ދިވެހީންނަކީ އަބަދު ވެސް ދަތްއުނގުޅައި ސާފުކޮށް ބެލެހެއްޓުމަށް ލޯބިކުރި ބަޔެކެވެ. މިކަމުގެ އެއް ސަބަބަކީ އެބައިމީހުންނަކީ ވަރަށް ގިނައިން ދުފައި އުޅުނު ބަޔަކަށްވީތީއެވެ. ދުފުމުގެ ސަބަބުން ދަތުގައި ރަތްކުލަ ޖަހައި ހުތުރުވެއެވެ. ދިވެހިން ދަތް އުނގުޅުމަށް އިސްކަންދޭ އަނެއް ސަބަބަކީ އެއީ ދީނީ ގޮތުން ވެސް ވަރަށް ބާރު އަޅުއްވާފައިވާ ކަމެކަށްވާކަމެވެ.

1960 ގެ އަހަރުތަކާ ޖެހެންދެން ދަތްއުނގުޅާ ބުރުހާއި، ބޭހާއި، ކުނޑިއަކީ އާއްމުކޮށް ރާއްޖެއިން ލިބެން ހުންނަ އެއްޗެއްސެއް ނޫނެވެ. އެއިރު ދަތްއުނގުޅައި ހެދީ ދޮންވެލިންނެވެ. ދަތްއުނގުޅާ ވެއްޔަކީ މާ ބޮޑު އުނދަކުލަކާ ނުލައި އަތޮޅުތެރޭގެ ގޮނޑުދޮށްތަކުން ލިބުނު އެއްޗެކެވެ. އެހެނަސް ކޮންމެކޮންމެ ތަނަކުން ލިބޭ ދޮންވެލި ދަތްއުނގުޅަން ކަމަކުނުދެއެވެ. އެހެންވެ ކަމުދާ ހިމުން ވެލި ހުންނަ ތަންތަން ފާހަގަކޮށް އެތަންތަނުން ވެލި ނަގައިއުޅުނެވެ.

ބައެއް މީހުން ކޮންމެ ދުވަހަކު ފަތިހު އަތިރި މައްޗަށް ގޮސް އެތަނުގައި ތިބެގެން ދަތްއުނގުޅައި އުޅުނެވެ. އަނެއްބައި މީހުން އެ ތަނުން ވެލިނަގައި މުށަށްލައިގެން ދަތްއުނގުޅަމުން ގެއަށް ގޮސް ހެދިއެވެ. ގޮސް އަނގަ ދޮންނާނީ ގިފިލިންނެވެ. ކޮންމެ ފަތިހަކު އަތިރިމައްޗަށް ދާން އުނދަގޫ މީހުން ގިފިލީގައި ދަޅަކަށް ނުވަތަ އުނބަކަށް ވެލި އަޅައިފައި ބަހައްޓަނީއެވެ. މާލޭގައި މުޅިން ވެސް ހަދައި އުޅުނީ އެހެންނެވެ.

ވެލިން ދަތްއުނގުޅަނީ ޝަހާދަތް އިނގިއްޔާއި ބޮޑުވާއިނގިއްޔާއި ދެ އިނގިލިންނެވެ. ބައެއް މީހުން، ޚާއްސަކޮށް އުމުރުން ދޮށީ މީހުން އިލޮށްޓެއްގެ ކޮޅު ފިސްކޮށްލައިފައި އޭގައި ވެލިލައިގެން ދެ ދަތު ދޭތެރެ ސާފުކުރެއެވެ. އެ ޒަމާނުގެ މީހުން ޤަބޫލުކުރިގޮތުގައި ދޮންވެއްޔަކީ، ޚާއްސަކޮށް ލޮނުވެއްޔަކީ ދަތްތަކަށާއި ހިރުގަނޑަށް ރަނގަޅު އެއްޗެކެވެ. އެހެނަސް، މި ޒަމާނުގެ ގިނަ ޑެންޓިސްޓުން އެ ވާހަކައާ އެއްބަހެއް ނުވެއެވެ. އެ މީހުން ބުނާގޮތުން ވެލި ލައިގެން އުނގުޅީމާ ދަތުގެ އިނާމަލް (އޮފުއަރާ ހަރު ފަށަލަ) ގޭނި ގެއްލުން ލިބެއެވެ. އަދި އެކަމުންދަތް ފަނިކެއުމަށް މަގުފަހިވެއެވެ. ޑެންޓިސްޓުން ބުނާގޮތުން ދަތްއުނގުޅަން އެންމެ ރަނގަޅީ މަޑު ބުރުހަކާއިއެކު، ފްލޮރައިޑްލީ ދަތްއުނގުޅާ ބޭހެވެ. ރަނގަޅީ ކޯންޗެއްތޯ ނުބުންޏަސް، ފާހަގަކުރެވޭ އެއް ކަމަކީ އިހުމީހުންގެ ތެރޭގައި އުމުރުން 60 ވާއިރު އަނގައިގަ ދަތް ހުންނަ މީހުން މަދުކަމެވެ.

