔަރުވެފައިވާ ގަސްކާނާގެ ބާވަތްތައް ގަތުމަށް އެއްބަސްވެ، އެތަކެތި ގެނަސް އެއަށް 6.7 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ސަރުކާރަށް މަޖުބޫރުވި ހާދިސާއެވެ.

ސްރީލަންކާގެ ދަރަނީގެ ހާލަތު އިންތިހާއަށް ބޮޑު ވެފައި ވެއެވެ. މިއިން އެއް ސަބަބަކީ ގާތްގަނޑަކަށް ތިން އަހަރު ވަންދެން ކުރި ދާހިލީ ހަނގުރާމަ އެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި ޗައިނާ ބައިވެރިވެގެން ގައުމުގައި ހިންގާފައިވާ އިންފްރާސްޓްރަކްޗަރގެ މަޝްރޫއުތައް އެއީ ދަރަނީގެ ދަންތުރައެއްކަމަށް ބޭރުގެ ފަރާތްތަކުން ބުނެއެވެ.

މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން 2022 ވަނަ އަހަރު ސްރީލަންކާގއަށް ދަރަނިތައް އަދާކުރުމުގައި 7 ބިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދަކަށް ބޭރު ފައިސާ ހޯދަން ޖެހެއެވެ. ސްރީލްނކާއަށް މި ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބަލައި ފިޗް ރޭޓިންގްސް އިން މިދިޔަ ޑިސެމްބަރު މަހު ސްރީލަންކާގެ ރޭޓިންގ ވަނީ ދަށްކޮށްފައެވެ. މިއީ ސްރީލަންކާއަށް ފުރަތަމަ ފަހަރަށް ދަރަނި ނުދެއްކޭނެ ކަމަށް ބެލެވޭ ފަހަރެވެ.

ރާޖަޕަކްސަގެ ޚުދުމުޚުތާރު ބައެއް ސިޔާސަތުގެ ސަބަބުން ސްރީލަންކާގައި އަލުން ސިންހަޅަ ބުޑިސްޓުންގެ މަތިވެރިކަން އަށަގަތުމަށް މަސައްކަތެއް ދަނީ ހިންގަމުންނެވެ. ކްރިސްޓިއަނުންނާއި މުސްލިމުން ވަނީ މިކަމަށް ބިރު ހީވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން މަރުވާ މީހުން ވަޅުލުމަށް މަނާ ކުރުމުން މުސްލިމުންނަށް އެކަމުގެ އުދަގޫ އިހުސާސް ކުރަން ޖެހުނެވެ.

2019 ވަނަ އަހަރުގެ އީސްޓަރ ސަންޑޭ ގައި ދިން ބޮމުގެ ހަމަލާތަކުގައި 270 އެއްހާ މީހުން މަރުވެފައިވާއިރު، އެ ހަމަލާތައް ފުރިހަމައަށް ތަހްގީގު ކުރުމަށް ސަރުކާރުން ބޭނުމެއް ނުވެއެވެ. އެއީ އެއިރުގައި އިދިކޮޅަށް ފަހިވާ ގޮތަށް މިކަމުގައި ބައެއް ކަންކަން ހިނގާފައިވާ ކަމަށް ކްރިސްޓިއަނުންވެސް ތުހުމަތު ކުރެއެވެ.

މިހުރިހައި ކަމަކާއެކު ރާޖަޕަކްސަގެ ސަރުކާރުން އާ ގާނޫނުއަސާސީއެއް އިޢްލާން ކުރަން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި ގާނޫނުއަސާސީގެ ސަބަބުން ސިންހަޅަ ބުޑިސްޓުންނަށާއި ރިއާސީ ބާރުތައް އިތުރު ވެގެންދާނެއެވެ.

ޕާލަމެންޓްގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ސަރުކާރަށް ލިބިފައިވާއިރު، ކެބިނެޓް ގެ ވަޒީރުންވެސް މިއަދު ފެނިގެން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ދެކޮޅު ހަދާތަން ފެންނަމުންނެވެ. އެފަރާތްތަކުން ސަރުކާރު ދޫކޮށް ދިއުމަށް ބިރު ދައްކަމުން ދެއެވެ. އަދި މިހާރަކަށް އައިސް ރާޖަޕަކްސަގެ ބުދުތައް މުޒާހަރާތަކުގައި އަންދާލުމާއި ރާޖާޕަކްސަ އާއިލާގެ މެމްބަރުންނަށް މަގުމަތީގައި ފާޅުގައި ފުރައްސާރަ ކޮށް ދިމާކުރާތަންވެސް ފެނެއެވެ.

ސަރުކާރުގެ އޮފިޝަލުންވެސް މިހާރު ވަނީ ކާބޯތަކެތީގެ ދަތިކަން އިތުރަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައެވެ. ޖުމްލަގޮތެއްގައި، އިޤްތިޞާދު ރީސްޓްރަކްޗަރކޮށް، މިހާރަށްވުރެ ބޮޑަށް ހަމަޖެހޭ ސުލްހަވެރި މާހައުލެއް އިޚްތިޔާރުކޮށްގެން މެނުވީ، ސްރީލަންކާއަށް ޤައުމުގެ ގިނަ ގުނަ ކާރިސާތަކުން ހައްލެއް ނުހޯދޭނެއެވެ.

ރާޖަޕަކްސަ އާއިލާއިން ބޭނުންވަނީ ވެރިކަމުގައި ދެމިތިބުމަށެވެ. ވެރިކަން ކުރާނެ ގަބީލާއެއް ބިނާ ކުރުމަށެވެ. ކޮރަޕްޝަނާއި ޚުދު މުޚުތާރު ސިޔާސަތުން ސްރީލންކާގެ ޑިމޮކްރެޓިކް ވެށި ވަނީ ކިލަނބުވެފައެވެ.

ކުރިއަށް އޮތް އަހަރަކީ، ސްރީލަންކާ، އަނިޔާވެރިކަމާއި، އަސްކަރީ ގޮތުން ބާރު ދެއްކުމުގެ ތެރެއަށް ގެނބިގެންދާ އަހަރެއް ކަމުގައި ވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ، އެ ވާނީ ކާރިސާތަކުގެ އިތުރު އަހަރެކެވެ.