ދުޢާއަށް އުފުލިފައިވާ ހަސީނާގެ ދެއަތުގައި ވަނީ މަޑު ތުރުތުރެކެވެ. ދެލޯ ފުރެމުންދަނީ ކަރުނައިގެ ތިކިތަކުންނެވެ. ކިތަންމެ ވަރަކަށް އެކަރުނަތައް އޮއްބަން އުޅުނަސް އޭގެ މައްޗަކަށް އޭނާގެ އަމިއްލަ ބާރެއް މިހާރަކު ނުފޯރައެވެ. އެކަރުނަތައް އޮބެންވީތާވެސް މިހާރު ކިތަންމެ ދުވަހެކެވެ. އެހެނަސް އެހަނދާންތައް އާވާ ކޮންމެ ފަހަރަކު އޭނާގެ ހާލަކީ މިއީއެވެ. ދުޢާއަށް އަތް އުފުލޭ ކޮންމެ ވަގުތެއްގައި ފެންކަޅި ކުރުވަނީ އެ ހަނދާންތަކުންނެވެ. ދެލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅު ނިމިދިޔަ ހިތްދަތިގޮތެވެ. ސިފަވަމުންދަނީ އެމަންޒަރެވެ. އެހިތްދަތި ދުވަސްތަކެވެ. އިއްޔެ ވީކަމެއް ފަދައިންނެވެ. މިއަދުވެސް ހަމަ އެގޮތުގައެވެ.
މަފާޒަކީ ހަސީނާއާއި ސަމީރަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އިތުރު ދަރިޔަކު ހޯދުމަށް އެދަމަފިރިން ނުކުރާ އެއްވެސް ފަރުވާއެއްނެތެވެ. އެހެނަސް އެ ނަޞީބެއް ނުލިބުނެވެ. މަފާޒު ދެކެ އިންތިހާއަށް ލޯބިވާ ސަބަބަކީ ވެސް އެއީއެވެ. އޭނާ ބޮޑުވަމުން ފައްކާވަމުން ދިޔައީ މުއްސަނދި މަންމައާއި ބައްޕަގެ ފައިސާތައް އޮހޭ ދަޅަތައް ގިނަ ކުލަތަކުން ފެވެމުންދިޔަ ކުޅިވަރާއި މަޖަލުގެ ދުނިޔެއެއްގައެވެ. ޒަމާނީ ޓެކްނޮލޮޖީގެ އާލަތްތަކުން މުއްސަނދިވެފައިވާ ވެއްޓެއްގެ ތެރޭގައެވެ. އެންމެ ފަހުގެ ޕީ.އެސްއާއި އެކްސް ބޮކްސް ގޭމުތަކުގެ ދުނިޔެއެއްގައެވެ. މުޅި ދުވަސް ހޭދަކުރަނީ މިފަދަ ސްކްރީން ޑިވައިސްތަކުގައެވެ.
ޙަސީނާގެ މުނިފޫހިފިލުވުމުގެ ވަގުތުތައް ސްޓަރ ޕްލަސްގެ ނިމުމެއް ނެތް ޑްރާމާ ސީރީޒްތަކާއި ސޯޝަލް މީޑިޔާއަށް ދީފައިވާއިރު، ކުޑަކުޑަ މަފާޒު މަތަވެފައި އިންނަނީ ޕީ.އެސްއާއި އެކްސްބޮކްސްގެ އަތްގަނޑަށެވެ. ކެއުމެއް ބުއިމެއް އެސޮރު ހަނދާނެއް ނުހުރެއެވެ. ފެންވެރުމެއް ނިދުމެއްވެސް ބޭނުމެއް ނުވާ ކަހަލައެވެ. އިންތަނުން ގުޑިލަންވެސް އަމުދުން ބޭނުމެއް ނުވެއެވެ. ގިނަ ފަހަރަށް ގޭގައި ގެންގުޅޭ މީހާ ކާންވެސް ގެންނަން ޖެހެނީ އެސޮރު އެ އިންނަ ތަނަކަށެވެ. އެހެން އެއްތަނެއްގައި ގުޑިވެސްނުލާ އިންނަން ޖެހުމުން ފުރާވަރަށް އަރަމުންދާ މަފާޒުގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އިންތާ އިނދެގެން ޖަންކްފުޑްފަދަ ޞިއްޙަތަށް ގެއްލުންހުރި ކާނާ ގިނައިން ބޭނުން ކުރަމުންދާތީ އާދަޔާޚިލާފަށް ފަލަވާން ފަށައިފިއެވެ. އެޢުމުރުގެ ކުއްޖަކާ ބަލާއިރު މަފާޒު ފެންނަނީ މާ ޗަބީކޮށެވެ.
ހަސީނާއާއި ސަމީރުގެ ރައްޓެހިންގެ ތެރެއިން މިގެޔަށް ޒިޔާރަތްކުރާ މީހުން މަފާޒު އެއިންނަ ގޮތާމެދު އަބަދުވެސް ކަންބޮޑުވުންތައް ފާޅުކުރެއެވެ. މަފާޒަށް އަންނަމުން އެދާ ބަދަލުތަކާމެދު ހަސީނާއަށް ލަފާ ދެމުން ގެންދެއެވެ. އެހެނަސް އެވާހަކަތަކަކީ ހަސީނާގެ ކުރިމަތީގައި މާ އަގުހުރި ވާހަކަތަކަކަށް ނުވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ހަސީނާ ބުނަމުންދަނީ ހަމަ އެންމެ ވާހަކައެކެވެ. "ތިޔައީ ކުށް ހީތަކެއް. ގޭމު ކުޅުމުން ކަންކަމަށް ކުދިން ސަމާލުކަންދޭ މިންވަރު އިތުރުވާކަމަށް ދިރާސާތަކުން ދައްކަނީ. ގޭމުގެ ސަބަބުން އަތާއި ލޮލުގެ ޙަރަކާތްތަކުގެ ގުޅުން ވަރުގަދަކޮށް ރަނގަޅުކޮށްދޭނެ. އަދި ގޭމުކުޅޭ ކުދިން ކަންކަމާމެދު އަވަހަށް ގޮތް ނިންމުމުގެ ހުނަރު އަށަގަންނާނެ. އަދި ކޮބާ ބަހުގެ ހުނަރާއި ހިސާބު ޢިލްމާއި ވިސްނުމުގެ ހުނަރު މަތިކޮށް އުފެއްދުންތެރިކަން އިތުރުވާކަމަށްވެސްވޭ. މިކަން އެސޮރުގެ ކިބައިން މިހާރު ވެސް ފެނޭ."
"ހަސީނާ ތިބުނަނީ ހުސް ފައިދާކަމަށްވީއިރު ތީގެ ހުރި ގެއްލުންތަކަށްވެސް ވިސްނާލަބަލަ!. ފައިދާއަށްވުރެ ތީގެ ގެއްލުން މާބޮޑު. ތިކަމަށް ގޮސް ހުސްވުމުގެ ސަބަބުން އެސޮރު އެ އިންނަނީ އެހެން މީހުންނާ އެކަހެރިވެފަ. އެހެން މީހުންނާ ގުޅުން އުފައްދަން ނޭނގިފަ. އަދި ކޮބާ ޞިއްޙީގޮތުން އެސޮރަށް ލިބެމުން އެދާ ގެއްލުން. ވިސްނާލަބަލަ! އަބަދު އެ އިންނަނީ އެއްތަނެއްގައި އިށީނދެ، އޮށޯވެ އެއްވެސް ޙަރަކާތެއް ނެތި. މިއީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އޭގެ ހިތި އަސަރު ކުރާނެކަމެއް. މިކަން ކޮންމެވެސް ދުވަހަކުން ޙަސީނާއަށްވެސް ވިސްނޭނެ ކަންނޭނގެ." ސަމީރުގެ އެކުވެރިޔާ ވިސްނައިދޭން އުޅުނު އެއްޗެއް ޙަސީނާއަކަށް މާ ކަމުދާ ވާހަކަތަކަކަށް ނުވިއެވެ.