މިޝްވާކު ނުވަތަ އަރާކު (ސެލްވަޑޯރ ޕަރސިކާ) ދަނޑިން ވެސް އިހުގައި ރާއްޖޭގައި ދަތްއުނގުޅައިހެދިއެވެ. މުސްކުޅިން ބުނާގޮތުން އެ ގަހަކީ ކުރިން ރާއްޖޭގައި ވެސް ހެދުނު ގަހެކެވެ. މިހާރު ހުންނަކަމެއް އެނގިފައި ނެތެވެ. އަރާކު ދަނޑިއަކީ 7000 އަހަރު ކުރިން ފެށިގެން އަރަބިކަރައިގައި ބޭނުންކުރި އެއްޗެކެވެ. މިފަހަކަށް އައިސް ބައެއް މީހުން އަރާކު ދަނޑި ރާއްޖެއަށް އެތެރެކޮށްގެން ބޭނުންކޮށް އެބަހަދައެވެ.

މި ޕޯސްޓްގައިވާ ފޮޓޯތަކުން އެ ފެންނަނީ އަރާކު ގަހާއި ދަނޑިއެވެ. ދަތްތައް ބޭރަށް ނުކުމެފައި ހުންނަ މީހުންނަށް، ދަތްތަކުގައި ނަރުއަޅުވައި ސީދާކުރުމަށް އޯތޮޑޯންޓިސްޓުންގެ ޚިދުމަތެއް އިހުޒަމާނުގައި ނުލިބެއެވެ. އޭގެ ބަދަލުގައި އެއިރު ދަތްކަނޑަނީއެވެ. އެކަން ކުރަނީ ވަޅި ތޫނުކުރާ ކަހަލަ ހަނަކުން ގާނައިގެންނެވެ. އަންހެން ކުދިންގެ ދަތްކެނޑުމަކީ، ޚާއްސަކޮށް އައްޑޫގައި ވަރަށް އާއްމު ކަމެކެވެ. 70 އިގެ އަހަރުތަކުގައި މާލެއަށް އައިސްއުޅޭ އައްޑޫ ކުދިން ފާހަގަކޮށްހެދީ ވެސް އެ ކުދިންގެ ދަތްކަނޑާފައި ހުންނާތީއެވެ.

ރާއްޖޭގައި ފާހާނާ އާއްމުވުމަކީ ދޮންވެލިން ދަތް އުގުޅުން އުވިދިޔުމުގެ އެންމެ ބޮޑު ސަބަބެވެ. ތަށިމުށިޖެހި ފާހާނާތަކުގައި ވެލި ގެންގުޅުމަކީ ފެން ހިންދާ ލޯވަޅުތަކާއި ހޮޅިތައް ބެދޭ ކަމެކެވެ. ކޮންމެއަކަސް ދޮންވެލިން ދަތްއުނގުޅުމަކީ ރާއްޖޭގެ ޒަމާންވީ، އެހެނަސް އުވިފައިވާ ޘަޤާފަތެކެވެ. އެކަމަކު އެއީ ކޮންމެހެން އަލުން ދިރުވަންޖެހޭ ޘަޤާފަތެއްކަމަކަށް ނުބެލެވެއެވެ.

...................................................

ޑރ. ޢަބްދުﷲ ވަޙީދުގެ އެފްބީ ޕޯސްޓެއް