ރޯދައަކީ އޭގައި ވަރަށް ގިނަ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ އަޅުކަމެކެވެ. ހާއްސަކޮށް ހަކުރުބަލި އަދި ލޭމައްޗަށްދާ ބަލިމީހުންގެ ހާލަތު ރަނގަޅުކޮށްދިނުމަށް މަގުފަހިކޮށްދޭ އަޅުކަމެކެވެ.
ރޯދައިގެ އަޅުކަމާއެކު ބަރުދަންލުއިވެ ލޭގެ ޕްރެޝަރ ދަށްވުމަށް ފަސޭހަވެގެން ދެއެވެ. ލޭގެ ޕްރެޝަރމަތިވެގެން އެކަމަށް ބޭސްބޭނުން ކުރާނަމަ އާއްމުއުސޫލަކީ ކޮންމެދުވަހަކުވެސް ބޭސް ކެއުމެވެ. ހާލަތަށް ޑޮކުޓަރ އިރުޝާދު ދެއްވާފައިވާ ކަންކަން ކޮންމެ ދުވަހަކުވެސް ކުރުމުވެ. ވީމާ ރޯދަމަހު މިކަންކަމަށް ފަރުވާކުޑަކޮށްލެވިއްޖެނަމަ ލޭގެ ޕްރެޝަރ އިތުރަށް ގޯސްވުމަކީ ވެދާނެކަމެކެވެ. ވީމާ ރޯދަމަހު ލޭގެ ޕްރެޝަރ ރަނގަޅު ހާލަތުގައި ބެހެއްޓުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެއްވަންވާނެއެވެ.
ޤަވާއިދުން ބޭސް ބޭނުން ކުރެއްވުން
ރޯދަމަހު ބޭސްކާގަޑިތައް ބަދަލުކުރައްވަން ބޭނުންފުޅުނަމަ މިއީ ކުރެވިދާނެކަމެކެވެ. ޑޮކުޓަރާއި މަސްވަރާކުރައްވާ ޑޮކުޓަރުގެ އިރުޝާދާއެކު ބޭސްކާގަޑިތަކަށް ބަދަލުގެނެސް އެއްވެސް ޑޯޒެއް ނުގެއްލޭގޮތަށް ބޭސްކާގަޑިތައް ތަރުތީބު ކޮށްލެވިދާނެއެވެ. ރޯދަހިފަމުން މިކަމަށް ކާން ޖެހޭ ބޭސް ޤަވާއިދުން ކެއުމަކީ އުނދަގޫ ކަމެއް ނޫނެވެ.
ގިނައިން ދިޔާތަކެތި ބޭނުން ކުރެއްވުން
ރޯދައަށް ހުރުމުން ހަށިގަނޑުން އުނިވެގެންދާ ދިޔާތަކެތީގެމިންވަރު ހަމަޔަކަށް އެޅުވުމަށް ރޭގަނޑު ގިނައިން ދިޔާތަކެތި ބޭނުން ކުރައްވާށެވެ. ނަމަވެސް ކެފެއިންނާއި، ކާރބޮނޭޓެޑް ތަކެތިން ދުރުހެލިވެލައްވާށެވެ.
މިންހަމަ ކެއުން ބޭނުން ކުރެއްވުން
ރޯދަވީއްލެވުމަށްފަހު ގިނައިން ކެއިން ނުބައްލަވާށެވެ. ހާއްސަކޮށް ލޮނު، ތެޔޮ ، ހަވާދުލީ ތަކެއްޗާއި ދުރުވެލައްވާށެވެ.
އޭގެ ބަދަލުގައި ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް ހިމަނައިގެން މިންހެޔޮ ކެއުމެއް އިޚްތިޔާރު ކުރައްވާށެވެ. އެގޮތުން
- ތަރުކާރީއާއި މޭވާ ކޮންމެދުވަހަކުވެސް ފަރިއްކުޅުވާށެވެ.
- ފެޓްގެ ބައި ގިނަ ކާތަކެއްޗާ ދުރުވެލައްވާށެވެ.
- ކެފެއިން އަދި ސޮފްޓް ޑްރިންކްސް އާ ދުރުވެލައްވާށެވެ.
- ކިރު ބޭނުންކުރައްވާނަމަ ލޯފެޓްގެ ބާވަތްތައް ބޭނުން ކުރައްވާށެވެ.
- ފިހުނު ފަރުމަހަކީ ފަރިއްކުޅުއްވަން ރަނގަޅު ބާވަތެކެވެ
- ކަނޑުމަހާއި އެއްގަމުމަސް ބޭނުންކުރައްވާ މިންވަރު މަދުކޮށްލައްވާށެވެ.
- ކެއުމުގައި ލޮނު މަދުކުރެއްވުން
- ކެއުމުގައި ވީހާވެސް ބޮޑަކަށް ލޮނުމަދުކޮށްލައްވާށެވެ.
- ބްލަޑްޕްރެޝަރ ޗެކުކުރެއްވުން
އާއްމު ހާލަތުގައި ޕްރެޝަރ ބައްލަވާވަރަށް ވުރެ އިތުރަށް ބްލަޑްޕްރެޝަރ ޗެކުކުރައްވާށެވެ. ބޮލުގައި ރިއްސާ ، ބޯއަނބުރާ ގޮތްވެ ނުވަތަ ލޭމައްޗާދާކަމުގެ އެހެން އަލާމާތްތަކެއް ފެންނަނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކަވާ ފަރުވާ ހޯއްދަވާށެވެ.
ކަސްރަތު ކުރެއްވުން
ރޯދަމަހަށް ހާއްސަކޮށް ވިސްނަވައިގެން ކަސްރަތު ކުރައްވާށެވެ. ކަސްރަތުކުރެއްވުމަކީ ކޮލެސްޓްރޯލްގެ މިންވަރު ދައްކޮށް ލޭގެ ޕްރެޝަރ ހަމައަކަށް އަޅުވާދޭނެ ކަމެކެވެ.
ބަރުދަން ލުއިކުރެއްވުން
ރޯދަމަހަކީ ބަރުދަން ލުއިކޮށްލެއްވުމަށް ވަރަށް ފަސޭހަ ވަގުތެކެވެ. ހަށިގަނޑުގެ ބަރުދަނުގެ ފަސްޕަސެންޓް ދަށްކޮށްލެވުނަސް އެކަމުގެ ސަބަބުން ތިބާގެ ލޭގެ ޕްރެޝަރަށް ވަރަށް ހެޔޮ ބަދަލެއް އަންނާނެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ދޫކޮށްލެއްވުން
ދުންފަތުގެ އިސްތިއުމާލުކުރއްވާ ބޭފުޅުންނަށް އެކަމުން ދުރުހެލިވެލެއްވުމަށް ރަމަޟާން މަހަކީ ރަނުގެ ފުރުސަތެކެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝާރ މަތިކުރާ މިނޭދެވޭ އަމަލުން ވީހާވެސް އަވަހަކަށް މިންޖުވެލަށްވާށެވެ.
ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ރޯދައިގެ މަތިވެރި އަޅުކަން އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރެކެވެ.