ކަޅުވަކަރު މިސްކިތަކީ ހިރިގަލުން ބިނާކުރެވިފައިވާ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ރީތި މިސްކިތެކެވެ. ހިރިގަލާއި ކަޅުވަކަރުގައި ކުރެހުންތައް ކަނޑާނެގިފައިވާ އަދި މިސްކިތުގެ އެތެރޭގެ ބައިތައް ލާފެންކުރެވިފައިވާ ފުރިހަމަ މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގެ ނަމުން މި މިސްކިތަށް ނަން ދެވިފައިވަނީ މިސްކިތުގެ މަސައްކަތްތަކުގައި ކަޅުވަކަރު ބޭނުންކޮށްފައިވާތީއެވެ. ކަޅުވަކަރު ބޭނުންކޮށްގެން "ކަޅުވަކަރު މިސްކިތް" ކިޔާ ނަން ދެވިގެން ބިނާކުރެވިފައިވަނީ އެކު ޖުމްލަ 2 މިސްކިތް ކަމުގައި ތާރީޚީ ހޯދުންތަކުން އެނގެއެވެ. އެއީ ހުވަދު އަތޮޅު މަގުއްދޫ ގައި ހުރި ދެއްވަދޫ ރަސްގެފާނު ބެހެއްޓެވި ކަޅުވަކަރު މިސްކިތާއި އަދި މާލޭގައި ހުރާގޭ މުޙައްމަދު ފާށަނާ ކިލެގެފާނު ބަހައްޓަވަން ފެއްޓެވި މާލޭ ކަޅުވަކަރު މިސްކިތެވެ. މީގެ ތެރެއިން މިއަދާއި ހަމައަށް ފެންނަން ހުރީ މާލޭގައި ބެހެއްޓުނު ކަޅުވަކަރު މިސްކިތެވެ.

ތާރީޚުން ފެންނަން ހުރި މައުލޫމާތުން އެނގޭގޮތުގައި ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފައްޓަވާފައިވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ބޮޑުފާށަނާ ކިލެގެފާނުގެ ރަސްކަމުގައެވެ. ކަޅުވަކަރު މިސްކިތުގެ މަސައްކަތް ނިމިފައި ވަނީ ޝަމްސުއްދީން 2 ގެ ރަސްކަމަށް ފަހު ރަސްކަންކުރެއްވި ދޮންބަންޑާރައިންގެ ދޮށީދަރިކަލުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ސިރީ ކުލަ ސުންދުރަ ބަވަނަ މަހާރަދުން (ކަޅުބަންޑާރައިން) ގެ ރަސްކަމަށްފަހު ރަސްކަން ކުރެއްވި އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަ ސުންދުރަ ބަވަނަ މަހާރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުއެވެ.

ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ، ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައި އެ ގަނޑުވަރު ހުރި ބިމުގައެވެ. މިއީ މިތާނގައި މިސްކިތެއް ބިނާކުރެއްވުމަށް މި ޝަމްސުއްދީން ރަދުން ނަދުރުފުޅެއް ވިދާޅުވެފައިވާތީ ފެއްޓެވި މަސައްކަތެއް ކަމަށް ބުނެވެއެވެ. ސަބަބަށްޓަކައި މި މިސްކިތުގައި ބޭނުންކުރެވިފައިވާ ކަޅުވަކަރަކީ މިސްކިތައްވުރެ ދޮށީ އެއްޗެއް ކަމުގައި ބެލެވިދާނެއެވެ.

ކަޅުވަކަރު މިސްކިތުގައިވާ މުސްކުޅި ތާނަ ލިޔުމުގައިވަނީ “އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ދިހަވަނަ އަވެރުދު މިދަނާރު ދަނާވަތި ބިނާކުރައްވާފައި” މިފަދައިންނެވެ. މިއީ ކަޅުވަކަރު މިސްކިތުގެ މަސައްކަތް އެކިދުވަސްވަރު ކުރެވެމުން ގޮސް މިސްކިތުގެ މަސައްކަތް ނިންމި ވާހަކަ ކަމުގައި ބެލެވެއެވެ.

މަޖީދީމަގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ކަމުގައި އިބްރާހިމް ޝިހާބު ލިޔުއްވާފައިވެއެވެ. ނަމަވެސް އިމާދުއްދީން ރަދުން އެތަނަށް މިސްކިތް ބަދަލު ކުރެއްވުމުގެ ކުރީގައި އެމިސްކިތް ހުރީ ކޮންތަނެއްގައިކަން މާ މުއުތަބަރު ގޮތެއްގައި އެނގި ހާމަވާކަށް ނެތެވެ.

އިމާދުއްދީން ރަދުންގެ ފަހަށް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ކަޅުވަކަރު މިސްކިތް ފުރަނަފުށީގެ ރިސޯޓު ހިންގި ފަރާތަށް ވިއްކަވާ ލެއްވިއެވެ. ކަޅުވަކަރު މިސްކިތް އުވާލެވުނީ 7 އޯގަސްޓް 1978 ގައެވެ. 1 އޮކްޓޯބަރ 1978 ގައި ނީލަން ކިޔައިގެން ކަޅުވަކަރު މިސްކިތް އެ ރިސޯޓުން މިސްކިތް ގަތީ 9715 ރުފިޔާ 26 ލާރި އަށެވެ.

15 ޖެނުއަރީ 1979 ގައި ރައީސް މައުމޫންގެ ސަރުކާރުން މިސްކިތް ނީލަން ކިއުމަކީ ހަމަޖެހޭ ކަމަށް ނުވާތީއާއި އަދި ކަޅުވަކަރު މިސްކިތަކީ އާޘާރީ ތަނެއްކަމުގައި ވާތީ އެ މިސްކިތް ސަރުކާރަށް ނަންގަވަން ނިންމެވިއެވެ. މިހެންވުމުން ފުރަނަ ޓުއަރިސްޓް ރިސޯޓް ހިންގަވާ ފަރާތެއް ކަމަށްވާ ޓްރެޝަރ އައިލެންޑް އެންޓަރ ޕްރައިޒަސްގެ ފަރާތުން އެކުންފުނީގެ ޗެއަރމަން މިސްޓަރ ވޭން.ވީ.ރީޑް މިސްކިތް އަނބުރާ ދިވެހި ސަރުކާރާ ހަދިޔާކުރެއްވީއެވެ. ފުރަނަފުށިން ސަލްޓަންޕާރކް ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވުމަށް ފަހު އަލުން ހުޅުއްވައި ދެއްވީ 5 ނޮވެމްބަރ 1980 ގައި ރައީސް މައުމޫނެވެ.

2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެތެރޭގައި ސަލްޓަން ޕާރކްގެ އިރު ދެކުނު ކަނުގައި ބެހެއްޓިފައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލެވި އެތަނުން ނެގުނެވެ. އޭގެ ފަހުގައި ކަޅުވަކަރު މިސްކިތް ގދ. ތިނަދޫއަށް ބަދަލުކުރުމުގެ ވާހަކައެއް ދެކެވުނެވެ. އަދި ހުޅުމާލޭގައި މިސްކިތް ރާވާ ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމި ވާހަކަވެސް އިވުނެވެ. ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (މިހާރު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު) ގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާއި އެކު މިސްކިތުގެ ބައިތައް ބެހެއްޓިފައިވާކަމަށް އެފަރާތުން ހާމަކުރި ނަމަވެސް ކަޅުވަކަރު މިސްކިތަށް ދެން ވާނެ ގޮތެއް އެއިރު އޮތީ ނޭނގުމުގެ ތެރޭގައެވެ. އަދި އެކަމާއި ގުޅިގެން މުޙައްމަދު ޠާރިޤް (މިހާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް) އާއި ޑރ. ޙުސައިން ރަޝީދު (މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރ) ކޯޓަށް މައްސަލަ އެއްވެސް ހުށަހެޅުއްވިއެވެ. ހަމަ މިކަމާއި ގުޅިގެން އެއިރު ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެގެ ވެރިޔަކަށް ހުންނެވި ނާއިބު ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫން (މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް) އިސްތިއުފާ ދެއްވިއެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މި މިސްކިތް ހުޅުއްވައިދެއްވާފައެވެ. މި މިސްކިތް ހުޅުވާފައި ވަނީ އާންމުންނަށް ނަމާދު ކުރެވޭނެގޮތަށެވެ. އަދި މިސްކިތް ވަށައިގެންވާ ސަރަޙައްދު ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ވަނީ ތަރައްޤީކޮށްފައެވެ. މިސްކިތް ހުޅުވުމާއި ގުޅިގެން އިއްޔެގެ މެންދުރު 14:00 އިން ފެށިގެން އާންމުންނަށް މިސްކިތާއި މިސްކިތް ވަށައިގެންވާ މައިޒާން ބޭނުންކުރެވޭނެއެވެ. މިސްކިތް އަދި މައިޒާން އާއްމުންނަށް ހުޅުވާލެވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ފަތިހު 5:00 އިން ރޭގަނޑު 21:00 އަށެވެ.

- މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް