ރާއްޖޭގެ ރަށްރަށް އެކި ފަހަރުމަތިން ފަޅުވެ އާބާދުވެފައި ވެއެވެ. ރަށުގެ ދުވަސްވީ މީހުން ބުނާގޮތުން ފުވައްމުލައް 3 ފަހަރެއްގެ މަތިން ފަޅުވެ އާބާދުވިއެވެ. (މުޙައްމދު އިބްރާހީމް ލުޠުފީ ވިދާޅުވަނީ 7 ފަހަރު ކަމަށެވެ.)

ފުވައްމުލައް އެންމެ ފުރަތަމަ ފަޅުވީ ގަދަ ރޯގާއެއްގެ ސަބަބުންނެވެ. ރޯގާގައި ގިނަ ބަޔަކު މަރުވާން ފެށީމާ ރަށްވެހިން، ކައިރީގައި އޮތް އައްޑު އަތޮޅަށާއި ހުވަދޫއަށް ހިޖުރަ ކުރީއެވެ. އެއިރު އެ ރަށުގައި އައްޔަނު ދައިތައޭ ކިޔާ މުސްކުޅި އަންހެނަކު އުޅުނެވެ. އެ ދައިތަ ފުރަން އަތިރިމައްޗަށް ދިޔައިރު އެންމެ ފަހު ދޯނި ފުރައިގެން ހިގައްޖެއެވެ. އެ ދޯނިން އޭނާގެ ފިރިމީހާ ވެސް ފުރައިގެން ހިނގައްޖެއެވެ.

ފުވައްމުލަކު ބަޑަހަލް ފަންނު: ފޮޓޯ ހަލި ނިއުސް

އައްޔަނު ދައިތަގެ ފިރި މީހާއަކީ ރާވެރިޔެކެވެ. އެ ދުވަހު ބޭލި ރާބަދި ގެޔަށް ލައިފައި އަތިރިމައްޗަށް ފޭބި އިރު އެންމެ ފަހު ދޯންޏަށް މީހުން އަރަނީއެވެ. އެ މީހުން އޭނާ ކައިރީގައި ބުނީ އެ ދޯންޏަށް ނާރައިފިނަމަ ދެން ނުދެވޭނެ ކަމަށެވެ. ދެން ވަރަށް ދެރަވެފައި ހުރެމެ އައްޔަނު ދައިތަ ރަށަށް ދޫކޮށްފައި ފުރައިގެން ދިޔައީއެވެ. އައްޔަނު ދައިތައަށް އަތިރި މައްޗަށް ދެވުނުއިރު ދޯނިތައް ފުރައިގެން ގޮސް އޮބާލަނީއެވެ.

ވަރަށް ދެރަވެފައި ހުރެގެން އެ ދައިތަ ގެޔަށް ދިޔައީއެވެ. އެ ދުވަހު ހަވީރު ރާ ކައްކަން ބަދިގޭގައި ހުއްޓާ ދޮރު މައްޗަށް މީހަކު އަރައި، ދައިތަ ކީއްކުރަނީހޭ އަހައިލުމުން އެ ދައިތަ ސިއްސައިގެން ގޮސް އަތުގައި އޮތް ރާ ކައްކާދަބު ހޫނު ރަލާއިއެކު ހޫރާލެވުނެވެ. ދަބު ގޮސް ޖެހުނީ ދޮރުމަތީގައި ހުރި މީހާގެ މޫނުގައެވެ.

އެ މީހާ އައްދެއްޔޯއޭ ކިޔައިފައި މޫނުގައި އަތް އަޅައިގެން ރޮމުން ހިނގައްޖެއެވެ. އެއިރު ރަށު އެންމެން ފުރައިގެން ގޮސްފައި ވާތީވެ އައްޔަނު ދައިތައަށް އެ މީހާއަކީ އެ ރަށުގައި އުޅޭ ފުރޭތަކަން އެނގުނެވެ. ކޮންމެއަކަސް އެ ދުވަހުގެ ފަހުން އެ ފުރޭތައެއް ނުފެނެއެވެ.