ޓާމެއްގެ ބަންދުގެ ދުވަސްތަކުން ދުވަހެކެވެ. ގޭމު ފެމެލީގެ ތެރެއިން ގުޅިފައިވާ އެތަކެއް ރަޙުމަތްތެރިންނެއް މިއަދު ހަސީނާގެ އިޛުނައާއެކު މިގެއަށް އެއްވެފައިވާ ހެނދުނެކެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑު ސްކްރީނެއްފަދަ އެ ބޮޑު އެލް.ސީ.ޑީ ޓީވީގެ ކުރިމަތީގައި ތައްޔާރުވަމުންދަނީ ގޭމުގެ ވާދަވެރި މުބާރާތަކަށެވެ. ހުނަރާއި އުކުޅުގެ ގޮތުން ކުއްޖަކަށް ދޫކުރާނެ ކުއްޖަކު ނެތެވެ. މުޅިންވެސް ގޭމު ދެވި ހިފައިފާ ތިބި ފުރާވަރުގެ ކުދިންނެވެ. އެއް ފިޔަވައްސަކަށްފަހު އަނެއް ފިޔަވައްސެއް ފެށިގެން ފޯރީގައި ކުރިއަށް ދެއެވެ. މިހާރު މިގޮތުގައި މިކުދިން ތިބޭތާ އައްޑަން އިރަށްވުރެވެސް ގިނަ އިރުވީއެވެ. ދުނިޔަވީ އެއްވެސް ކަމެއްގެ މަތިން މިކުދިން ހަނދާނެއް ނެތް ކަހަލައެވެ. ދީނީ ވާޖިބުތައް މަތިންވެސް އަމުދުން ހަނދާނެއް ނެތް ކަހަލައެވެ. އެތިބި ތަނަކަށް ކާން ގެނައީމާ ކައެވެ. ބޯން ގެނައީމާ ބޮއެވެ. މުޅި ދުވަސް މިގޮތުގައި ކުރިއަށް މިހިރަ ދަނީއެވެ.
އިރެއް އިރަކަށް ބޮޑު ކޮޓަރީގައި ފޯރި ދިޔައީ ގަދަވަމުންނެވެ. އަޞުރަށް އިރު ތިރިވަމުން ދިޔަ ވަރަކަށް ޖަހާ ހިނިގަނޑުތަކާއި ލަވާ ހަޅޭއް ދިޔައީ ބާރުވަމުންނެވެ. މިހާރު ކުރިއަށްދަނީ ފައިނަލް ބުރުތަކެވެ. އެއްކޮޅުން މަފާޒެވެ. އަނެއްކޮޅުން އަބާނެވެ. ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަމުންދަނީ އަނެއް ކުއްޖާގެ މައްޗަށް ގަދަވެ ގަތުމަށެވެ. ކުރި ހޯދުމަށެވެ.
އަބާނަކީ މިހާރު މާލޭގައި އެކްސްބޮކްސް ކުޅޭ ކުދިންގެ ތެރެއިންވެސް އަރާހުރި ކުއްޖެކެވެ. އެންމެފަހުން ޓީވީން ބޭއްވުނު މުބާރާތުގެ އެ ޢުމުރު ފުރާގެ ޗެމްޕިއަނުންނެވެ. އެހެންކަމުން އަބާނާ ވާދަކުރުމަކީ މަފާޒަށްވެސް ކުރިމަތިވި ގޮންޖެހުމެކެވެ. އަބާން ބަލިކޮށްލުމަށް ތަފާތު ހުނަރުތައް މަފާޒުވެސް ބޭނުން ކުރަމުން ދިޔައެވެ. އެހެންނަމަވެސް އަދި މަފާޒަކަށް އަބާންގެ މައްޗަށް ގަދަވެގަނެވޭގޮތެއް ނުވެއެވެ. ކޮންމެ ބުރެއްވެސް ނިމެނީ އަބާން ކުޑަ ތަފާތަކުން ކުރީގައި ވަނިކޮށެވެ.
މިހާރު އެންމެފަހުގެ މަރުޙަލާ ކުރިއަށް ދަނީއެވެ. އަބާނަށް ހިތްވަރުދޭ ކުދިންނަށްވުރެ މަފާޒަށް މި ބުރުން ކާމިޔާބަށް އެދޭ ކުދިން ވެސް މަދެއްނޫނެވެ. އެސްފިޔަވެސް ޖަހާ ނުލައި މަފާޒުވެސް ތަފާތު އުކުޅުތައް ބޭނުން ކުރަމުން މި ވާދަވެރި ރޭސް ކާމިޔާބު ކުރުމަށް ހެދުނު އެއްޗެއް ހަދަމުން ދަނީއެވެ. ކުއްލިއަކަށް ހަށިގަނޑު ހިންދެމިލުމަށްޓަކައި މަފާޒު ގެނައި ޙަރަކާތަކުން ނޭނގޭ ތަދެއް އަރައިފިއެވެ. އެވަގުތުކޮޅު އަތުގެ ޙަރަކާތަށްވެސް ކުއްލި ހުއްޓުމެއް އަތުވެއްޖެއެވެ. އެރި ތަދުން އޭނާގެ އަނގައިންނާއި ލޮލުންވެސް އެކަން ފާޅުވާން ފެށިއެވެ. އެހެންނަމަވެސް ދޫ ދޭކަށް އޭނާގެ ޚިޔާލުގައިނެތެވެ. މި ޙާލުގައި ވެސް އޭނާ ކުޅެމުން ގެންދިޔައެވެ. މިވާގޮތެއް ނޭނގި ނަމަވެސް މިތަންވަޅު އަބާން މެކުހަށް ޖަހާލިއެވެ. އޭނާގެ އަތުގެ އަވަސް ޙަރަކާތްތަކަށް އިތުރު ހަލުއި ކަމެއް ގެނުވިއެވެ. ކުޅެކުޅެ އިންދާ މަފާޒު ދެމިއްޖެއެވެ. އޭނާގެ ޙަރަކާތްތައް ހުއްޓިއްޖެއެވެ.
ކުއްލިއަކަށް ކުއްޖަކު މާބާރަށް ރޮއިގަތް އަޑުހެން ހީވެގެން ސީރީޒަށް ގޮސް ހުސްވެފައި އިން ހަސީނާ ބޮޑު ކޮޓަރިއަށް ނިކުތެވެ. ހީވީ މުޅިން ރަނގަޅަށެވެ. އޭނާއަށް ފެނުނީ މަފާޒު ސޯފާ މައްޗަށް ދެމިފައި އޮއްވައެވެ. ދެތިން ކުއްޖަކު ވީކީއްތޯ އަހާ މަފާޒަށް ގޮވަމުން ދިޔައިރު ދެން ތިބި ކުދިންނަށް ކަމެއް ވެގެން އުޅޭހެންވެސް ހީނުވެއެވެ. ޙަސީނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ސަމީރު ވެސް އޮފީހުން ނިމިގެން އައިސް ގެއަށް ވަންނަނީއެވެ. ސަމީރު ފެނުމުން ހަސީނާއަށް ރޮއިގެންފައި އަތް ދިއްކޮށްލެވުނީ މަފާޒާ ދިމާއަށެވެ. ސަމީރަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. އަތުގައި އޮތް ދަބަސް ސޯފާ މައްޗަށް އެއްލާލުމަށްފަހު ކަރުން ޓައީ ދޫކޮށްލިއެވެ. އެއާއެކު މަފާޒާ ގާތަށް ޖެހިލިއެވެ. ލޯބިވާ ދަރިފުޅަށް ގޮވަން ފެށިއެވެ.
ވަގުތުން އިމަޖެންސީގައި މަފާޒު ހަސްފަތާލަށް ގެންދެވިއްޖެއެވެ. އަވަސް ފަރުވާދޭ ކޮޓަރީގައި އެނދުމަތި ކުރެވިއްޖެއެވެ. ޑަކުޓަރުންނާއި ނަރުހުންގެ އަވަސް ފަރުވާތައް ދެވެން ފަށައިފިއެވެ. ޓެސްޓުތަކާއި ސްކޭންތައް ވަގުތުން ހެދި، ނަތީޖާތައް ތަޙުލީލު ކުރެވެން ފަށައިފިއެވެ.
ހެދި ޓެސްޓްތަކާއި ސްކޭންތަކުގެ ނަތީޖާއަށް ބެއްލެވުމަށްފަހު ޑަކުޓަރުވެސް ކަންބޮޑުވިއެވެ. އެ ދެމަފިރިންނާ ކުރިމަތިލާނެ ގޮތަކާމެދު ވިސްނިއެވެ. ކޮންމެ ގޮތެއްވިޔަސް ޙަޤީޤަތާ ކުރިމަތިލުމަށް ޑަކުޓަރު ނިންމިއެވެ. ބަލީގެ ނުރައްކާތެރިކަމާއި ނާޒުކުކަމަށް ބަލާފައެވެ. މިވަގުތަށް ދެން އިތުރު ގޮތެއް ނެތީމައެވެ.
ޑަކުޓަރު ވިދާޅުވި އެއްޗަކުން ސަމީރުގެ ދެމަފިރިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކުޑަ ވަގުތު ކޮޅަކަށް ހުއްޓުން އެރި ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހަމަހިމޭންކަމާއެކު އިސްޖަހާލައިގެން ތިބެވުނީ ޑަކުޓަރުގެ ބަހަކަށެވެ.
"ޑަކުޓަރ! ރަނގަޅަށް ބުނުއްވާ! މަގޭ ދަރިފުޅަށް ވީކިހިނެއް؟......" ސަމީރު އިސް އުފުލާލުމަށްފަހު ޑަކުޓަރާ ކުރިމަތިލިއެވެ.
" ކެތްތެރިވޭ ސަމީރު! މިވަގުތަކީ ކެތްތެރިވުމުގެ ވަގުތު. މަފާޒުގެ ބަލި ވަރަށް ސީރިއަސް. މަފާޒުގެ ބައްޔަކީ ޕަލްމޮނަރީ އެމްބޮލިޒަމް."
"ކީކޭ.........އެއީ ކޮން ބައްޔެއް؟" ސަމީރާއި ޙަސީނާގެ އަޑު އައީ އެކުއެކީގައެވެ. އެއީ ދުވަހަކުވެސް އެދެމަފިރިން އަދި މިވީހާތާކަށް އަޑު އެހި ބައްޔެއްވެސް ނޫނެވެ.
"އަޑުއަހާ. މިއީ ވަރަށް ނުރައްކާ ބައްޔެއް. ޑަކުޓަރީ ބަހުން މިއީ ފައިގެ ލޭނާރުތަކުގައި އުފެދޭ ގަނޑު ލޭކޮޅެއް ހަށިގަނޑުގެ ނާރުތަކުގެ ތެރެއިން ލާފައިގޮސް ފުއްޕާމެޔަށް ލޭ ގެންގޮސްދޭ ހޮޅިއެއްގެ ތެރޭގައި ތާށިވެ، ފުއްޕާމޭގެ މަސައްކަތް ހުއްޓުން. މިހެންވަނީ ހަށިގަނޑުގައި ދައުރުވާ ލޭ އޮލަވެ ދައުރުކުރާ ބާރުމިން ދަށްވުމުން އުފެދޭ ގަނޑު އެތިކޮޅުތައް ހަށިގަނޑުގެ ލޭނާރެއްގައި ތާށިވުމުން. މިހެންވެއްޖެނަމަ އެ ލޭނާރެއް ގުޅިފައިވާ ގުނަވަނަށް ފޮނުވައިދޭ ލޭ ބަންދުވުމަކީ އެކަށީގެންވާ ކަމެއް. ދެން ލޭ ދައުރުކުރާ ނިޒާމުގައި މައްސަލަ ޖެހި ފުރާނައަށް ނުރައްކާވޭ." ޑަކުޓަރުގެ ވާހަކަކޮޅު ނިންމާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ޑަކުޓަރ! ތި ބުނުއްވީ އަޅުގަނޑުގެ ދަރިފުޅު މިހާރު އެވަނީ އެމަރުޙަލާގަތޯ؟" ސަމީރުގެ ހާސްކަންވަނީ ވަރަށް މަތީގައެވެ.
"އާނ! މި ބަލީގެ ހުރިހާ ޢަލާމާތެއް މަފާޒުގެ ކިބައިން އެބަ ފެނޭ. މެދުނުކެނޑި އަށްޑަން އިރަށްވުރެ ގިނައިން އެއް ތަނަކު ހުއްޓުމެއްނެތި އިނުމަކީ މިފަދަ ކަމެއް މެދުވެރިވުމުގެ ސަބަބަކަށް ވެދާނެ ކަމެއް. މިއީ ވިސްނާނުލާ މިފަދަ ކަންކަމަށް ދަރިން ދޫކޮށްލުމުގެ ނަތީޖާނޫން ދެން ކޮން އެއްޗެއް."
"ޑަކުޓަރ! ދެން ތިކަމަށް އޮތް ޙައްލަކީ.......؟" ޙަސީނާއަށް ނީދެވިގެން ބުނެވުނެވެ.
"ޙައްލަކީ.....އެ ގުނަވަނެއް..........."
