ތަފާތު ބަލިމަޑުކަމާއި ސިއްހީތަފާތު މައްސަލަތަކުގައި ވަރަށް ގިނަ މީހުން ޑައެޓްކުރާ ވާހަކަ ވަރަށް ގިނައިން އިވޭނެއެވެ. ބަރުދަން ލުއިކުރުމަށާއި، ކޮލެސްޓްރޯލް ދައްކުރުމަށާއި، ލޭގެ ޕްރެޝަރ ދައްކުރުމަށް ވަރަށް ގިނަ މީހުން ބޭނުންކުރާ އެއް ހަތިޔާރަކީ ކެއުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކެވެ. ބައެއްގަޑިތަކުގެ ކެއުން ދޫކޮށްލުމާއި، ކާމިންވަރު މަދުކޮށްލުމާއި ހަށިގަނޑަށް ގެއްލުން ލިބިދާނެ ކާނާގެ ބާވަތްތަކުން ދުރުވުމަކީ ކާތަކެއްޗާއި ގުޅުން ހުރި ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ވަރަށް ގިނަ މީހުން މިހާރަކަށް އައިސް ކުރާކަމެކެވެ.

ތަފާތު ގިނަ މައްސަލަތަކެއްގެ ހައްލު އެއަޅުކަމެއްގައި އެކުލެވިގެންވާ ރަމަޟާންމަހުގެ ރޯދައަކީ އަހަރެމެން މުސްލިމުން ހަމައެކަނި ސިއްހީ ބޭނުމުގައި އަދާކުރާ އަޅުކަމެއް ނޫނެވެ. އަދި މިއަޅުކަމަކީ ސިއްހީ މައްސަލަތަކުން ސަލާމަތްވާން ބައެއްމީހުން ބޭނުންކުރާ ކުރޭސް ޑައެޓް ކަހަލަ ޑައެޓެއް އެކުލެވިގެންވާ އަޅުކަމެއްވެސް ނޫނެވެ. އެއީ އެއަށްވުރެ މާފައިދާބޮޑުގޮތަކަށް އެއަޅުކަމުގެ ކަންކަން ތަރުތީބުވެފައިވާ އަޅުކަމެކެވެ.

މިއަޅުކަމުގެ ސަބަބުން ލިބޭ ސިއްހީ ފައިދާ ތަކަށް ބަލާލާއިރު އެކަމުގެ ސަބަބުން ހަށިގަނޑަށް އިތުރު ގެއްލުން ތަކެއް ނުލިބި ހަށިގަނޑުގެ ބަރުދަން ލުއިކޮށްލެވެއެވެ. ކުރޭސް ޑައެޓްތަކާއި ޚިލާފަށް ހަށިގަނޑަށް ބޭނުންވާވަރަށް ހަކަތަ ހޯދައި ޖަމާކުރަނީ ވަކިބާވަތްތަކެއްގެ ކާނާ ހަށިގަނޑަށް މަނާކޮށްގެންނޫނެވެ. އެމީހަކަށް ކެއުމަށް ކަމުދާ ކޮންމެ ކާނާއާއެކު ކާވަގުތާއި ކާނާ ބޭނުންކުރާ މިންވަރަށް ރޯދައާއެކު ގެނެވޭބަދަލާއެކު ހަށިގަނޑަށް އެތެރެވާ ކެލޮރީގެ އަދަދު މަދުކޮށްލައެވެ. އެއާއެކު ބަރުދަން ލުއިވުމަށް މަގުފަހިވެ، ކޮލެސްޓްރޯލް އާއި ހަކުރުފަދަ މާއްދާތައް ދައްވެގެން ދެއެވެ.

ރޯދައަށް ހުންނަވަގުތު ފެންބޭނުން ނުކުރެވޭއިރު މިއީ މިކަމުގެ ސަބަބުން ސިއްހަތަށްގެއްލުން ލިބޭކަހަލަ ކަމެއްކަމަށް ބައެއްމީހުން ވިސްނިޔަސް ކަންއޮތީ އެހެނެއް ނޫނެވެ. ރޯދައާއެކު ހަށިގަނޑަށް އެތެރެކުރެވޭ ފެނުގެ މިންވަރަށް ގެންނަ ބަދަލާއެކު ހަށިގަނޑުގައި ހިމެނޭ ފެންރައްކާކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާވެ ދިގުއުމުރެއް ވޭތުކުރުމަށް މަގުފަހި ކުރެއެވެ.

ހަކުރު ދައްވުމާއި ކޮލެސްޓްރޯލް ދައްވެ ލޭގެ ޕްރެޝަރ ހަމައަކަށް އެޅެން މަގުފަހިކޮށްދިނުމާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމާއި ކިޑުނީގައި އުފެދޭ ހިލައާއި ކިޑުނީގެ ބަލިތަކުން ސަލާމަތް ވުމަށް މަގުފަހިކޮށްދޭ ކަމެއްގެގޮތުގައި ރޯދަހިފުންވަނީ ފާހަގަކުރެވިފައެވެ. 1994 ވަނަ އަހަރު ބޭއްވުނު ސިއްހީ ބައްދަލުވުމަކަށް ހުށައެޅުނު 50 ށް ވުރެ ގިނަ ރިސާރޗް ކަރުދާހުން ހާމަވީ ރޯދައިގެ އަޅުކަމަކީ ހަށިގަނޑަށް ދިމާވާ ވަރަށް ގިނަ ސިއްހީ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭ ކަމެއްކަމެވެ. ރޯދައާއެކު އަދާކުރެވޭ އެހެން އަޅުކަންތަކާއެކު ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަވެ ވިސްނުމުގެ ބާރު ގަދަވުމާއި ހަނދާން ވަރުގަދަވެގެންދާކަމެވެ.