ރޯދައަކީ އެކަމުގައި ގިނަގުނަ ސިއްހީ ފައިދާތަކެއް އެކުލެވިގެންވާ ކަމެއްކަމުގައިވިޔަސް އަޅުގަނޑުމެންނަށް އަމަލުކުރެވޭ ގޮތަކުން ބަައެއްފަހަރު ރޯދަމަހު ބައެއްކަހަލަ ސިއްހީމައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ. ބަނޑުހިކި ފާހާނާ ކުރުމުގައި އުދަގޫތަހައްމަލު ކުރަން ޖެހުމަކީ ބައެއްބޭފުޅުންނަށް ރަމަޟާންމަހު ދިމާވާ މައްސަލައެކެވެ. މިހެންދިމާވަނީ ކެއުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުންނާއި ރޯދަ ހިފާއިރު ސަމާލުކަންދޭންޖެހޭ ބައެއްކަންތައްތަކަށް ސަމާލުކަން ނުދެވުމުން ހަޖަމުކުރުމުގެ ނިޒާމަށް އަންނަ ބަދަލު ތަކަކާއި ގުޅިގެންނެވެ.

ރޯދަވީއްލުމަށްފަހު ހާރުދަމާދެމެދު ކެއުމުގެ އާދަކާދަ ގެންގުޅެވޭގޮތުންނާއި ބޭނުން ކުރެވޭ ކާނާގެ ބާވަތުން ވަަރަށް ގިނަފަހަރު ހަޖަމުކުރުމުގެ ނިޒާމް މައްސަލަޖެހި ތިރީގައިމިވާ ކަންތައްތަކާއި ކުރިމަތިލާން ޖެހެއެވެ.

  • -ބަނޑު ހިކި ބޮޑުކަމު ނުދެވުން
  • -ބަނޑު ދިޔާވުން ނުވަތަ މާއަވަސް އަވަހަށް ދެވުން
  • -ބޮޑުކަމު ދެވުނަސް ހުސްނުވާކަމުގެ އިހްސާސް ހުރުން
  • -ބަނޑު ފުއްޕުމާއި ، ތަދުވުން
  • -ހޮޑުލެވުން

މަތީގައި މިހިމަނާލެވުނީ ކާތަކެތި ހަޖަމުކުރާބައިގެ އާއްމު އުސޫލު ބަދަލުވެ އޮޅުން އެރުމުން އެނިޒާމަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ދިމާވާ ބައެއް އުނދަގޫތަކެވެ.

މިކަންކަމުން، ހާއްސަކޮށް ބަނޑު ހިކުމުން ދުރުވުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެއްވާށެވެ.

  • ރޭގަނޑު ގިނައިން ދިޔާތަކެތި ބޭނުން ކުރައްވާށެވެ.
  • ވަރަށް އާދައިގެނަމަވެސް ކަސްރަތެއް ކުރައްވާށެވެ.
  • ދުވާލުވެސް އަދި ރޭގަނޑުވެސް ހެލިފެލިވެ އުޅުއްވާށެވެ.
  • ކެފެއިން އެކުލެވޭ އަދި ފިޒީ ތަކެތި ނުބޯށެވެ.
  • ފައިބަރ ގިނައިން އެކުލެވޭ ކާނާ ބޭނުން ކުރައްވާށެވެ.
  • ތަރުކާރީއާއި މޭވާ، ކެއުމުގައި ގިނަ ކުރައްވާށެވެ.

މީގެ އިތުރުން ޗީޒާއި ގިނައިން ތެޔޮއެކުލެވޭ ތަކެއްޗާއި، ދަޅުގައި ބަންދުކުރެވިފައިވާ ކާނާއި، ތައްޔާރުކުރުމަށްފަހު ގިނައިރު ވެފައިވާ ކާނާއި، އެއްގަމު މަސް ބޭނުން ކުރެއްވުން ވަރަށް ބޮޑަށް މަދުކޮށްލައްވާށެވެ.

ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ރޯދައިގެ މަތިވެރި އަޅުކަން އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރެކެވެ.