މަސްވެރިން އަތުން މަސްގަނެ މަހުގެ ވިޔަފާރި ކުރުމަށް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމަށް ސަރުކާރުން ދެއްވައިފައިވާ ރަށްތައް ތަރައްގީކޮށް ނިންމައި އޮޕަރޭޝަނަށް ނެރުމަށް އޭނާއަށް މުހުލަތެއް ދެއްވުމަށް މަސްވެރީން ސަރުކާރަށް ގޮވާލައިފިއެވެ.
މަސްވެރީން ބާނާ މަސް ނުކުރިގެން އެކަމާ ކޫއްޑޫގައި ވަނީ މުޒާހަރާކޮށްފައެވެ. ނުތަނަވަސް ވެފައިވާ މަސްވެރީން "މަސްވެރި ރާއްޖެ" ގައި ބުނެފައިވަނީ ރައީސް ސާލިހާއި ރައީސް ނަޝީދު ދެންވެސް ރައްޔިތުންގެ ގާތަށް ވަޑައިގެންނެވުމުގެ ކުރީން "މަހުޖަނު ޤާސިމް އިބްރާހީމަށް މަސްވެރިކަން ތަރައްޤީ ކުރުމަށް ދީފައިވާ ރަށްތައް އޮޕަރޭޝަނަށް ގެނައުމަށް ޤާސިމަށް މުހުލަތު ދެއްވާށެވެ. ނޫންނަމަ އެބޭފުޅާއަތުން އެރަށްތައް އަތުލައްވައި ކަންކުރެވޭނެ ބަޔަކާއި ހަވާލު ކުރަށްވާށެވެ. އަދި ފިޝަރީޒު މިނިސްޓަރުކަމަށް މަސްވެރިން ބޭނުންވާ ބޭފުޅަކު އައްޔަން ކުރަށްވާށެވެ. މިނިސްޓަރު ޑރ. ހުސޭނަކީ (ޙުސައިން ރަޝީދު ޙަސަން) މަސްވެރިންގެ އިތުބާރުއޮތް ބޭފުޅެއްނޫނެވެ. ސަރުކާރު ވެއްޓުމުގެ ފެށުން މިއަދު މިފެށުނީއެވެ." މަސްވެރި ރާއްޖޭގައި ބުނެފައިވެއެވެ.
މަސްވެރީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މަސްވެރިކަމުގެ ދާއިރާ ރަނގަޅުކުރުމަށް މެނިސްޓޯވެސް ހަދާ ކަމަށެވެ. އެހެންނަމަވެސް މެނިފެސްޓޯގައި ލިޔެފައިވާ ކަންތައްތަކުގެ މަތިން ސަރުކާރާއި ހަވާލުވުމަށްފަހު ހަނދާން ނެތިގެންދާ ކަމަށް ވެސް ބުނެފައިވެއެވެ. "މިއަދުގެ އެމް.ޑީ.ޕީ ކޯލިޝަން ސަރުކާރުންވެސް މިވަނީ އެދުވަސް ހަނދާންނެތިފައެވެ. މަސްވެރިންނަކީ ބޮލެއްނެތް ފަރުތޮޅިއަކަށް ހަދާފައެވެ. ހަމަހިލާ މަސްވެރިންނަކީ ފަރު ތޮޅިންނެއްނޫނެވެ. 2023ގައި އެކަން ދައްކާނަމެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އެކުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދުގެ ބަހުގެ އިތުބާރު މިއަދު މިވަނީ މަސްވެރިންނާއި އޮޑިވެރިންގެ ކުރިމަތީ ގެއްލިގޮސްފައެވެ،" މަސްވެރިރާއްޖޭގައި ބުނެފައިވެއެވެ.
ސަރުކާރާއި މިފްކޯއާ މަޝްވަރާ ކުރެއްވުމަށްފަހު ރޭ ވަނީ މަސްކިރުމާމެދު ގޮތްތަކެއް ނިންމައި މައްސަލަ ވަގުތީގޮތުން ހައްލުކޮށްފައެވެ. މަސްވެރިން ބުނަނީ ކޫއްޑޫގެ ކެޕެސިޓީ އިތުރުކޮށް މަސްވެރީން އަތުން މަސް ގަތުމުގެ ކުޅަދާނަކަން އެކުންފުނީން ހޯދަން ޖެހޭ ކަމަށެވެ.