ޗިކަން ފްރައިޑްރައިސް

0

ތައްޔާރުކުރުމަށާއި ކައްކަން ނަގާ ވަގުތު: 50 މިނިޓް

ސާރވްސް: 6 މީހުން

Advertisement

ކެލޮރީގެ މިންވަރު:424 ކިލޯކެލޮރީ

ބޭނުންވާ ތަކެތި:

ބަތް ތައްޔާރުކުރަން:

  • 1 ½ ޖޯޑު ބާސްމަތީ ހަނޑޫ
  • 3 ޖޯޑުފެން
  • 450 ގ ބޯންލެސް ކުކުޅު (ކިއުބްކޮށް ކޮށާލާފަ)
  • 2 ކެރެޓް (ތުނިކޮށް ކޮށާލާފަ)
  • 2 ބިސް
  • 3 ލޮނުމެދު (ތުނިކޮށް ކޮށާފަ)
  • 1 ސައިސަމުސާ ތެޔޮ
  • 2 މޭޒުމަތީސަމުސާ ބަޓަރު
  • ގްރީން އޮނިއަން(ރަހަލާވަރަށް)
  • ލޮނާއި އަސޭމިރުސް(ރަހަލާވަރަށް)

ސޯސް ތައްޔާރުކުރަން:

  • 2 ސައިސަމުސާ ސިސޭމް ތެޔޮ
  • 1/3 ޖޯޑު ސޯޔާސޯސް
  • 3 މޭޒުމަތީސަމުސާ ފެން

ތައްޔާރުކުރާނެ ގޮތް:

  1. 1½ ޖޯޑު ބާސްމަތީ ހަނޑުލުގެ ތެރެއަށް ރަހަލާވަރަށް ލޮނާއި 3 ޖޯޑު ފެން އަޅާލުމަށް ފަހު 25-30 މިނިޓް ވަންދެން ކައްކާލާށެވެ. ހަނޑޫކޮޅު ރީއްޗަށް ފުފިލަންދެން ކައްކާލަން ވާނެއެވެ. ކެކުމުން ބަތްކޮޅު ހިހޫކޮށްލަން ބަހައްޓާލާށެވެ.
  2. ދެން ކޮށާލާފައި ހުރި ކުކުޅު ކޮޅު ލޮނާއި އަސޭމިރުސް އަޅާ މޮޑެލާށެވެ. އެއަށްފަހު 1 ސައިސަމުސާ ތެޔޮ ތަވާއަކަށް އަޅާ ހޫނުކޮށްލުމަށްފަހު އޭގެތެރެއަށް ތައްޔާރުކޮށްލި ކުކުޅުކޮޅު އަޅާ މުށިކުލަ އަރަންދެން ރަނގަޅަށް ކައްކާލާށެވެ.
  3. ދެން ކުކުޅުކޮޅު ކެކުމުން ތަށްޓަކަށް އަޅާލުމަށް ފަހު 1 މޭޒުމަތީސަމުސާ ބަޓަރާއި ކޮށާފައިވާ ކެރެޓްކޮޅު ތަވާގެ ތެރެއަށް އަޅާ މިލުވާލާށެވެ. ކެރެޓްކޮޅު ރަނގަޅަށް މިލުމުން ކުކުޅުކޮޅު އަޅާފައި ހުރި ތަށީގެ ތެރެއަށް އަޅާފައި ބަހައްޓާލާށެވެ.
  4. ދެން 1 މޭޒުމަތީސަމުސާ ބަޓަރު ތަވާގެ ތެރެއަށް އަޅާ ، ބަޓަރުކޮޅު ހޫނުވުމުން 2 ބިސް އޭގެ ތެރޭގައި ސްކްރެމްބަލް ކޮށްލާށެވެ.
  5. ބިސް ސްކްރެމްބަލް ވުމުން ކޮށާފައިވާ ލޮނުމެދުކޮޅާއި ކުރިން ތައްޔާރުކުރި ކުކުޅާއި ކެރެޓް އަނެއްކާވެސް ތަވާގެ ތެރެއަށް އަޅާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކައްކާފައި ހުރި ބަތްކޮޅު ތަވާގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ.
  6. ކުޑަ ބޯތަށްޓެއްގައި ސޯސް ހަދަން ބޭނުންވާ ތަކެތި އެއްކޮށްލާ، އޭގެ ތެރެއަށް ގްރީންއޮނިއަން ކޮޅު އަޅާލާށެވެ. އެއަށްފަހު ތައްޔާރު ކުރެވުނު ސޯސް ތަވާއަށް އަޅާ ބަތްކޮޅާއި އެއްކޮލާފައި 2 -3 މިނިޓް ވަންދެން ކައްކާލާށެވެ.

ނޯޓް: ބޭނުންފުޅު ނަމަ އިތުރަށް ސޯޔާސޯސް އަޅާލެވިދާނެއެވެ.

މި ޗިކަން ފްރއިޑްރައިސް އަކީ ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ކާނާއެކެވެ.

Advertisements