ދުވަސްކޮޅެއްފަހުން މުލައް އަލުން އާބާދުވިއެވެ. އެކަން ވީގޮތެއް ނޭގެއެވެ.

ފުވައްމުލައް ދެވަނަ ފަހަރަށް ފަޅުވީ ވެސް ގަދަ ގަދަ ރޯގާއެއްގެ ސަބަބުންނެވެ. އެ ފަހަރުވެސް ރަށްވެހީން އައްޑޫއަށާއި ހުވަދުއަށް ދިޔައީއެވެ. އެފަހަރު ރަށް އަލުން އާބާދު ކުރެއްވީ ހައްދުންމަތީ ދަނބިދޫ ހާނަ ދޮން އަބާކިރުއެވެ. (އެއީ ދޫޑިގަމި އެދުރު ކަލޭގެފާނުގެ ކާފައެވެ.) އޭނާ އޭނަގެ ދޯނީގައި 60 މީހުން ގޮވައިގެން ދުރުވީއެވެ. އެއިރު ރަށް އޮތީ ވަރަށް ބޮޑަށް ވާވެފައެވެ. ދޮން އަބާކިރާއިއެކުގައި އައިމީހުން ރަށުތެރރެ ސާފުކޮށް ގެދޮރު އަޅައިގެން ވަޒަންވެރިވީއެވެ.

މިކަމުގައި އިސްކޮށް އުޅުއްވީ (1) މުސްކުޅި ކަލޭގެއާއި (2) އަލި އަޑަފިކަލޭގެއާއި (3) ދޮން މުހައްމަދު ކަލޭގެއާއި (4) މަތިއަތި ކަލޭގެއެވެ. އެއިން ކޮންމެ ބޭކަލަކު މިސްކިތެއް ވެސް އެޅުއްވިއެވެ. އޭގެ ތެރެއިން މިހާރު ހުރީ އަލްގެދަރު މިސްކިތެވެ.

ފުވައްމުލައް 3 ވަނަ ފަހަރަށް ފަޅުވީ މާހުން ކިޔާ ރޯގާއެއްގެ ސަބަބުންނެވެ. އެއަށް ޠާޢޫންއޭ ވެސް ކިޔައެވެ. އެ ފަހަރު އެ ރަށު މީހުން ހިޖުރަ ކުރީ އައްޑޫ މީދޫއަށެވެ. ދަތުރުމަތީގައި ގިނަ ބަޔަކު މަރުވެ، މީދޫއަށް ދެވުނީ މަދު މީހަކަށެވެ. މަރުވި މީހުން ވަޅުލީ މީދޫ އުތުރު ފަރާތު އަތިރިމަތީގައި ކޯގަންނަށް ވުރެ ހުޅަނގުއެވެ. އެ ތަނަށް ކިޔަނީ ފުވައްމުލަކު ކަށް ބިމެވެ.

އެއިރު މާލޭގައި ފުވައްމުލަކުގެ ވަރަށް މޮޅު ފަންޑިތަވެރިއަކު މާލޭގައި ހުންނެވިއެވެ. އެއީ މޫނުފާކު މުދިންކަލޭގެއެވެ. އޭނައަށް ރަށް ފަޅުވީ ޚަބަރު ލިބިގެން މީދޫއަށް ދުރުވިއެވެ. އަދި އެ ރަށުގައި ތިބި މުލަކު މީހުން ގޮވައިގެން ރަށަށް ދުރުވިއެވެ. މިހުން މުލަކަށް ބޭލުއްވީ ފަންޑިތަ ހައްދަވައި ރަށް އަމާން ކުރައްވައިފައެވެ. ދެން އިތުރަށް ފަންޑިތަ ހައްދަވައި މީހުން ވަޒަންވެރި ކުރެއްވިއެވެ. އެ ފަހުން ފުވައްމުލައް ފަޅެއް ނުވެއެވެ.

.......................

ރެފަރެންސް

1. ފާރޫޤް އަޙުމަދު، ފުވައްމުލައް (2004) "ފުވައްމުލައް ފަޅުވުން،" ފަތްތޫރަ، އަދަދު 298، ޞ. 34 ން 37 އަށް