ގދ. ފަރެސްމާތޮޑާގައި ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ނަރުހުން ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ސާމްޕަލް ނެގުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެރަށު ސިއްހީމަރުކަޒުން ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވިދާޅުވީ ކޮވިޑްގެ ތިންވަނަ ރާޅާއެކު އެރަށުގައި ކޮވިޑްގެ ހާލަތު ރަނގަޅުވެފައި ނުވާކަމަށެވެ. ކޮވިޑުގެ މިހާލަތުން އަރައިނުގަނެވި ދިގުލައިގެން ދިއުމާއި ސާމްޕަލް ނެގުމުގައި މަސައްކަތްކުރާ ނަރުހުންވެސް ކޮވިޑަށް ފައްސިވެ ކަރަންޓީނުވާން ޖެހުމާ ގުޅިގެން ގޭގެއަށް ގޮސް ސާމްޕަލް ނެގުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަރުކަޒުން ވިދާޅުވިއެވެ.

މި ހާލަތުގައި ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި ރިލީޒް ސާމްޕަލްއާއި ކޮވިޑް އަލާމާތްތައް ހުރެގެން ސާމްޕަލް ނެގުމަށް ބޭނުންވާ ފަރާތްތަކުގެ ސާމްޕަލް ނެގުން ކޮންމެ ދުވަހަކު އެމަރުކަޒުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހެނދުނު 10:00 އިން 11:00 އަށް ސާމްޕަލް ނެގުން ކުރިއަށްދާނެ ކަމަށް އެމަރުކަޒުން ވިދާޅުވިއެވެ. "ބަލި ހާލަތު ހުރިގޮތުން އެނދުމަތިވެފައިވާ ފަރާތްތަކުން ސާމްޕަލް ނެގުމަށް ބޭނުންވާނަމަ އެމަރުކަށް ގުޅުމުން ސާމްޕަލް ނެގުމުގެ އިންތިމް ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިއްޔެ ވެސް އެރަށުން ވަނީ 4 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ އިއްޔެ ނެގުނު 6 ސާމްޕަލުން ޕޮޒިޓިވްވި އަދަދެވެ. އިއްޔެ އެރަށުން ފަސޭހަވެފައިވަނީ 3 މީހެކެވެ. ފަރެސްމާތޮޑާއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ ޖުމްލަ މީހުންގެ އަދަދަކީ 215 އެވެ. އޭގެތެރެއިން 204 މީހަކު ވަނީ ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 11 އެވެ. އެރަށުން މިހާތަނަށް ވަނީ 621 ސާމްޕަލް ނަގައިފައެވެ.