ކުރީގެ ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ އިންޑިއާއައުޓު ކެންޕޭނަށް ރައްޔިތުުންގެ ތާއީދެއްނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ރައްޔިތުންނަށް ގެއްލުން ދޭނޭ ކަމެއް ކަމަށެވެ. އެހެން ކަމުން އެ ހަރަކާތުގައި ބައިވެރިނުވުމަށް އެމަނިކުފާނުވަނީ ޕީޕީއެމްގެ މެމްބަރުގެ ކިބައިން އެދިވަޑައިގެންފައެވެ.

"ރައީސް ޔާމީން އިންޑިއާއާ ދެކޮޅަށް ހިންގަވާ ހަރަކާތަކީ ރައްޔިތުންގެ ތާއީދުނެތް، ދިވެހީންނަށް އޭގެ ގެއްލުން ދޭނޭ ކަމެއް. ޕީޕީއެމްގެ މެމްބަރުން ކިބައިން ވަރަށް އިޚުލާސްތެރިކަމާއެކު އަޅުގަނޑު އެދެނީ ގައުމުތަކާ އިދިކޮޅު ހަރަކާތުގައި ބައިވެރިވެނުލެއްވުމަށް،" އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވެފައިވެެއެވެ.

މީގެ ކުރީން ވެސް ރައީސް ނަޝީދު ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ހިންގިގެންވާނޭ ހަރަކާތެއް ނޫންކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ދޭދޭ ގައުމުތަލާ އޮންނަ ގުޅުން ހީނަރުވެ ދިވެހީންނަށް ގެއްލުންވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މި ކެންޕޭން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް އެމްޑީޕީން ހުށަހެޅިއެވެ.

އިންޑިއާއައުޓު ކެންޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތަކެވެ. މި ހަރަކާތް މާލެއިން ފަށައި މިހާރުވަނީ އަތޮޅުތަކަށް ފުޅާ ކޮށްފައެވެ. މިއަދު ހަވީރު އދ. މަހިބަދޫގަ އާއި މާލޭގައި ވެސް މީގެ ސިލްސިލާއެއް ކުރިއަށްދާނެއެވެ. މަހިބަދޫގައި ބާއްވާ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ޔާމީން ވަނީ އެރަށަށް ވަޑައިގެންފައެވެ.