ރާއްޖެއިން، ފާއިތުވި ހަފްތާގެ ތެރޭގައި ޖުމުލަ 665 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ ކޯވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިފަހުން މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދުތައް ހާމަކުރި ދެވަނަ ފަހަރެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ ތަފާސްހިސާބަށް ބަލާއިރު މިދިޔަ މާޗްމަހުގެ 27ވަނަ ދުވަހުން ފެށިގެން މިމަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހިގެން ރެކޯޑްކުރެވިފައިވާ ޢަދަދަކީ 665 މީހުންނެވެ. އެއީ މާލެ ސަރަހައްދުން މިބައްޔަށް ޕޮޒިޓިވްވި 72 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 481 މީހުންނެވެ.

މިހާރު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދަކީ 177،658އެވެ. މިހާތަނަށް މިބަލީގައި 298 މީހުން ރާއްޖެއިން ނިޔާވެއްޖެއެވެ.

ކޯވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ 13ވަނަ ދުވަހު ވަނީ އުވާލާފައެވެ. އަދި އެދުވަހާހަމައަށް އަޅާފައިވާ ގިނަ ފިޔަވަޅުތައްވެސް ވަނީ އުވާލާފައެވެ. އޭގެފަހުން ރާއްޖޭގެ ކޯވިޑް ބަލީގެ ތަފާސް ހިސާބު ހާމަކުރަމުންދާނީ ހަފްތާއިން ހަފްތާއިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.