ކަނބާ އައިޝާ އަކީ 3 ރަސްކަލުންގެ ރަނިކަނބަލެކެވެ. އެއް ރަސްކަލެއްގެ މަންމާ ފުޅެވެ. ދެ ރަސްކަލެއްގެ މާމާފުޅެވެ. ކަނބާ ޢައިޝާއޭ ކިޔާ ވަރަށް ގިނަ ބޭފުޅުން އުޅުއްވިއެވެ. އޭގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް ލޯތްބާއި ޤަދަރު ދިން ބޭކަނބަލަކީ މި ޕޯސްޓްގައި މި ބަޔާންކުރާ، އައް ސުލްޠާނު އިބުރާހީމް 3 ގެ ރަނިކަނބަލުން ކަނބާ ޢައިޝާ ރަނިކިލެގެފާނެވެ.

ކަނބާޢައިޝާގެ ބައްޕާފުޅަކީ މާފިލާފުށީ ކަތީބު އަލީ ކޮށަލި ކިލެގެއެވެ. މަންމާފުޅަކީ މާފިލާފުށީ މުޙައްމަދު ފާށަނާ ކަލޯގެ ދި ސިއްތި ބޮޑު ކަމަނާއެވެ. ކަނބާ ޢައިޝާ ދުނިޔެއަށް ވަޑައިގަތީ 1574 ގައެވެ. ސާމިޔާ ކަލޯއަކީ އެކަމަނާގެ އަޚެކެވެ. ކަނބާ ޢައިޝާ ފުރަތަމަ ކައިވެނިކުރެއްވީ އިބްރާހީމް 3 (1585 ން 1609 އަށް) ރަސްގެފާނާއެވެ. އެއިރު އެކަމަނާގެ އުމުރުފުޅު ބަރާބަރަށް އެނގޭކަށް ނެތެވެ. އެހެނަސް އިބްރާހީމް ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގެންނެވި އިރު އެ ކަމަނާގެ އުމުރުފުޅުން 11 އަހަރެވެ. ވީމާ އެ ދެ ބޭފުޅުންގެ ކައިވެނިފުޅު އަޤުދު ކުރެވިފައިވާނީ އިބްރާހީމް ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގެންނެވި ފަހުންނެވެ.

އައް ސުލްޠާނު އިބުރާހީމް 1609 ގައި ޝަހީދުވުމަށްފަހު ދެން ރަސްކަމަށް އަރައިވަޑައިގަތީ އައްސުލްޠާނު ޙުސައިން ފާމުލަދޭރިކިލެގެފާނެވެ. އެ މަނިއްޕުޅު ކުރީގެ ރަދުންގެ ހުވަފަތް އަނބިކަނބަލުން ކަނބާ ޢައިޝާއާ ކައިވެނި ބައްލަވައިގެންނެވިއެވެ. އެއިރު އެކަމަނާގެ އުމުރުފުޅަކީ 35 އަހަރެވެ. އެ ކައިވެންޏަށް 3 ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބި ވަޑައިގެންނެވިއެވެ. އޭގެތެރެއިން ޙަސަން މަނިކުފާނަކީ އައްސުލްޠާނު މުޙައްމަދު މުޙުޔިއްދީނުލް ޢާދިލުގެ ބައްޕާފުޅެވެ. އައް ސުލްތާނު ޙުސައިން ފާމުލަދޭރިކިލެގެފާނު އަވަހާރަވީ މާލެ އަތޮޅު ގުރައިދޫގައި 1620 ގައެވެ. އެއަށް ފަހު ރަސްކަމަށް އިސްވެ ވަޑައިގެންނެވީ އައް ސުލްޠާނު މުޙައްމަދު ޢިމާދުއްދީނު 1 ވަނައެވެ. އެ މަނިއްޕުޅަށް ބޮޑުރަސްގެފާނޭ ވެސް އަދި ކަޅުތުއްކަލާއޭ ވެސް ކިޔައެވެ. ބޮޑު ރަސްގެފާނު ވެސް ކަނބާ ޢައިޝާއާ ކައިވެނި ބައްލަވައިގަތެވެ. އެއިރު އެ ކަމަނާގެ އުމުރުފުޅަކީ 47 އަހަރެވެ.

މި ދެ ކަނބަލުންނަށް ރީތި ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. ފަހުން އެ މަނިއްޕުޅުވީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރަށެވެ. އައްސުލްޠާނު ކުޑަ މުޙައްމަދު ރަދުން (1687 ން 1691 އަށް) އަވަހާރަ ވުމަށް ފަހު ރައްޔިތުން ގަނޑުވަރަށް އެއްވެ ބުނީ ރަސްކަން ދޭން އެމީހުން ބޭނުމީ ކަނބާ ޢައިޝާގެ ދަރިކޮޅުގެ ބޭފުޅަކަށް ކަމަށެވެ. ދެން ކަނބާފާނުގެ ފުތް ޙަސަން ފާށަނާ ކިލެގެފާނުގެ ފުތް މުޙައްމަދު މަނިކުފާނު ގެނެސް ތަޚުތުގައި ވަޑުވައިފޫއެވެ. ކަނބާ ޢައިޝާ އަވަހާރަވީ 1666 ފެބްރުވަރީ 13 ގައެވެ. ފަސްދާނު ލެވިފައިވަނީ ހުކުރު މިސްކިތުގެ ހަރިންމައިގައިވާ ކަނބާ ޒިޔާރަތުގައެވެ.