ބައެއް ފުލުހުން ގަސްތުގައި ބައެއް މައްސަލަތަކުގެ ތަހުގީގީ މަރުހަލާ ގަޑުބަޑު ކުރާ ކަމަށް ދައުލަތުގެ ބަންޑާރަނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވުމުން، އެކަން ރިޕޯޓު ކުރެވިފައިނުވާ ކަމަށް ބައްލަވައި އެއާމެދު އަމަލު ނުކުރައްވައި ހޯމް މިނިސްޓަރު ހުންނެވުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ތަހުގީގު ހިންގުމުގައި ބައެއް ފުލުހުން ގަސްތުގައި ގޯސްތައް ހަދައި ގަސްތުގައި ތަހުގީގީ މަރުހަލާ ގަޑުބަޑު ކުރާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވުމުން އެފަދަ ފުލުހުންނާމެދު އަޅުއްވާ ފިޔަވަޅުތަކާބެހޭގޮތުން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ކުރެއްވި ސުވާލަށް، މިނިސްޓަރު އިމްރާން ދެއްވި ޖަވާބާ ގުޅިގެންނެވެ.

އެ މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އިމްރާން ވިދާޅުވީ، ވަކި ފުލުހަކު އެނގިހުރެގެން ސީދާ ގަސްތުގައި އެގޮތަށް ކަމެއް ކޮށްފައިވާ ކަމަކަށް ރިޕޯޓެއް ހުށަހަޅާފައި ނުވާކަމަށެވެ.

އެހެންކަމުން ފުލުހުންގެ މުޅި މުއައްސަސާއަށް ނިސްބަތްކޮށް އެފަދަ ބަސްތައް ބޭނުން ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް އިމްރާން ވިދާޅުވީ، ފުލުހުންގެ މަސައްކަތައް އިތުރަށް ހަރުދަނާކޮށް ފުލުހުން ޒިންމާދާރު ކުރުވުމަށްޓަކައި، އެފަރާތްތަކާމެދު ތުހުމަތު ުރެވޭ މައްސަލަަތާއި، އެފަރާތްތަކާބެހޭގޮތުން ހުށޑަހެޅޭ މައްސަލތަކުގައި ފިޔަވަޅު އަޅަމުންދާ ކަމަށާއި އެގޮތުގެ މަތިން ހުސްވި އަހަރުވެސް ބައެއް އޮފިސަރުންނާމެދު ފިޔަވަޅުއަޅާފައިވާ ކަމަށެވެ