ޑަކުޓަރު ބުނުއްވި އެއްޗަކުން ސަމީރުގެ ދެމަފިރިންގެ ކަންފަތް ދޮށުގައި ހީވީ ބިރުވެރި ގުގުރިއެއް ޖެހިހެންނެވެ. ޙަސީނާ އޭނާގެ ދެކަންފަތުގައި އަތް އެޅިއެވެ. ދެން އިތުރަށް އެއަޑު ނޭހުމަށްޓަކައެވެ. އޭނާއަށް މިހާރު ކޮންމެވެސް ވަރަކަށް ދަރިފުޅުގެ ޙާލަތު ވިސްނިއްޖެ ކަހަލައެވެ. އޭނާއަށް ވޭތުވެދިޔަ ދުވަސްތަކުގައި ދަރިފުޅާމެދު ކަން ކުރެވުނުގޮތް ކިތަންމެހާ ވެސް ރަނގަޅަށް ސާފުވެއްޖެއެވެ. އޭނާގެ ލޮލަށް ގިނަވެފައިވާ ކަރުނަތައް ނުހިފޭއްޓިގެން ފައިބައިގެންފިއެވެ. ހިތާހިތާ އޭނާއަށް ދުޢާ ކުރެވެން ފަށައިފިއެވެ. ދަރިފުޅުގެ ބައްޔަށް އަވަސް ޝިފާއަކަށް އެދިއެވެ.
ދަރިފުޅުގެ ޙާލަތު އެނގުމުން ސަމީރަށް ވެސް ކޮށްފައިވަނީ ފުން އަސަރެކެވެ. އޭނާ ކިތަންމެ ވަރަކަށް ހިތް އޮބަހައްޓައިގެން ހުއްޓަސް ހިތް ވަނީ އަވަސްވެފައެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާގެ ދަރިފުޅު ސަލާމަތްކުރަން ބޭނުންވެއެވެ. ދުނިޔޭގެ އެތައް މިތަނަށް ގޮސްގެންވެސް ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވެއެވެ. ދަރިފުޅުގެ ބައްޔަށް އަވަސް ޝިފާއެއް ލިބިގަތުމަށް ބޭނުންވެއެވެ. އެފަދަ ތަނަވަސްކަމެއް މިއަދު އެދަމަފިރިންނަށް ލިބިގެންވެއެވެ. އެހެންކަމުން ޑަކުޓަރުގެ ހުއްދައާއެކު ޑަކުޓަރުންގެ ޚާއްޞަ ޓީމަކާއެކު އެރޭ ފުރި އެއަރލަންކާ ފުލައިޓުން އަވަށްޓެރި ލަންކާއަށް ދިއުމަށް ފުރައިފިއެވެ.
މަފާޒު ބެއްލެވުމަށްފަހު ނަވަލޯކާ ހޮސްޕިޓަލުގެ ޑަކުޓަރުންގެ ޓީމު ސުމަކަށް ދިޔައެވެ. މަފާޒުގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމާމެދު ކަންބޮޑުވިއެވެ. ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތްހާ ކަމެއް ކުރުމަށް ތައްޔާރުވިއެވެ. މިހާރު އެތައްޔާރުވަނީ ލޭ ދައުރުކުރާ ނިޒާމުގައި ބަންދުވެފައިވާ ގަނޑު ލޭކޮޅުތައް ލޭ ދައުރުވާގޮތް ހެދުމަށްޓަކައި ކުރެވެން އޮތް ހަމައެކަނި އޮޕަރޭޝަން ކުރުމަށެވެ. އެ ގުނަވަން ބުރިކޮށްލައިގެން ނަމަވެސް ސާރޖަރީ ކާމިޔާބު ކުރެވޭތޯއެވެ. 5 ގަޑިއިރަށް ދެމެމުންދިޔަ އެ ބޮޑު އޮޕަރޭޝަން ނިމުމަކަށް ނާންނަނީސް މަފާޒުގެ ފުރާނަ ދިޔައެވެ. އެރޭގެ ލަންކާ ގަޑިން 5.30 ވާން ކައިރިވެފައިވަނިކޮށެވެ.
އެޚަބަރާއެކު ޙަސީނާ އަނބުރައިގަނެގެން ވެއްޓުނެވެ. ސަމީރަށްވެސް ކޮޅަށް ހުރުންވީ ދަތި ކަމަކަށެވެ. އޭނާއަށް ކޮށްފައިވަނީ ވަރަށް ހިތި އަސަރެކެވެ. ދަރިފުޅު މާލޭގައި އެނދުމަތި ކުރީއްސުރެ އޭނާގެ އެސްފިޔަވެސް އަދި ޖަހާ ނުލައެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި ލޮޑުކަމުން ގައި ބާރުވަނީ ދޫވެފައެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. ބައްޕައަކު މިފަދަ ކަމެއްގައި ކެތް ކުރެވޭނެ އެންމެ މައްޗަކަށެވެ. މަފާޒުގެ ޖަނާޒާގެ ކަންތައްތައް ނިމުނުއިރު ވެސް ޙަސީނާ ހޭނާރައެވެ. އެހެންނަމަވެސް ދަރިފުޅަކަށްޓަކައި އެހުރިހާ ކަމެއްގައިވެސް ހިތްވަރުގަދަ ސަމީރު ބައިވެރިވިއެވެ.
މިއަދު މަފާޒުގެ ވަކިވެގޮސްފައިވިޔަސް އެ ހަނދާންތައް އަބަދުވެސް އެދެމަފިރިން ހަނދާން ކުރެއެވެ. މަފާޒުގެ ހަނދާނުގައި ދަރުމައަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް އުފައްދައި "މަފާޒު ފައުންޑޭޝަން" ނަމުގައި ފުރާވަރުގެ ކުދިންގެ ކިބައިގައި އަށަގަންނަމުންދާ ވިޔާނުދާ ޢަމަލުތައް ހުއްޓުވުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ދަނީ ބޭއްވެމުންނެވެ. ޚާއްޞަކޮށް ރޭވުމެއްނެތި ގޭމު ކުޅޭ ކުދިންނާއި އޭގެ އަވާގައި ޖެހިފައިވާ ކުދިންނަށް ހުރި ނުރައްކާތެރިކަންދަނީ ވިސްނައިދެމުންނެވެ. މުޅި ދިވެހި މުޖުތަމަޢު މިކަމުން ސަލާމަތް ކުރުމުގެ މަޤުޞަދުގައެވެ. އެމީހުންގެ ލޯބިވާ ދަރިފުޅު ފަދައިން އެނުރައްކާތެރި ވަބާގެ އަވާގައި ޖެހި އިތުރު ބައެއްގެ ލޯބިވާ ދަރިންތަކެއް ގެއްލިދާނެތީއެވެ.
ޙަސީނާ ބަދަލުވެފައިވާ ފަދައިން މިއަދު އޭނާގެ ދިރިއުޅުމަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މުނިފޫހިފިލުވުމަށް ޑްރާމާ ސީރީޒްތަކަށް ގެނބި މުޅި ދުވަސް ގުރުބާންކުރި މީހާ މިއަދު ފެންނަމުންދަނީ މުޅިން ތަފާތު އަންހެނެއްގެ ގޮތުގައެވެ. ކުރިން އެއެއްޗެއްގެ އަވާގައި ޖެހިފައިވާ އިންޓަނެޓްގެ ވަޞީލަތްތަކަކީ މިއަދު އޭނާ އެކަމަށް ގޮސް ހުސްވެފައިވާ އެއްޗެއްސެއް ނޫނެވެ. ނާޖާއިޒު ގޮތުގައި އޭގެ ބޭނުން ހިފާ އެއްޗެއްސެއް ވެސް ނޫނެވެ. އެ އެއްޗެހީގެ ބޭނުން މިއަދު އޭނާ ހިފަމުންދަނީ އެދެވޭ ގޮތުގައެވެ. ފައިދާއާއި ލާބަ ހުރި ގޮތުގައެވެ. އެހެން މީހުންނަށް ވެސް މަންފާ ކުރުވަނިވި އެއްޗެއްގެ ގޮތުގައެވެ. މީހުން ހޭލުންތެރި ކުރުވުމުގެ ވަޞީލަތެއްގެ ގޮތުގައެވެ. މީހުންގެ ވިސްނުން ބަދަލު ކުރުމަށް އެހީތެރިވެދޭ ހަތިޔާރެއްގެ ގޮތުގައެވެ.
"މަފާޒު ފައުންޑޭޝަން" ގެ ސަބަބުން މިއަދު ދިވެހި އެތައް ދެމަފިރިންނަށް އުފާ ކުރެއެވެ. އެތަނުގެ ޚިދުމަތް އެންމެން ބަލައިގަނެއެވެ. އެފައުންޑޭޝަންގެ ހީވާގި ބާނީންނަށް ތަޢުރީފު ކުރަމުންދެއެވެ. ގޭމަށް ދެވި ހިފާފައިވާ އެމީހުންގެ ޅަދަރިން އެ ނުރައްކާތެރި ވަބާއިން ދުރުކޮށްދީ ސަލާމަތުގެ އައްސޭރިއަށް ގެނެސްދީފައިވާތީއެވެ. އެފަދަ ވަޞީލަތްތަކުގެ ބޭނުން އެދެވޭގޮތެއްގައި ހިފަމުންދާތަން ފެނިފައެވެ. މިކަން އެހުރިހާ ޢާއިލާތަކުން ވެސް ބަލައިގަނެއެވެ. އަގުވަޒަންކުރެއެވެ. އެހެންކަމުން ގެއްލިގެންދިޔަ ދަރިފުޅުގެ ބަދަލުގައި އެތަކެއް ދަރިން މިއަދު ލިބިއްޖެކަމަށް އެދެމަފިރިން ގަބޫލު ކުރެއެވެ. ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއެކުގައެވެ.
މިއަދަކީ މަފާޒު ދުނިޔެ ދޫކުރިތާ 5 އަހަރު ފުރުނު ދުވަހެވެ. މަފާޒު ފައުންޑޭޝަނުން އެދުވަސް ފާހަގަ ކުރީ ވަރަށް ކުލަ ގަދަ ގޮތެއްގައެވެ. ގޭމުން ރައްކާތެރިކޮށްދޭ ތަފާތު ޢިބާރާތްތަކާއި މެސެޖުތައް އެކުލެވޭ ކުލަކުލައިގެ ޓީ.ޝާޓްތައް ލާފައިވާ ފުރާވަރުގެ ކުދިންތައް ފެނުމުން އެދަމަފިރިންނަށް ކުރުވީ ފުން އަސަރެކެވެ. އަދި އެ ކުދިންގެ ޝުޢޫރުތައް އަޑު އިވުމުން ކުރުވީ ހިތްދަތި އިހުސާސެކެވެ. އެ އިޙުސާސްތަކާއެކު އެދެމަފިރިން ރޮއްވާލިއެވެ. އެންމެ ބޮޑަށް ރޮއްވާލީ ގޭމާ ދުރުހެލިވުމަށް ކުރަމުންދިޔަ ޝުޢޫރުތަކުގެ އަޑު އިވިފައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މުޖުތަމަޢަށް ކޮންމެވެސް ކަމެއް ކޮށްދެވިއްޖެކަމުގެ އިޙުސާސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެވަގުތު އެދެމަފިރިންނަށް ކުރެވެމުންދިޔައެވެ. ފެންކަޅިވެފައި ތިބެވުނީ މިއަދު ކުދީންނަށް އައިސްފައިވާ ބަދަލުތަކާމެދު ޙައިރާންވެފައެވެ.
ދުޢާއަށް އުފުލިފައިވާ ޙަސީނާގެ ދެއަތް މޫނާ ކައިރިކޮށްލެވުނީ ލޮލުން ފޭބި ހޫނު ކަރުނަތައް އޭނާ އަޅާފައިވާ ހުދު ކުލައިގެ ނަމާދު ދޮޅި ތެތްމަމުންދާކަން އިޙުސާސްވުމުންނެވެ. އެއާއެކު އެ މަންޒަރުތައް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އޭނާގެ ލޯމަތިން ކެހިގެން ދިޔައެވެ. މާދުރަށެވެ. ހުވަފެނެއް ފެނި ގެއްލި ދިޔަ ފަދައިންނެވެ. ކުއްލިއަކަށް އޭނާގެ ކަންފަތުގައި އައިސް ޖެހުނީ، ޖެހިގެން ހުރި ގޭގެ ތުއްތު ކުއްޖަކު އަޑުގެ ނެތްކޮޅަށް ފަރިތަ ކުރަމުންދާ ޅެން ބައިތެއްގެ އަޑެވެ.
"ވިސްނުމެއްނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގައި
ގިސްލަމުން ހިތި ކަރުނަތައް އޮއްސަންޖެހޭ ޢުމުރަށް މުޅީން"
އެއަޑު ކަންފަތަށް އިވެމުން ދިޔައީ އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އެއަޑަކަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. އެރީތި ޅެމުންވެސް އޭނާއަށް އަގުހުރި ފިލާވަޅެއް ދީފިއެވެ. އަމިއްލަ ޙަޔާތަށް ބޮޑު ބަދަލެއް ގެނުވައިފިކަމުގެ އިޙުސާސް ކުރުވައިފިއެވެ.
-ނިމުނީ-