އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަކްރަމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކާ ގުޅިގެން އޭނާ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގައި ދެމި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ ކަމަަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ. އެކަމާ ގުޅޭގޮތުން އަކްރަމް ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލާގައި ތުހުމަތު ކޮށްފައިވާ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލް މައުުލޫމާތު ހެއްކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކޮށްފައިވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.