މިއަހަރަކީ ސްރީލަންކާއިން ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމްކުރިތާ 65 އަހަރު ފުރޭ އަހަރެވެ. ބެއިޖިންގގައި ހުންނަ ސްރީލަންކާގެ އެމްބެސެޑަރ ދަނީ ޗައިނާގެ އިންވެސްޓްމެންޓްތައް ޕްރޮމޯޓް ކުރަމުންނެވެ. އެންމެ ފަހުން ސްރީލަންކާއަށް ކަރަންސީ ސްވޮޕްކޮށް ދިނުމަށް ޗައިނާއިން ފުރުސަތު ހޯދައިދިނީވެސް އެމްބެސެޑަރ ޕަލިތާ ކޮހޯނާއެވެ.

އޭނާ ވަނީ ވަރަށް ޚާއްސަ އެހެން ކަމެއްވެސް ފަށްޓަވާފައެވެ. ބެއިޖިންގގައި ހުންނަ ސްރީލަންކާ އެމްބަސީން ވަނީ ޓިކްޓޮކް އެކައުންޓެއް ވެސް ފަށާފައެވެ. އެކަމަކު އެމްބަސީން މިކަން ކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއްގެ މާލީ އެހީތެރިކަމާއެކު ގައެވެ. މި އެހީވެދިން ކުންފުންޏަކީ، ސީ.އައި.ޓީ.އެސް އޯވަސީސް އިކޮނޮމިކް ކޯޕަރޭޝަން ކޯ ލިމިޓެޑްއެވެ.

ދުނިޔޭގެ އެކިހިސާބުތަކުގައި މުއައްސަސާތަކުން ފެށިގެން އާންމުންނާ ހަމައަށް އެންމެންވެސް ޓިކްޓޮކް ދެކެ ބިރު ގަނެއެވެ. އެއީ ޓިކްޓޮކްގެ ކޯޑަކީ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެ ބޭނުންކުރާ ފޯނެއްގެ މައުލޫމާތުން ވައްކަން ކުރެވޭ ގޮތަށް ލިޔެފައި ހުންނަ އެއްޗެކެވެ.