ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ އެމަސައްކަތް ފަށައިފައިވަނީ ފެބުރުއަރީ އެއްވަނަ ދުވަހު ކަމަށެވެ.

އެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އޭގެ އިތުރުން 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އޭގެތެރެއިން 507 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 2320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.