ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިއްވެވި ރިޔާސީ ބަޔާނަކީ، ފުރިހަމަ، އުއްމީދީ ބަޔާނެއް ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިއަދުގެ ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ގިނަ ކަންކަމަކީ، ގިނަގުނަ ގޮންޖެހުންތަކާއި އެކުވެސް މި ސަރުކާރު އުފެއްދުމަށް އުފެދުނު ކޯލިޝަނުން އިސްލާޙަށް ކަނޑައެޅި އަމާޒުތައް ޙާޞިލްވަމުންދާކަމުގެ ޔަޤީންކަން އާވެގެންދިޔަ ކަންތައްތަކެއް ކަމަށްވެސް އެމްއާރުއެމުން ބުނެފައިވެއެވެ. ޚާއްސަކޮށް އިސްލާޙަށް މަސައްކަތްކުރާ ޕާޓީއެއްގެ ޙައިޞިއްޔަތުން އެ ޕާޓީގެ ވިސްނުމާއި ފިކުރު، ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ފާހަގަކުރެއްވި ގިނަ ކަންތައްތަކާއި ނުހަނު އެއްގޮތް ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަކީ އެ ޕާޓީގެ މެންބަރުންނާއި، ދިވެހި ރައްޔިތުން ފަޚުރުވެރިކަމާއިއެކު ބަލައިގަންނަ ކަމެއް ކަމަށް ބުނެފައިވެއެވެ. "ހަމަ މިއާއިއެކު އިސްލާމީ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމަށް މިހާރުވެސް ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތާންގައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއިރު، އެއީ ދީނީ ސައްޙަ މަޢުލޫމާތު ނޭނގުމުގެ ސަބަބުން މިހާރު ދިވެހި މުޖުތަމައުގެ ތެރޭގައި ފެތުރެމުންދާ އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި، އިސްލާމް ދީނުގެ ނަމުގައި ހައްދު ފަހަނައަޅައިދިއުމުގެ ފިކުރުތަކަށް ނިމުމެއް ގެނައުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެއްކަމަށް މި ޕާޓީން ދެކެމެވެ."

ޤައުމުގެ ކުރިމަގަކީ ޒުވާނުންގެ ޖީލު ކަމުގައިވާއިރު އެ ޒުވާން ޖީލަކީ ބަވަނަ ވެފައިވާ ދުނިޔެއަށް ލޯ ހުޅުވިފައިވާ، ދުނިޔެއާއި އެއް ހަމައެއްގައި ވާދަކުރެވޭފަދަ ޢިލްމީ، ޤާބިލު ބަޔަކަށް ހެދުމަށް، ރައީސް ޞާލިޙުގެ ސަރުކާރުގައި ތަޢުލީމާއި ތަމްރީނަށް ދެއްވާފައިވާ މުހިއްމުކަން އ ޕާޓިން ފާހަގަކޮށްފައިވެއެވެ. ހިލޭ ޑިގްރީއާއި، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމުގެ ތެރެއިން ކޮންމެ އަހަރަކު އެތައްހާސް ޒުވާނުންނެއް ތަޢުލީމު ޙާޞިލްކޮށް، ޤައުމީ ޚިދުމަތަށް ނުކުންނައިރު މި މުހިއްމު މަސައްކަތުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ، އެމްއާރުއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ދައުލަތުގެ ވަޒީރު، ޑރ. އިބްރާހިމް ޙަސަން އާއި ހަވާލުކުރައްވާފައި ވުމަކީ އ ޕާޓީއަށް ލިބޭ ފަޚުރެއް ކަމަށް ވެސް ބުނެފައިވެއެވެ.

"ތަޢުލީމީ ޤާބިލް ޒުވާނުން ޤައުމީ ޚިދުމަތަށް ނުކުންނައިރު، އެކަށޭނަ މުސާރައެއް ޔަޤީންކޮށްދިނުމަށް މި ސަރުކާރުން ވީ ވަޢުދު ފުދި، އޭގެ ފޮނިކަން ނިމިގެންދިޔަ ޖަނަވަރީ މަހުން ފެށިގެން އެތައް ހާސް މަސައްކަތްތެރިންނަށް ލިބެމުންދާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ސަރވިސް ޗާޖު އެ ދާއިރާގެ މުވައްޒަފުންނަށް ލިބޭނެކަން ޤާނޫނުން ކަށަވަރުވެގެން ދިއުމާއިއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ލިބޭ އެތައް އާއިލާއަކަށް އިތުރު ފުރުޞަތުތައް ހުޅުވިގެން ހިނގައްޖެއެވެ. މިކަމަށްޓަކައި މި ޕާޓީން ނުހަނު ޝުކުރާއިއެކު ރައީސް ޞާލިޙަށާއި ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ."

