ކިޑުނީ އަކީ ހަށިގަނޑުގެ ނިޒާމްތައް މަސައްކަތްކުރާއިރު އުފެދޭ ބޭކާރު ބައި ނުވަތަ ވިހަބައިތައް ބޭރުކޮށްދޭ ގުނަވަނެކެވެ. ލޭގެ ތެރެއަށް ވަންނަ ވިހަ މާއްދާތައް ކިޑުނީގެ ޒަރީއާއިން ބޭރުކޮށް ލޭސާފުކޮށްދެއެވެ. މިއީ ހަށިގަނޑުގެ މުހިންމު މަސައްކަތެކެވެ. އަދި މިމަސައްކަތް ކުރާ ދެކިޑުނީއަކީ އެއާނުލާ އިންސާނާއަށް ދިރިހުރުން އުދަނގޫ ދެގުނަވަނެވެ. މިދެގުނަވަނަށް މައްސަލައެއް ދިމާވެ އޭގެ މަސައްކަތް ހުއްޓިއްޖެނަމަ އިންސާނާގެ ހުރިހާނިޒާމަށް އޭގެ އަސަރު ކުރާނެއެވެ.
މިޒަމާނުގައި ޑައިލެސިސްގެ ޒަރީއާއިން ލޭސާފުކުރެވުނަސް މިއީ އިންސާނުން ތަހައްމަލުކުރާ ވަރަށް ބޮޑުވޭނެކެވެ. ކިޑުނީ އަކީ މިހާނާޒުކު ގުނަވަނަކަށް ވާއިރު އަހަރެމެންގެ އަމަލުތައް ބެހެއްޓޭގޮތުން މިގުނަވަނަށް ވަރަށްބޮޑެތި ގެއްލުންތައް ލިބޭގޮތްވެއެވެ. ކިޑުނީގައި ޖަރާސީމު އުފެދުމާއި ހިލައުފެދުން ފަދަ ކަންކަން ދިމާވެ އޭގެ މަސައްކަތް ހުއްޓޭގޮތް މެދުވެެރިވެއެވެ. ވީމާ މިރޯދަމަހަކީ ކިޑުނީއަށް އެފަަދަ ބުރައެއްނުޖައްސާ ފަސޭހަކަމާއެކު އޭގެ މަސައްކަތް ކުރުމަށް މަގުފަހިކުރާ މަހެއްކަމުގައި ހެދުމަކީ މުހިންމުކަމެކެވެ.
ކިޑުނީގެ ބަލިތަކަށް މަގުފަހިކުރަނީ ކޮންކަމެއް؟
- ލޭމައްޗަށްދިއުން
- ހަކުރުބަލި
- ދުންފަތުގެ އިސްތިއުމާލު ކުރުން
- އުމުރުން މަތިވާވަަރަކަށް ކިޑުނީގެ މައްސަލަތައް ގިނަވާނެއެވެ.
- ތެލާއި ސަރުބި އެކުލެވޭ ކާނާ މާގިނައިން ބޭނުން ކުރުން
- ކަސްރަތާއި ދުރުހެލިވުން
- ދިޔާތަކެތި ބޮވޭލެއް މަދުވުން
- ސޮފްޓް ޑްރިންކްސް ބޭނުންކުރެވޭމިންވަރު ގިނަވުން
- ތަދުކަނޑުވާ ބޭސް މާގިނައިން ބޭނުން ކުރުން
ކިޑުނީގައި މައްސަލައެއް އުޅޭކަން އެނގޭނީ ކިހިނެއް؟
- މޫނާއި ފައިތިލަ ދުޅަވެ ފޮއްސިވާނަމަ އެއީ ކިޑުނީގެ މައްސަަލައެއް އުޅޭކަމުގެ އަލާމާތެކެވެ.
- ކާހިތްނުވުމާއި ކަންކަމަށް ސަމާލުކަންދޭ މިންވަރު ދައްވުން
- ކުޑަކަމުދާއިރު މާގިނައިން ފޮނުހުރުމާއި، ދަށްބަޑަށް ތަދުވުމުކީވެސް ކިޑުނީގެ ބައްޔެއް ހުރުމުން ވެދާނެ ކަމެކެވެ.
ކިޑުނީ ރައްކާތެރިކުރުމަށް ކުރެވޭނީ ކޮންކަމެއް
ރޯދަމަހަކީ ދުވާލު އެއްގޮތަކަށްވެސް ދިޔާއެއްޗެއް ބޭނުން ކުރާ މަހަކަށްނުވާއިރު ރޭގަނޑު ގިނައިން ދިޔާތަކެތި ބޭނުން ކުރައްވާށެވެ. ކިޑުނީ ސާފުކޮށް ބެހެއްޓޭނީ ގިނައިން ދިޔާތަކެތި ބޭނުން ކުރިމިންވަރަކުންނެވެ. އެހެންނަމަވެސް ދިޔާތަކެތީގެ ތެރޭގައި ކެފެއިން، ސޮފުޓުޑުރިންކްސް ހިމަނައިގެން ނުވާނެއެވެ. މީގެ އިތުރަށް:
- ކަސްރަތުކުރުން އާދައަކަށް ހަދާށެވެ
- ލޭގެ ޕްރެޝަރ ގަވާއިދުން ޗެކުކޮށް ކޮންޓްރޯލް ކުރާށެވެ
- ހަށިގަނޑުގައި ހަކުރު ހުންނަން ޖެހޭ މިންވަރަށް ބެހެއްޓޭތޯ ބަލާށެވެ
- ހަށިގަނޑުގެ ބަރުދަން މަތިވިޔަ ނުދޭށެވެ
- ކެއުމުގައި ތެލާއި ސަރުބި އަދި ލޮނު ބޭނުން ކުރާމިންވަރު ދައްކުރާށެވެ
- ދުންފަތުގެ އިސްތިއުމާލުނުކުރާށެވެ
- ޑޮކުޓަރެއްގެ ލަފަޔާއެކުނޫނީ ބޭސް ބޭނުން ނުކުރާށެވެ.
- މޭވާއާއި ތަރުކާރީ ކެއުމުގައި ގިނަ ކުރާށެވެ.
ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ރޯދައިގެ މަތިވެރި އަޅުކަން އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރެކެވެ.