މިރޭ 9:00 ގައި ޑީއެންއޭ މާލަމުގައި ބާއްވާ ވަރމް-އަޕް ހަރަކާތް ފޯރިގަދަ ކުރުމަށް ރައްޓެހިރަހުމަތްތެރީންނާއެކު އެތަނަށް ވަޑައިގެންދެއްވުމަށް އެދި ކުރީގެ ހޯމް މިނިސްޓަރ އާއްމުދައުވަތެއް ދެއްވައިފިއެވެ.

ޢުމަރު ނަސީރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް ވިދާޅުވުމަށްފަހު ކެންޕޭން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިރޭ ބާއްވާ މި ހަރަކާތަކީ ތިން މަހުގެ މެދުކެނޑުމަކަށްފަހު ބާއްވާ ކެންޕޭނުގެ ފުރަަމަ ހަރަކާތެވެ. "މިރޭ އޮންނަ ކެންޕޭން ވަރމް-އަޕް އިވެންޓަށް ރައްޓެހީން ގޮވައިެން ވަޑައިގެން ދެއްވުން އެދެން. ފޯރިގަދަ އިވެންޓަކަށްް ހެދުމަށްޓަކައި ހުރިހާ ބޭފުޅުން ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވަން. މިރޭ 9:00 އަށް ޑިއެންއޭ މާލަަމަށް،" ޢުމަރު ވިދާޅުވެފައިވެއެވެ.

ޢުމަރުގެ ކެންޕޭން ތިން މަހަށް މެދުކަނޑާލީ އޭނާގެ މައްޗަށް އޭސީސީން ހިންގި ތަހުގީގަކަށްފަހު، ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމުންނެވެ. ޢުމަރު ވިދާޅުވެފައިވަނީ ކެންޕޭން މެދުކަނޑާލީ ދައުލަތަށް އިޙުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އެހެންނަމަވެސް ތިން މަސްވެގެން ދިޔައިރުވެސް ކުށް ސާބިތު ނުކުރެވުމުން ކެންޕޭން ހަރަކާތް އަލުން ފަށަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.