ހުސްހަށިބައިތަ؟ ލިބިފައިވާ މިނިވަންކަމުގެ ފައިދާ ނަގާ!

0

ކުޑައިރުއްސުރެ ޒުވާންވަންދެން ކިޔަވަނީއެވެ. އެއަށްފަހު ކައިވެންޏެއްކޮށް ދަރިއެއް ހޯދައިގެން މަސައްކަތްކުރަނީ ރަނގަޅު އުފާވެރި ދިރިއުޅުމަކަށް މުސްކުޅިވަންދެނެވެ. މިއީ ދުނިޔޭގެ އެތައް ބައެއްގެ ދިރިއުޅުމެވެ. ދެން ހުރީ ހުސްހަށި ބައި މީހުންނެވެ. ކުރާނެ ކަމެއް ނޭނގި ވަޒީފާ، ކިޔެވުން އަދި އާއިލާއާ ރައްޓެހިންނާ އެކު ދުވަސްތައް ހޭދަ ކުރެއެވެ.

ނަމަވެސް މިފަދަ މިނިވަންކަމެއް ލިބިފައި އޮއްވާ އޭގެ ބޭނުން ހިފަނީ މަދުބައެކެވެ. މީހަކާ އިނދެ ދަރިން ފައްޗެއް ލިބުނީމަ ދެން ކުރިން ކުރަން ބޭނުންވިކަންތައްތައް މަތިން ހަނދާންވާނެއެވެ. މި ލިޔުމުގައި ހިމަނާލަނީ މިނިވަންކަން ލިބިފައިވާ މީހުންނަށް ކުރެވިދާނެ ކަންތައްތަކެވެ. އޭގެ ތެރޭގައި:

Advertisement

• ދާން ބޭނުންވި ބޭރު ޤައުމަށް ޒިޔާރަތްކޮށްލާށެވެ. އާއިލާގެ ގާތް މީހެއް ނުވަތަ ރައްޓެއްސަކާއެކު ވެސް ރަނގަޅުވާނެއެވެ. ނުވަތަ އެކަނި ކެރެންޏާ އެކަނިވެސް ދާންވީއެވެ. ނަމަވެސް އެ ޤައުމުގައި ރައްކައުތެރި ވުމަށް ހުރިހާ ދިރާސާއެއް ކުރުން މުހިއްމެވެ.

• ދުޅަ ހެޔޮކޮށް ކައި ކަސްރަތުކުރާށެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވާށެވެ.

• އައު އެއްޗެއް ދަސްކުރާށެވެ. އެއީ އައު ބަހެއް، ނުވަތަ ތަފާތު ހުނަރެއް ވިއަސް އެވެ.

• ޑިގްރީ، މާސްޓަރސް، ނުވަތަ ޕީ.އެޗް.ޑީ ވެސް ހަދާށެވެ. މިކަންތައްތައް ކުރަން އެންމެ ފަސޭހަވާނީ ދިރިއުޅުމުގެ ޒިންމާ އަދި ބޮލުގައި ނޭޅޭ އިރުއެވެ.

• ކުޑައިރުއްސުރެ ކުރާ ހިއްވި ކަމެއް އެބަ އޮތްހެއްޔެވެ؟ އެކަމެއް ކުރާށެވެ.

• އެހެން މީހަކަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅެން ނިންމާށެވެ.

• ބިރުގަންނަ ކަމެއް އޮތިއްޔާ އެ ބިރުން ނިކުތުމަށް އެއާ ކުރިމަތިލާށެވެ. އެއީ ޑައިވްކުރުން ކަމުގައި ވިއަސް އެވެ.

• ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ހަދާ ފަހަރަކު ކަމެއް ކާމިޔާބު ކުރަން މަސައްކަތްކުރާށެވެ.

• އެކި ބާވަތުގެ ފޮތް ކިޔާ މަޢުލޫމާތު މުއްސަނދި ކުރާށެވެ.

• އުޅޭ ހިތް ނުވާ ވަޒީފާއެއްގައި އުޅޭނަމަ އެހެން ތަނެއް ހޯދާށެވެ.

• ކައްކަން ނޭނގޭނަމަ ކައްކަން ދަސްކުރާށެވެ.

މިނިވަންކަމަކީ އެ އޮތް އިރު ވަރަށް މުހިއްމު އެއްޗެކެވެ. ނަމަވެސް މީގެ މާނައަކީ މީހަކާ އިނުމުން އެ މިނިވަންކަން ގެއްލޭނެއެކޭ ނޫނެވެ. ނަމަވެސް އިތުރަށް ވިސްނަން ޖެހޭ ކަންތައްތަކެއް އަންނާނެއެވެ. ކުރަން ބޭނުންވާ ކަންތައްތައް އެހާ ފަސޭހަކަމާއެކު ނުކުރެވުން އެކަށީގެން ވެއެވެ. ވީމާ ތިބާ ކުރާ ހިތްވާ ކަންތައްތައް ކުރުމަށް ވެސް އިސްކަން ދޭށެވެ. ނަމަވެސް މާތް އިސްލާމްދީނުގެ މިންގަނޑު ތެރޭގައި ކުރާ ކަމެއް ކުރުމަށް ސަމާލުވާށެވެ. ހަޤީޤީ އުފާ ލިބޭނީ އޭރުންނެވެ.

Advertisements