ދިވެހި ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކުރިއަށް ދާކަމަސް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާ ސަފީރު ހާމަ ކުރައްވައިފިއެވެ.

ދިވެހި ސަރުކާރުން ވަނީ، ކޮވިޑާ ގުޅިގެން ދިމާވެފައިވާ އިގްތިސާދު ވަޅު ޖެހުމާ ގުޅިގެން ޗައިނާއިން ނަގާފައިވާ ލޯނު ދެއްކުން ފަސްކޮށް ދިނުމަށް ޗައިނާގައި އެދިފައެވެ.

މިކަމާ ގުޅިގެން މިއަދު ޓުއިޓާ މެދުވެރިކޮށް ދެއްވި މެސެޖްގައި ޗައިނާ ސަފީރު ޜަންގް ލީޜޮންގ ވިދާޅުވީ، ދިވެހި ސަރުކާރުން އެދިވަޑައިގެންފައިވާ ފަދައިން ވިޔަފާރި ލޯނުތައް ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ޗައިނާ ފަޅީގައި ކުރިއަށްދާ ކަމުގައެވެ.

ސަލާމް ގޮވާލައްވަމުން ސަފީރު ޓުއިޓާ މެދުވެރިކޮށް ފެށްޓެވި ވީޑިއޯ މެސެޖްގައި ވިދާޅުވީ ދަރަނީގެ މައްސަލާގައި ރައްޔިތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމުގައެވެ.

ބައްލަވައިގެން ވިފާޅުވި މެސެޖްގައި ސަފީރު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ އަށް ކޮވިޑާ ގުޅިގެން ދިމާވެފައިވާ އުނދަގޫ ހާލަތު ޗައިނާއަށް އިޙުސާސް ކުރެވޭ ކމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ޖީ20ގެ ގައުމުތަކުން ގޮވާލާފައިވާ ދަރަނިތައް ދެއްކުން ފަސްކުރުމަށް ގޮވާލާ ހުށަހެޅުމަށް ޗައިނާއިން އިޖާބަ ދީފައިވާނެ ކަމަށާއި، އެގޮތުން ސޮވެރިން ގެރެންޓީފައިވާ ލޯނުތައް ދެއްކުން ފަސްކުރުމަށް ދެފަރާތުން މަޝްވަރާ ކުރަމުން ދާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޗައިނާއިން ދީފައިވާ ލޯނުތަކަކީ އެގައުމުގެ އަމިއްލަ ފަރާތްތަކުން ދީފައިވާ ލޯނުތަކެއް ކަމުން ޗައިނާއިން ބާރުއަޅަނީ އެ ފަރާތްތަކުން ރާއްޖެއާ ވާހަކަދައްކައިގެން މިކަމުގައި ކުރިއަށްދިއުމަށް ކަމަށެވެ.

ނިންމަވާލައްވަމުން ސަފީރު ވިދާޅުވީ މިކަމުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

ސަފީރުގެ މިވާހަކައާ ގުޅިގެން އާންމު ފަރާތްތަކުން ވަނީ މިކަމަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާ ކޮށްފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޗައިނާއަށް ރާއްޖެއިން ދަރާފައިވާ ދަރަނި، 3 ބިލިއަން ޑޮލަރަށް ވުރެން އިތުރު ވާނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިޙްއާ ޙަވާލާދީ މީޑިއާ ބުނާ ގޮތުން މި އަދަދު އުޅޭނީ، ދޮޅު ބލިއަން ގައެވެ. ޗައިނާގެ ފަރާތްތަކުން ދީފައިވާ މަޢްލޫމާތުން މިއީ ގަބޫލުކުރެވޭ އަދަދެއްކަމަށް ބެލެވެއެވެ.

ރާއްޖޭގެ ޖުމުލަ އުފެއްދުން، ޖީޑީޕީ އުޅެނީ ފަސް ބިލިއަން ޑޮލަރުގައެވެ.