އައިމިނަތު އަބުދުއްރަޝީދު (އާމީ) އަށް ގއ. ނިލަންދޫ ސްކޫލްގެ ގްރޭޑް 10 ނިންމާލުމަށްފަހު ވަޒީފާއެއްގެ ފުރުޞަތު ލިބުނީ އެރަށް ކައިރީގައި އަލަށް ހުޅުވި ރިސޯޓެއް ކަމަށްވާ ދަ ރެޒިޑެންސް މޯލްޑިވްސް އިންނެވެ. އޭރު އާމީގެ އުމުރަކީ އެންމެ 17 އަހަރެވެ. ފުރާވަރު އުމުރުގައި އާމީ ވަޒީފާއަށް ނުކުތް އިރު "ހޮސްޕިޓަލިޓީ" ދާއިރާގެ އަލިފު، ބާ ވެސް ނޭނގެއެވެ. ރިސޯޓުތަކުގައި މެހުމާންދާރީ އަދާކުރަނީ ކިހިނެއްކަމެއް ނުދަނެއެވެ. އެހެންނަމަވެސް ނަސީބު އޭނާގެ އަތުގައި ހިފިއެވެ. އިނގެރޭސިބަހުން ވާހަކަދައްކަން ފަރިތަކަމުންނެވެ. އެހިސާބުން ފްރޮންޓް އޮފީސް ގެސްޓް ސާވިސް އެޖެންޓްގެ މަގާމު ލިބުނެވެ.

މި ވަޒީފާގައި ދުވަސްކޮޅެއް ހޭދަވިތަނާ އާމީއަށް ކުންފުނީގެ ފަރާތުން ސްކޮލަޝިޕެއް ލިބުނެވެ. ފެކަލްޓީ އޮފް ހޮސްޕިޓަލަޓީ އެންޑް ޓްވަރިޒަމުން ޑިޕްލާމާއިން ހޮސްޕިޓަލަޓީ ކިޔެވުމަށް ފެށުމާއެކު މިތަނުން މި ދަސްކޮށްދެނީ އާދައިގެ ކެއްކުމާއި މުޅިން ތަފާތު ކަމެއްކަން އާމީއަށް އެނގުނެވެ. އަދި މި ކޯހަށް އޭނާ ޝަޢުގުވެރިކަން އުފެދުނުމިންވަރުން އެހެން ދިމާއަކަށް ދިއުމުގެ ޚިޔާލުތައް މުޅިން ދޫކޮށްލިއެވެ.

އާމީ ތައްޔާރުކޮށްފައިވާ ކެއުމެއް

ކޯސް ނިންމާލިއިރު "ކަލިނަރީ" ރިސޯޓް ބަދިގޭގެ ހުރިހާ ކެއްކުމެއް އާމީ އަށް އެނގެއެވެ. ދިވެހި ކެއުން، ޕޭސްޓްރީ، ބާބަކިޔު، ސީފުޑް، ޖަޕަނީޒް، ޓޭކްހައުސް، ފައިންޑައިން، ކޯލްޑް ކިޗަން މި ހުރިހާ ބާވަތެއްގެ ތަޖުރިބާ އާމީގެ އެބަހުއްޓެވެ. އާމީ 2013 ވަނަ އަހަރު ފެކަލްޓީގައި ކިޔެވިއިރު ހޮޓެލް އޭޝިއާ ޗެލެންޖް ގައި ބައިވެރިވެ ރިހި މެޑަލް ހޯދިއެވެ. އަދި ހަމަ މި މުބާރާތުގައި ބައިވެރިވެ 2018 ވަނަ އަހަރު ދިވެހި ކެއުމުގެ ބައިން ރަން މެޑެލް ހޯދިއެވެ.