ސިއްޙީ ދާއިރާ ތަރައްޤީ ކުރުމާއި ގުޅޭގޮތުން ގިނަ ކަންތައްތަކެއް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއިރު، ނަފްސާނީ ފަރުވާ ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމާއި އަދި އެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށްފައިވާކަމީ އެ ޕާޓީން އުފަލާއިއެކު ފާހަގަކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަކީ އެ ޕާޓީގެވެސް މުހިއްމު މަޤުސަދެކެވެ. މިއީ ރައްޔިތުން އެ ޚިދުމަތަކަށް ނިހާޔަތަށް ބޭނުންވެފައިވާ ކަމެއް ކަމަށް ބުނެފައިވެއެވެ. ހަމަ އެއާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ޚިދުމަތްތަކާއި ފުރުޞަތުތައް، އަދި އެފަރާތްތަކަށް ސަރުކާރުން ދެމުންދާ އިނާޔަތް ބޮޑު ކުރުމަށް ނިންމަވާފައިވާ ނިންމުމަށާއި، ރާއްޖޭގައި ލާމަރުކަޒީ އުޞޫލުން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް، ސަރުކާރުން ހިންގަމުން ގެންދަވާ ކަމަށާއި، އެގޮތުން، މީހުން ދިރިއުޅޭ 58 ރަށެއްގައި ޕަބްލިކް ހެލްތު ކެއަރ ޕޯޓަލް މިހާރު ތަޢާރުފް ކުރެވިފައިވާ ކަމަށާއި، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު، މި އަހަރު މަޖިލީހަށް ފޮނުވާނެކަމަށް ވިދާޅުވެފައިވާތީ، މަރުހަބާ ކިޔާ ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ. "މިންތީގެ ހަމަހަމަ ކަމާއި، ނާޒުކު ޙާލަތްތަކުގައި ތިބި ފާރާތްތައްކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ގެވެށި އަނިޔާ ހުއްޓުވުމަކީ ފެށުނީއްސުރެވެސް މި ޕާޓީން އިސްކަންދޭ ދާއިރާތަކަކަށް ވާއިރު، އެ ދާއިރާތަކުން ކާމިޔާބީތަކެއް ހޯދައި، އިތުރު މަސައްކަތްތައް ކުރެވެމުންދާކަން ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙު ހާމަ ކުރެއްވުމަކީ އެ ދާއިރާތަކުން ކުރެވޭ އުއްމީދު އާލާވެގެން ދިޔަ ކަމެކެވެ. މީގެ އިތުރުންވެސް ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެހެން މައްސަލަތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ޑްރަގްގެ މައްސަލައަށް އެކަށޭނަ ޙައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާތީ މި ޕާޓީން އެކަމަށް މަރުޙަބާ ކިޔަމެވެ.ކޮވިޑްގެ ޢާލަމީ ވަބާ އާއިއެކު ދުނިޔެ ފުރަބަންދުވެ، ދުނިޔޭގެ އިޤުތިޞާދު ހީނަރުވެ، ޤައުމުތައް ބަނގުރޫޓުވާ ހިސާބަށް ދިޔައިރު، ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވި ހީނަރުކަމާއިއެކުވެސް ސަރުކާރުން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރަމެވެ." އަދި އިޤުތިޞާދު ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ ކަންކަމާއި، ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ ގޮތުގައި ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ކަންކަމަކީ އެ ކަންކަމަށް އެ ޕާޓީއިން މަރުޙަބާ ކިޔާ ކަންކަން ކަމަށް ބުނެފައިވެއެވެ.

"ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު އެ ދާއިރާއެއްގައި ޝާމިލުވާ ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ދައުލަތުގެ ވަޒީރު، ޔުމްނާ މައުމޫން މަސައްކަތް ކުރައްވަމުންގެންދަވާއިރު، އެކަމަނާގެ ބެއްލެވުމުގެ ދަށުން، ސަރުކާރުގެ ސިޔާސާތު އެކުލަވާލައި، ދިވެހި ފަންނުވެރިންނަށް ދުނިޔޭގެ ބާޒާރަށް ނުކުމެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ރައީސް ވަނީ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައެވެ. އަދި، އިޤުތިޞާދު ސިންދަފާތު ކުރުމުގެ ތެރެއިން ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް އެކި ރަށްރަށުގައި ސައިޓް މިއުޒިއަމްތައް ޤާއިމް ކުރުމަކީވެސް މި ޕާޓީން މަރުޙަބާ ކިޔާ މުހިއްމު މަސައްކަތްތަކެކެވެ. އަދި ހަމަ އެހެންމެ، އޮލިމްޕަސް، ޒަމާނީ ފެންވަރަށް ތަރައްޤީވެ، މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު، ހުނަރުވެރިންނަށް އާ ދޮރުތަކެއް މި އަހަރު ހުޅުވޭނެކަމަށާއި، ޘަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން، ހއ. ތ. އަދި ނ. އަތޮޅުގައި ސައިޓް މިއުޒިއަމްތަކުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ."

މި އަހަރުގެ ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެވިފައިވާ ގިނަގުނަ ކަންތައްތަކަށް އަލިއަޅުވާލެވިފައިވާ، އަދި އުއްމީދީ ގިނަ ސިޔާސަތުތަކެއް އިޢުލާނު ކުރެވިގެންދިޔަ ރިޔާސީ ބަޔާނެއް ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ. އެގޮތުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެ ޕާޓީގެ ފަރާތުން ސަރުކާރުގައި ސިޔާސީ މަޤާމުތައް ފުރުއްވަމުން ގެންދަވާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ވެސް ބުނެފައިވެއެވެ. ހަމަ އެހެންމެ، ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި ރައީސް ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްޕުޅެއްގައި، އެ ޕާޓީގެ ޒަޢީމް އާއި ރައީސް އަދި މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުމެ ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމްއާރުއެމުން ވަނީ ދެއްވައިފައެވެ.