ވެކްސިނެއް ލިބުމަކުން އެކަނި ކޮވިޑްބަލި ހުއްޓުމަށް ނުގެނެވޭނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔޭގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެއެވެ.

ޖެނީވައި ހުންނަ ޑަބްލިޔޫއެޗްއޯގެ މައި މަރުކަޒުގައި ހޯމަދުވަހު ބޭއްވި ވާޗުއަލް ޕްރެސް ކޮންފަރެންސްގައި، ޑރ. ޓެޑްރޯސް ވިދާޅުވީ، އެހެން ނަމަވެސް، ވެކްސިނަކީ ކޮވިޑްބަލި ހުއްޓުވަން ގައުމުތަކުން މިހާރު ބޭނުންކުރަމުންދާ ވަސީލަތްތަކަށް އެހީތެރިވެދޭނެ އެއްޗެއް ކަމަށެވެ.

ކޮވިޑް ވެކްސިނަކީ، މިހާރު ބޭނުންކުރަމުންދާ ވަސީލަތްތަކުގެ ބަދަލުގައި ހަމައެކަނި ބޭނުންކުރާ އެއްޗަކަށް ވެގެން ނުވާނޭ ކަމަށްވެސް ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވިއެވެ.

"އޭގެ ޒާތުގައި ހަމައެކަނި ވެކްސިނަކީ މި ބަލިމަޑުހާލަތު ނިމުމަކަށް ގެނެވޭނެ ވަސީލަތެއްނޫން" ޑރ. ޓެޑްރޯސް އަދަނޮމް

ވެކްސިނާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް މި މޭރުމުން ވާހަކަ ދެއްކެވިއިރު، މުޅި ދުނިޔެ މިހާރު އިންތިޒާރުކުރަމުންދަނީ ކޮވިޑަށް ވެކްސިނެއް އުފައްދައި، ބާޒާރަށް ނެރެވޭނެ ވަގުތަކަށެވެ.

ވެކްސިނެއް ތަރައްގީކުރަން ދުނިޔޭގައި ވެކްސިން އުފައްދާ ބޮޑެތި ކުންފުނިތަކުން މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ ދެ ކުންފުންޏަކާއި، ރަޝިޔާ ކުންފުންޏަކާއި އަދި ޗައިނާ ކުންފުންޏަކުން ތަރައްގީކުރި ވެކްސިންގެ ދެވަނަ އަދި ތިންވަނަ ކްލިނިކަލްސް ޓްރައިލްސްގެ ނަތީޖާތައް ވަނީ ހާމަކޮށްފައެވެ.

ކްލިނިކަލް ޓްރައިސްގެ ނަތީޖާތައް ކާމިޔާބު ކަމަށް ދައްކާފައިވާއިރު، ދުނިޔޭގެ މުއްސަނދި އަދި ބޮޑެތި ގައުމުތަކުން މިހާރަށްވެސްވަނީ އެތައް މިލިއަނުން ވެކްސިން ޑޯޒް ގަތުމަށް ދުރާލާ ކުންފުނިތަކަށް ފައިސާ ދައްކާފައެވެ. ނުވަތަ ވެކްސިން ރިޒާވްކޮށްފައެވެ.

ޑަބްލިޔޫއެޗްއޯގެ އިސް ނެގުމުގެ ދަށުން ދުނިޔޭގެ އެތައް ގައުމަކާއި، ވެކްސިން އުފައްދާ އެތައް ކުންފުންޏެއް ބައިވެރިވެގެން ވެކްސިނެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރަމުން ގެންދާއިރު، ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ހޯމަދުވަހުވެސް ވިދާޅުވީ، ވެކްސިނެއް އުފެއްދުމާއެކު އެންމެ ފުރަތަމަވެސް ވެކްސިން ދޭނީ، ސިއްހީ އެހީތެރިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެނޫންވެސް ނާޒުކު ހާލަތުގައި ތިބޭ މީހުންނަށް ކަމަށެވެ.

އެކަމުގެ ސަބަބުންވެސް މަރުވާ މީހުންގެ އަދަދުތައް މަދުވެ، ސިއްހީ ޚިދުމަތް ދިނުމުގެ މަސައްކަތުގައި ގައުމުތަކަށް ނޭވާލެވޭވަރު ވާނެކަމަށްވެސް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވިއެވެ.

ވަރަށް އަވަހަށް ވެކްސިނެއް ލިބުމުގެ އުންމީދު އާވެފައި ވާއިރު، ކޮވިޑް ބަލިމަޑު ހާލަތުވެސް ދުނިޔޭގައިދަނީ އިތުރަށް ގޯސްވަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލީގައި މަރުވި މީހުންގެ އަދަދު 1.3 މިލިއަނަށް އަރާފައި ވާއިރު، ބަލިޖެހުނު މީހުންގެ އަދަދުވަނީ 54 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.