ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ރައިސާ ޕްރައިވެޓް ލިމިޓަޑާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މިއަދުވެފައިވާ އެއްބަސްވުމުގައި ރައިސާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެޗް.އާރް މެނޭޖަރ މުސްޠަފާ މުޙައްމަދުފުޅެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

މިމަސައްކަތް ނިންމަން އެކުންފުނީން ދީފައިވާ މުއްދަތަކީ 365 ދުވަހެވެ. މި ތަން އިމާރާތް ކުރަނީ ދެ ފަންގިފިލާއަށެވެ. މި މަރުކަޒަކީ ދިވެހި ދައުލަތުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ޢިމާރާތެކެވެ. މިޢިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިމަކާއި، ލައިބްރަރީއަކާއި، މީޓިން ރޫމެއް ހަދަން ނިންމާފައިވެއެވެ. ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރާނެއެވެ. ނަމާދުކުރާ ޖާގައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.