ޕާކިސްތާންގެ ބޮޑު ވަޒީރު ކަމަށް ޕާލަމެންޓިން އިންތިޚާބު ކޮށްފައިވާ ޝެހްބާޒް ޝަރީފް ވިދާޅުވީ އޭނާގެ ސަރުކާރުން ބޮޑަށް ފޯކަސް ކުރާނީ އޭނާގެ ކުރީގެ ލީޑަރު އިމްރާން ޚާންގެ ސިޔާސަތުތަކުގެ ސަބަބުން ބައިބައިވެފައިވާ މުޖުތަމައަށް ހަމަޖެހުން ގެނަސްގެން، ގައުމުގެ އިގްތިސާދު އަލުން ދިރުވުމަށެވެ.

ޕާކިސްތާނުގެ ޕާލަމެންޓްގެ ނޭޝަނަލް އެސެމްބްލީގައި ހިމެނޭ 174 މެމްބަރުންގެ ތާއީދާއެކު އޭނާ ވަނީ ބޮޑު ވަޒީރުގެ މަގާމަށް އައްޔަން ކޮށްފައެވެ. އޭނާއާ ވާދައަށް ނިކުންނެވި ކުރީގެ ސަރުކާރުގެ ފޮރުން މިނިސްޓަރ މަހުމޫގު ގުރެއިޝީ ވަނީ ވޯޓަށް އެހުމުގެ ކުރިން އޭނާގެ ޕާޓީގެ މީހުންނާއެކު މަޖިލިސް ދޫކުރައްވައި ނިކުމެ ވަޑައިގެންފައެވެ. ޕާކިސްތާންގެ ނޭޝަނަލް އެސެމްބްލީގައި 342 ގޮނޑި ހިމެނެއެވެ.

މަގާމާ ޙަވާލު ވެޑައިގެން ޝެހެބާޒް ޝަރީފް ވިދާޅުވީ، އިގްތިސޯދީ ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށާއި މިކަމުން ސަލާމަތްވެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. ޕާކިސްތާންގައި ރޯދަ މަހު އިންފްލޭޝަން އުޅެނީ 47 ޕަސެންޓްގައެވެ. އަދި ބޭރު ފައިސާއެއް ކޮށް ހުސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޕާކިސްތާނުން އައިއެމްއެފްއިން ހޯދަން އުޅުނު ލޯނުވެސް ސިޔާސީ ހަލަބޮލި ކަމާހެދި އައިއެމްއެފުން ވަނީ ވަގުތީ ގޮތުން މަޑު ޖައްސާލާފައެވެ.

ޝެހްބާޒު ވިދާޅުވިގޮތުގައި އިންޑިއާއާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް އޭނާގެ ސަރުކާރުން ޝައުގުވެރިވާ ކަމަށެވެ. ޕާކިސްތާންގައި ޗައިނާއިން ހިންގާ މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލާގައި އޭނާ ވިދާޅުވީ ބެއިޖިންގެ އެހީގައި ހިންގާ މަޝްރޫއުތައް އަވަސް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕާކިސްތާންގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަނީ ބެއިޖިންގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބައެއްގެ ގޮތުގައެވެ. މިއީ 60 ބިލިއަން ޑޮލަރުގެ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެވެ.

އަލަށް އިންތިޚާބުވެވަޑައިގެންނެވި ބޮޑުވަޒީރު ވިދާޅުވީ، ޕާކިސްތާންގެ ތާރީޚުގައި ވެސް އެންމެ ބޮޑު ބަޖެޓް ޑެފިސިޓެއް ކުރިމަތި ވެފައި ވަނީ މިހާރެވެ. އަދި އިމްރާން ޚާންގެ ސަރުކާރުގެ މިސްމެނޭޖްމަންޓާ ގުޅިގެން އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް އޭނާގެ އާ ސަރުކާރަށް ބޮޑު ގޮން ޖެހުމަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި ހާލަތު ވަރަށް ގޯސް ކަމަށާއި ނަމަވެސް الله ގެ ރަހުމަތްފުޅުން އަދި ބުރަ މަސައްކަތުން އެކަން ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.