އާމީ ތައްޔާރުކޮށްފައިވާ ކޭކެއް

އާމީ ފެކަލްޓީގައި ކިޔެވި ދުވަސްވަރު ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނުކަމަށް އޭނާ ބުންޏެވެ. "މިދާއިރާގައި ކުރިއަށް ދިއުމަށް މަގުދެއްކި އެކަކީ އަޅުގަނޑުގެ ލެކްޗަރާ އައިމިނަތު ޝާނީ، އޭނަ ފުރުޞަތު ދީގެން ހޮޓެލް އޭޝިއާ ސްޓޫޑޭންޓްގައި ބައިވެރިވެވުނީ، އެއިން އެންމެ ފުރަތަމަ ކެއްކުމުގެ މެޑެލް ލިބުނީ" އާމީ ބުންޏެވެ.

ފަތުވެރިކަމުގެ ދާއިރާއަކީ ޒުވާން އަންހެނުން ކުރިއަށް ދިއުމަށް ރަނގަޅު ދާއިރާއެއް ކަމުގައި އާމި ބުންޏެވެ. އާ ކަންތައްތައް ދަސްވެ ގިނަ ތަޖުރިބާތަކެއް ލިބޭ ދާއިރާއެކެވެ. ރަނގަޅު އާންމުދަނީއެއް ލިބޭ ދާއިރާއެކެވެ. ދާއިރާ ދޫކޮށް، އަމިއްލަ އަށް މަސައްކަތެއް ކުރަންބޭނުންވިޔަސް ފައިސާއާއި ތަޖުރިބާ ލިބޭނެ ދާއިރާއކެވެ.

ބަރަބޮލުން އާމީ ތައްޔާރުކޮށްފައިވާ ކެއުމެއް
"މިދާއިރާގައި ކުރިއަށްދިއުމަށް ވަރަށް ގިނަ ގޮންޖެހުންތައް އަދިވެސް އެބަހުރި. އެންމެ ބޮޑު އެއްކަމަކީ އަންހެނަކަށް ވުމުން ބަލައި ނުގަތުން. އަންހެނުން ބާރުވެރި ކުރުވައޭ ކިތަންމެ ވަރަކަށް ކިޔައި ހެދިޔަސް އަދިވެސް މިކަން ބައެއް މީހުން ދެކެނީ ބުނާ ބަހެއްގެ ގޮތުގައި. ބައެއް ކުންފުނި ތަކުން އަންހެނުންނަށް ވަޒީފާ ދެނީ ހަމައެކަނި ދުނިޔެ އަށް ދެއްކުމަށް. ބައެއް މީހުން އަންހެން ޝެފެއް ހުރިކަމަށް ދައްކަންވެގެން ވަޒީފާދޭ. އަންހެން ޝެފުންނަށް އަމިއްލައަށް އެއްވެސް ކަމެއްކުރުމުގެ އިޚުތިޔާރާއި ބާރު ނުދޭ ރިސޯޓުތައްވެސް ރާއްޖޭގައި ވަރަށް ގިނަ. މިކަން ލޮލުން ދެކެ އަމިއްލައަށް ތަޖުރިބާކުރިން." އާމީ ބުންޏެވެ.

ކިޔެވުން ނިންމުމަށްފަހު 6 މަސްދުވަސްވަންދެން ރިސޯޓަކުން ޝެފެއްގެ މަގާމު ލިބޭތޯ އާމީ މަސައްކަތްކުރިއެވެ. 20 ރިޒޯޓަކުން ހުޅުވާލި މަގާމުތަކަށް ހުށަ ހެޅިއެވެ. ނަމަވެސް ކޮންމެ ތަނަކުންވެސް ލިބޭ ޖަވާބަކީ ތިމަންނަމެން ބޭނުންވަނީ ފިރިހެނެކެވެ. އެންމެފަހުން ކުޑަ ރިސޯޓެއްގެ ރިސެޕް ޝަނިސްޓެއްގެވަޒީފާ އަށް އޭނާ ކުރިމަތި ލިޔެއެވެ. ވަޒީފާ ހަމަޖެހުމުން އެމަގާމަކަށް އެދިއެދި ހުރި އާމީ ޝެފެއްގެ މަގާމު ލިބިދާނެތޯ ސުވާލުކުރިއެވެ. އެ ހިސާބުން އާމީ އަށް އޭނާގެ ހުނަރު ބޭނުންކުރާނެ މަގު ފަހިވިއެވެ. 30 ރޫމްގެ މި ރިސޯޓަށް ޝެފެއް ބޭނުންވެފައިވާތީ އެވެ.

"އާމީ ތައްޔާރުކޮށްފައިވާ "މެންގޯ ރޯސް

އާމީ ބުނަނީ އަންހެނަކަށްވީތީ ރިސޯޓް ދާއިރާއިން ފުރުޞަތުދޭން ފަސްޖެހިގެން ނުވާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ނުކުންނަ އަންހެނުން، ތިމަންނައަކީ ފިރިހެނަކަށް ވީނަމައޭ ހިތަށް ނާރާނެމިންވަރަށް އަންހެނުންގެ މަސައްކަތް ބަލައިގަންނަންޖެހެއެވެ. އެމީހުންގެ މަސައްކަތަށް އިހުތިރާމުކުރަންޖެހެއެވެ. ފަތުރުވެރިކަމުގެދާއިރާއިން ކުރިއަށްދާން ބޭނުންވާ އަންހެނުންމަގާމު ދިނުމަށްފަހު ބިއްލޫރި ކޮށްޓަކަށް ލާފައި ބޭންދުމަކީ އަންހެނުން ބާވެރިކުރުމެއްނޫނެވެ. އެމީހުނަށް ފުރައްސާރަކުރުމެވެ.

އާމީ: 2021 ވަނަ އަހަރުގެ އިންޓަނޭޝަނަލް ޝެފުން ޑޭގައި ޖޭޑަބްލިޔު މެރިއޮޓްސް ޝެފުންނާއެކު

އާމި މިހާރު ވަޒީފާއަދާކުރާ ޖޭޑަބުލިޔު، މެރިއަޓް މޯލްޑިވްސް އަކީ މުޅިދުނިޔޭގައިވެސް އެންމެ މަޝްހޫރު އެއް ހޮޓެލް ކުންފުނި ހިންގާ ސްޓާވުޑް ގެ ބައެކެވެ. ރާއްޖޭގެ އެންމެއަގު ބޮޑު ރިސޯޓުތަކުން އެއް ރިސޯޓެވެ. ފަސްތަރީގެ މި ރިސޯޓަކީ އަންހެނުންނަށް ވަޒީފާގެ ފުރުޞަތު ދިނުމުގައި ފާހަގަކޮށްލެވޭ ރިސޯޓެކެވެ. މި ރިސޯޓުގައި ހަމައެކަނި އަންހެން ޝެފުން، މަސައްކަތް ކުރާ ދެ ރެސްޓޯރެންޓުހުރެއެވެ. އާމީ އަކީ އެ ރިސޯޓުގައި މަސައްކަތްކުރާ ހަމައެކަނި ދިވެހި ޝެފެވެ. މި ރިސޯޓުގައި މަސައްކަތްކުރާނެ ފުރުޞަތު ލިބުނީ އާމީގެ ގަދަ ހިތްވަރުންނެވެ. އެއީ ފާޑުކިޔުންތަކަށް ބީރުކަންފަތެއް ދިނުމަށް ފަހު އަމިއްލަ މުސްތަޤުބަލަށް އެޅި ހެޔޮ ފާލެކެވެ. އެހެން ޒުވާން އަންހެނުންނަށް ދެއްކި ނަމޫނާއެކެވެ. މި ޤައުމަށް ބޭނުންވަނީ އާމި ފަދަ ކެރޭ ހިތްވަރުގަދަ ކަނބަލުންނެވެ.