ކުޑަކުދިންނަކީ އެކުދިންގެ އާއިލާގެ މެމްބަރުން ކުރާ ގިނަކަންކަން ކޮޕީކޮށް އެކަންކަން އަމަލީގޮތުން ކުރުމަށް މަސައްކަތްކުރާބައެކެވެ. ރަމަޟާންމަހުގެ ރޯދައަކީވެސް އެގޮތަށް ކުޑަކުދިން ކުރަން ބޭނުންވާ އަދި ރޯދައެއް ހިފިއްޖެނަމަ އެކަމުގެ އުފާ ކުދިންނަށާއި މައިންބަފައިންނަށް ލިބޭނެކަމެކެވެ. އެއްވެސް އެއްޗެއްނުކައި ނުބޮއި 12 ވަރަކަށް ގަޑިއިރު ހޭދަކުރުމަކީ ކުޑަކުއްޖަކަށް ވަރަށް އުދަނގޫކަމެކެވެ. އަދި އެކަމުގައި އަމަލުކުރެވޭ ގޮތަކުން ނޭދެވޭ އަސަރެއް އެކުދިންގެ ހަށިގަނޑަށް ކޮށްފާނެކަމެކެވެ. ވީމާ ކުޑަކުއްޖަކު ރޯދައަށް ބަހައްޓާނަމަ އެކަން ކުރަންވާނީ ލަސްލަހުން އެކުއްޖެއްގެ ހަށިގަނޑު އެކަމަށް ހާނުވަމުންނެވެ.

ފަށައިގަތުން

ކުޑަކުދިން ރޯދައަށް ބައިތިއްބާނަމަ ފުރަތަމަ ދުވަހެއްގެ ދެބައިކުޅައެއްބައިގައި ބެހެއްޓިދާނެއެވެ. އަދި ބަައެއްދުވަސްދުވަހު ހުސްދިޔާތަކެތި ދީގެން ބެހެއްޓިދާނެއެވެ. އަދި އޭގެފަހުން އަސުރާ ހަމައަށް އަދި އޭގެ ފަހުން ދުވަސް އެެއްކޮށް ރޯދައަށް ބެހެއްޓިދާނެއެވެ. މިގޮތަށް ހެދުމުން ކުދިންގެ ހަށިގަނޑު އެކަމަށް ހޭނި ފަރިތަވަމުންދާނެއެވެ.

ކެއުން

ކުޑަކުދިން ރޯދައަަށް ބައިތިއްބާއިރު އެންމެ ބޮޑުސަމާލުކަމެއްދޭންޖެހޭނީ އެކުދިންގެ ހާރަށެވެ. ފަތިސްވުމާ ވީހާވެސް ކައިރިކޮށް އެކުދިންނަށް ހާރުކާންދެވޭތޯ ބަލާށެވެ. އަދި ކެއުމުގައި ގިނައިރުން ހަޖަމުވާ އަދި ލަސްލަހުން ހަކަަތަ ފޯރުކޮށްދޭ ކާނާ ހިމެނުއްވޭތޯ ބައްލަވާށެވެ. އޭގެ ތެރޭގައި ޕްރޮޓީންއާއި ކާރބޯހައިޑްރޭޓްސް ގިނައިން އެކުލެވޭ ކާނާގެ ބާވަތްތައް ހިމަނުއްވާށެވެ. އެއްގަމުމަހާއި، ކުކުޅުބިސް އަދި ޗީޒްއާއި ޔޯގަޓްފަަދަ ތަކެއްޗަކީ ރަނގަޅު ބާވަތްތަކެވެ. ކަދުރާއި، މޭވާގެ ބާވަތްތައް އަދި ތަރުކާރީ ދެއްވާށެވެ. އޯޓްސްއާއި ތަފާތު ވައްތަރުގެ ނަޓްސް އަކީވެސް ހާރުގައި ހިމަނާލެވިއްޖަނަމަ ވަރަށްފައިދާހުރި ބާވަތްތަކެވެ.

ދުވާލުގެ ވަގުތުތައް

ކުޑަކުދިން ރޯދައަށް ބަހައްޓާނަމަ ދުވާލުގެ ވަގުތުތަކުގައި އެކުދިންގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދަންވާނެއެވެ. ސިއްހީގޮތުން އެކުދިންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްކޮށް ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަކީ ބެލެނިވެެރިންގެ ޒިންމާއަކަށްވީހިނދު އެކުދިންގެ އާއްމު އާދަކާދަތައް އެގެންވާނެއެވެ. ރޯދައަށް ހުންނައިރު އެކުދިންގެ ކިބައިން ފެންނަ އަލާމާތައް ދެނެގަނެ ނުރައްކާހާލަތަކަށް ދިއުމުގެ ކުރިން އަވަސް ފިޔަވަޅު އަޅަންވާނެއެވެ. ބަލައި އަދި އަހައިގެން ކުދިންގެ ހާލަތު އޮޅުން ފިލުވާށެވެ. ބޯއަނބުރާ، ބޮލުގައި ރިއްސާ އަދި ހޮޑުލެވޭގޮތްވުމުގެ އިތުރަށް ލޮލުގެ ފެނުން ފުސްވެ މާބޮޑަށް ގައިގެ ވަރުދޫވާނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅުއަޅާށެވެ. ވީހާވެސް އަވަަހަކަށް ރޯދަ ދޫކޮށްލުވައި ސިއްހީއެހީތެރިއެއްގެ ލަފާ ހޯއްދަވާށެވެ.

ރޯދަވީއްލުން

ކުޑަކުދިން ރޯދަވީއްލާ ވަގުތަކީ ވަރަށް ސަމާލުކަންދޭންޖެހޭ ވަގުތެކެވެ. އެކުދިން ބޭނުންގޮތަކަށް ދޫކޮށްލައިފިނަމަ މާގިނައިން ފެންބޮއެ ކާން އުޅެފާނެއެވެ. މިވަގުތަކީ ވަރަށް ބޮޑަށް ކެތްތެރިވެ ކުދިން ކޮންޓްރޯލް ކުރަން ޖެހޭނެވަގުތެކެވެ. ރޯދަވީއްލަން ކަދުރާއި ފުރެސް ޖޫހެއްދެއްވާށެވެ. އަދި އެގޮތަށް 30މިނެޓް ބަހައްޓަވާށެވެ. އަދި އޭގެ ފަހުން ކުޅިނޫން އަދި ހަވާދު މަދުބާވަތެއް ދެއްވުމަށްފަހު ތަރާސްވީސް ގަޑިޖެހެންދެން ބަހައްޓަވާށެވެ. ތަރާވީސް ގަޑީގައި އެކުދީންނާއި ގުޅޭކަހަލަ ރަގަޅު ކެއުމެއްދެއްވާށެވެ. އަދި ގިނައިން ދިޔާތަކެތި ދެއްވާށެވެ.

ކުޑަކުދިންނަކީ ގޭތެރޭގެ އުފާވެރިކަން ކަމަށް ވާއިރު އެކުދިންނަށް ދެރަގޮތެއް މެދުވެރިވުމަކީ ބެލެނިވެރިންނަށް ބަލަން ފަސޭހަމަންޒަރަކަށް ނުވާއިރު ކުދިންރޯދައަށް ނުހުންނަ ދުވަސްދުވަހުވެސް ކުދިންނަށް ތާޒާކޮށް ކާންދޭށެވެ. ރޭގަނޑު ބާކީވާބައި ދުވާލުކުދިންނަށް ކާންދިނުމަކީ ވަރަށް ފަސޭހައިން ހަޖަމު ގޯސްވާނެކަމެކެވެ.