އަނިޔާގެ ސަބަބުން ޔުއެފާ ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ ދެވަނަ ލެގުގައި މާދަމާ ރޭ، ކުރީގެ ކްލަބު، ރެއާލް މެޑްރިޑާ ދެކޮޅަށް ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ނުކުޅެވޭނެ ކަމަށް ޕީއެސްޖީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

މެޗުގެ ކުރިން ސްޕެނުގެ ނޫސް އެޖެންސީ "އީއެފްއީ" އާ ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ ރާމޯސްގެ ކުޑަކަޅުވާއަށް ލިބިފައިވާ އަނިޔާއިން އޭނާ މުޅިން ރަނގަޅު ނުވާކަމަށެވެ. ޕޮޗެޓީނީ އިތުރަށް ބުނީ މެޗުގައި ނުކުޅެވުނަސް ޓީމާއެކު ރާމޯސް، މެޑްރިޑަށް ދަތުުރު ކުރާނެ ކަމަށެވެ. "ކްލަބުގައި ރާމޯސް އެދިފައި އޮތީ އޭނާއަށް މިމެޗުގައި ނުކުޅެވުނަސް ޓީމާއެކު މެޑްރިޑަށް ގެންދިޔުމަށް. ރެއާލްގައި ކާމިޔާބު ސަތާރަ ވަރަކަށް އަހަރު ހޭދަކުރި ކުޅުންތެރިއެއް އޭނާއަކީ. ކޮންމެ ގޮތެއްވިޔަސް މިމެޗް އޭނާއަށް ވަރަށް ހާއްސަވާނެ" ޕޮޗެޓީނޯ ބުންޏެވެ.

ރެއާލްއާ ދެކޮޅަށް ރާމޯސްގެ އިތުރުން ފޯވާޑް ނޭމާއަށް ކުޅެވިދާނެކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. "ނޭމާވެސް މުޅިން ފިޓެއް ނޫން. ޑިމަރީއާއެވެސް ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި" ޕޮޗެޓީނޯ ބުންޏެވެ.

މިދެޓީމު ފުރަތަމަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި ބައްދަލު ކުރި މެޗް 1-0 އިން ކާމިޔާބު ކުރީ ޕީއެސްޖީއެވެ. ރެއާލްގެ ދަނޑުގައި މިދެޓީމު ބައްދަލު ކުރާ ދެވަނަ ލެގް ފަށާނީ ރާއްޖޭ ގަޑިން މާދަމާ ރޭ ދަންވަރު 1:00 ގައެވެ.