ގައުމުތަކުގެ ސަރުކާރާ ދެކޮޅަށް ޗައިނާ ސިފައިން ސައިބާ ހަމަލާތަކެއް ދެމުން ގެންދާކަށް ތުހުމަތުކޮށްފިއެވެ. ނިއުޔޯރކް ޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ މިކަން ބޭޒާރުވީ ވެސްޓާން އޮސްޓްރޭލިއާގެ ބޮޑު ވަޒީރުގެ އޮފީހުގެ މުވައްޒަފަކަށް އޮސްޓްރޭލިއާގައި ހުންނަ އިންޑޮނޭޝިއާ އެމްބަސީން އައި އީމެއިލްއަކާ މެދު ޝައްކުވުމުން އެކަން ބެލުމުގެ ތެރޭގައެވެ.
މިހާދިސާ ހިނގާފައިވަނީ 3 ޖެނުއަރީގައެވެ. މި ކަން ބެލުމަށްފަހު މިކަމާމެދު ދިރާސާ ރިޕޯޓެއް އެކުލަވައިލީ އިޒްރޭލުގެ ކުންފުންޏަކުންނެވެ.
ސައިބާ ހަމަލާތައް ދިރާސާކުރާ ސަލާމަތީ ކަންތައްތަކާ ބެހޭ އިޒްރޭލުގެ ކުންފުނިން ބުނެފައިވަނީ މިހަމަލަ ދީފައިވަނީ މައިކްރޯސޮފްޓް ވަރޑްގެ ސިފައގައި ފޮނުވާފައިވާ އެޓޭޗެމެންޓަކުންނެވެ. މި އެޓޭޗްމެންޓްގައި ހިމެނެނީ ސިއްރު ސައިބާ ހަމަލާތަކަށް ބޭނުންކުރާ އާރިއާ ބޮޑީ ނަމަކަށް ކިޔާ ޓޫލެކެވެ. މި ޓޫލަކީ މީގެ ކުރިން ސައިބާ ހަމަލާއެއްގައި ފާހަގަވެފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް އިންތިހާއަށް ނުރައްކާ ބޮޑު ޓޫލެއްކަމުގައި އެކުންފުނިން ސިފަކުރެއެވެ.
މި އާރިއާ ބޮޑީ އަކީ ކޮމްޕިއުޓަރަށް ވެރިވެގެން އޭގައި ހުންނަ ފައިލްތައް ކޮޕީކޮށް، ޑިލީޓް ކޮށް، އައު ފައުލްތައް އުފައްދައި ހެދުމުގެ ގާބިލުކަން ލިބިފައިވާ ކޮމްޕިއުޓަރުގެ ޑޭޓާއާ ދުރުގައި ހުންނަ މީހަކު ބޭނުންގޮތަކަށް ކޮންޓްރޯލްކޮށް ކުޅެލުމަށް ފަހިކޮށްދޭ ވަސީލަތެކެވެ. އަދި މިއީ ހޯދައިގަންނަންވެސް އުދަގޫ އެއްޗެކެވެ.
2013 ވަނަ އަހަރު ދީފައިވާ ސައިބާ ހަމަލާގެ ރިޕޯޓާ ގުޅޭ ގްރާފެއްގައި އިޒްރޭލުގެ ޗެކް ޕޮއިންޓް ސޮފްޓްވެއަރ ޓެކްނޮލޮޖީސްއަކީ މީގެ ކުރިންވެސް މިފަދަ ހަމަލާތައް ހޯދައި ދީފައިވާ ކުންފުންޏެކެވެ. މި ކުންފުނިން އެކުލަވާލި ދިރާސާ ހާމަކޮށްފައިވަނީ މޭ 7ގައެވެ.
ޗެކް ޕޮއިންޓުން ބުނާ ގޮތުގައި މިފަދަ އެހެން ހަމަލާތައްވެސް މީގެ ކުރިން ހޯދި ހޯދުންތަކުން ވަނީ އެއީ، ޗައިނާ ސިފައިންގެ ފަރާތުން އުފެއްދި އެއްޗެއްކަން ވަނީ އެނގިފައެވެ. އަދި ހެކްކުރުމުގެ ގާބިލްކަން އުފައްދާފައިވާ މި ގްރޫޕަކީ ޗައިނާ ސިފައިންގެ ތެރޭގައި ހިމެނޭ ނައިކޮން ނަމަކަށް ކިޔާ ގްރޫޕެކެވެ.
ޗެކް ޕޮއިންޓުން ބުނާ ގޮތުގައި ވެސްޓާން އޮސްޓްރޭލިއާގެ ހަމަލާގެ ކުރިން ނައިކޮންއިން ވަނީ ފިލިޕީންސްއާއި ވިއެޓްނާމާއި މިޔަންމާރާއި ބުރޫނާއިގެ ސަރުކާރު އިދާރާތަކާއި ސައިންސް އެންޑް ޓެކްނޮލޮޖީ ކުންފުނިތަކަށްވެސް ސައިބާ ހަމަލާތަކެއް ދީފައެވެ.
ވެސްޓާން އޮސްޓްރޭލިއާގައި ދީފައިވާ ހަމަލާއަކީވެސް އެގައުމުގައި ހުންނަ އިންޑޮނޭޝިއާގެ ޑިޕްލޮމޭޓެއްގެ ކޮމްޕިއުޓަރު ކޮންޓްރޯލް ކޮށްގެން އެފަރާތަށް ނޭނގި އެކޮމްޕިއުޓަރުން ދީފައިވާ ހަމަލާއެކެވެ. މިކަން ނާކާމިޔާބުވީ އިންސާނީ ކުށަކުންނެވެ. އެއީ އީމެއިލްގައި ނުބައި އެޑްރެހެއް ޖެހުމުން ސަރވަރއިން އަނބުރާ ފޮނުވާލުމުން އުފެދުނު ސުވާލުތަކުން މައްސަލަ ތަހުގީގުކުރުމުން މިކަން ބޭޒާރުވީއެވެ.
ޗެކްޕޮއިންޓްގެ ސައިބާ ތްރެޓް އިންޓެލިޖެންސް ގްރޫޕްގެ ވެރިޔާ ލޯޓެމް ފިލްކެލްޝްޓެއިން ބުނާ ގޮތުގައި ނައިކަން ގްރޫޕުން ވަނީ ކުރިންވެސް ސައިބާ ހަމަލާތައް ދީފައެވެ. ނަމަވެސް މިހާރު ހަމަލާ ދޭން ބޭނުންކުރާ ވަސީލަތަކީ ވަރަށް ޒަމާނީ ގޮތަށް އަޕްޑޭޓް ކޮށްފައިވާ އެއްޗެކެވެ. އަދި މީގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ އާރިއާ ބޮޑީއިން މުޅި ކޮމްޕިއުޓަރު ކޮންޓްރޯލް ކޮށް ހެކަރުންނަށް ހަމަލާ ދިނުމަށް ފަހިކޮށްދޭތީއެވެ.
މި ވަސީލަތުން އާމާޒު ކުރެވޭ ކޮމްޕިއުޓަރުގައި އަމިއްލައަށް ޓައިޕް ކުރުމާއި ޓައިޕް ކުރާ ލިޔުންތައް ފަސޭހައިން އަންގައި ދިނުމުގެ ކުޅަދާނަކަންވެސް މީގައި ހިމެނެއެވެ.
މި ކަމާ ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އޮސްޓްރޭލިއާގެ ކުރީގެ ޑިޕްލޮމޭޓުންނާއި ސައިބާ ސެކިއުރިޓީއާ ބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޮސްޓްރޭލިއާއަށް އަންނަ ސައިބާ ހަމަލާތައް އަންނަނީ ޗައިނާއިން ކަން އޮސްޓްރޭލިއާއަށް އެނގެއެވެ. އަދި އޭޝިއާ ޕެސިފިކްގައި ވިޔަފާރިއާއި ޓެކްނޮލޮޖީއާއި ސަލާމަތީ ކަންތައްތަކާއި ކޮރޯނާއާ ގުޅިގެން ދެބަސްވުންތައް އުފެދިފައުވާ އިރު ޗައިނާއިން ދަނީ ހުއްޓުމެއް ނެތި ޗައިނާގެ ނުފޫޒު އެސަރަހައްދުގެ ގައުމުތަކަށް ދައްކަމުންނެވެ.
ޗައިނާ ސިފައިންގެ ސައިބާ ހަމަލާދޭ ގްރޫޕް ނައިކޮން އަކީ އެމެރިކާގެ ސައިބާ ސެކިއުރިޓީ ކޮމްޕެނީ ތްރެޓްކޮނެކްޓްއިން 2015ގައި ތަހުގީގުކޮށް ރިޕޯޓެއް އެކުލަވާލައި ބޭޒާރުކޮށްފައިވާ ގްރޫޕެކެވެ.
މި ގްރޫޕަކީ ދެކުނު ޗައިނާގެ ކުންމިންގ ސިޓީއިން އޮޕަރޭޓް ކުރާ ބައެކެވެ. އަދި މިއީ ޗައިނާގެ ސިފައިންގެ ސެކަންޑް ޓެކްނިކަލް ރިކޮނައިސެންސް ބިއުރޯގެ ބައެކެވެ.
ރަޝިއާގެ ސައިބާ ސެކިއުރިޓީ ކޮމްޕެނީ ކެސްޕާސްކީއިން ބުނިގޮތުގައި ނައިކޮންއަކީ އޭޝިއާގައި އެންމެ ހަރަކާތްތެރިކަމާއެކު ސައިބާ ހަމަލާތަކުގައި އުޅޭ ކުންފުންޏެވެ. 2015ގެ ރިޕޯޓަށް ފަހު މި ގްރޫޕް ވަނީ ބޮނދައިފައެވެ. ނަމަވެސް ސިފައިންގެ ތެރޭން ބައެއް މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީއަށް ބަދަލުކުރުމަށްފަހު އަލުން އެމީހުންގެ ހަރަކާތްތަކަށް ވަނީ ދިރުމެއް ލިބިފައެވެ.