ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރާ މީހުންގެ ބާރުގަދަވެ ދިވެހި ފުލުހުން ވެސް އެމީހުންދެކެ މީހާރު ޖެހިލުންވާ ކަމަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު ނަސީރު މިހެން ވިދާޅުވީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްފައިވާތީއެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ވެސް އެރަށު، މުޝްތަރީ ގޭގައި އަލިފާން ރޯކޮށް މުޅި ގެ އަންދާލައިފައިވާ ކަމަށެވެ. އެރަށުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލީ އޭގެ ދެމަސް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަންކަން ކުރަނީ ހަމައެއްބައެއް ކަމަށް އުމަރު އުމަރު ވިދާޅުވިއެވެ.

"މިއީ ހަމައެކަނި އެރަށުގެ ހާލަތު އޮތް ގޮތެއްނޫން. މިއީ ހުރިހާ ރަށެއްގައި ވެސް އަދުގެ ހާލަތު އޮތްގޮތް. ފުލުހުންގެ ބާރުކެނޑި ކުށްވެރިންގެ ބާރުވަނީ ގަދަވެފައި. ފުލުހުންގެ އަތަށް ކެމެރާއާއި މުގުރާއި އެހެން ސާމާނު ދިނަސް ކުށްކުރުން ކޮންޓްރޯލް ކުރެވިފައެއް ނެތް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމެއްގައި މިކަންކަން ހައްލު ކުރާނަން،" އުމަރު ވިދާޅުވިއެވެ. މީގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ވެސް އެއްވެސް ޕާޓީއަކަށް ވެސް މިކަންކަން ހައްލު ނުކުރެވުނުކަމަށާއި އަދިވެސް "ހައްލަކީ އުމަރު" ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އިންޒާރުދީ އެބޭފުޅުންނަށް ގޯނާ ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ. ފުލުހުންނަކީ ވެސް އިންސާނުންނަށްވީތީ އެބޭފުޅުންގެ އާއިލާއަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދީފާނޭކަމުގެ ބިރު އެބޭފުޅުންގެ ވެސް އޮންނާނޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ފުލުހުންނަށް ގާނޫނީ ބާރުދިނުމަށްފަހު ކުށްވެރިންނާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަމަލީ ގޮތުން އެޅާ ކަމަށްވާނަމަ މައްސަލަ ހައްލުވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހޯމްމިނިސްޓަރަކަށް ހުރީ ކާނާތް ފުރަގަހަށްލައި ބަނދެފައި. އެވަރުން ވެސް ރާއްޖޭއިން ޑްރަގް ކޮންޓްރޯލް ކުރުމަށް ގަދައަޅައި މަސައްކަތްކުރިން. ދެއަތް ވީއްލިފައިހުރި މިނިވަން މިނިސްޓަރެއްނަމަ ޑްރަގުގެ ވަބާ ރާއްޖެއިން އެއްކޮށް ފިލުވައިލެވުނީސް. އެ ހާލަތުގައި ވެސް އަޅުގަނޑުވާނީ އެއްވެސް ހޯމް މިނިސްޓަރަކަށް ނުކުރެވޭ ވަރަށް ރާއްޖެއިން ކުށްމަދު ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކޮށްފައި. އެކަމަށް އެތައް ބަޔަކު ހެކިވާނެ،" އުމަރު ވިދާޅުވިއެވެ. އުމަރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް ވިދާޅުވެ މިހާރުވެސް އެކަމަށް ތައްޔާރުވަމުން ގެންދަވާ ލިޑަރެކެވެ.

މިލަދޫގައި ރޯކޮށްލި ސައިކަލަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވި ފުލުހެއްގެ ސައިކަލެވެ. ހުއްޓުވުމުން ވަނީ ފުލުސްމީހާއަށް އިންޒާރު ދީފައެވެ. އެހެނަސް ދިން އިންޒާރަކީ ކޮބައި ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ސައިކަލުގައި ރޯކޮށްލި މައްސަލާގައި ފުލުހުން ވަނީ ތިން މީހަކު ބަންދު ކޮށްފައެވެ. އެ ތިން މީހުންނަކީ ވެސް ދިވެހީންނެވެ. މިމައްސަލައިގައި ބަންދުކުރީ 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ގެންދަވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުންނެވެ. މިފަދަ ކަންކަމަކީ ސަރުކާރުން ބަލަންތިބޭނޭ ކަންކަން ނޫންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.