ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ގާޒީ ކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގާޒީ ބާރީ މަގާމުން ވަކިކުރަން އެދި މަޖިލީހަށް ފޮނުވަން ނިންމީ މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.

ގާޒީ ބާރީގެ މައްޗަށް ސާބިތުވި މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމް ކުށުގެ ދައުވާގައި، އެމަނިކުފާނުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަހްމަދު އަދީބަށް ފޮނުވުމަށް ގާޒީ ބާރީ އެ ހުކުމް ދިން މައްސަލަ ހިމެނެއެވެ.

އަދި އޭރުގެ ސަރުކާރުން "ބޭނުންވި ގޮތަށް ޝަރީއަތްތައް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު،" ގާޒީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމަށް ވެސް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު އާއި ގާޒީ ބާރީއާ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ގާޒީ ބާރީ ބައިވެރިވިކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

މީގެއިތުރުން ހަމަ އެ ދުވަސްވަރު ކުރީގެ ނައިބު ރައީސް އަދީބުގެ ފަރާތުން ފަސް ލައްކަ ރުފިޔާ ގާޒީ ބާރީއަށް ދީފައިވާކަމާއި، ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ނަގުދު ފައިސާއިން ދައްކާފައިވާއިރު، އެފައިސާއަކީ ގާޒީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަހުގީގަށް އެނގޭ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ނެންގެވިކަން ހާމަވުމުން ބާރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރާތީ އޭނާ ވަނީ މީގެކުރިން ސަސްޕެންޑުކޮށްފައެވެ. އޭނާ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ނުހައްގުން ސިޔާސީ ބޭފުޅުންނަށް ހުކުމް އިއްވި ގާޒީއެއް ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.