ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭނަމަ ވަރަށް ފަސޭހައިން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގެންފާނެއެވެ. ރޯދަމަހަކީ ދުވާލުގެ ވަގުތު ތަކުގައި ފެން ބޭނުންކުރާ މަހަކަށް ނުވާތީ ހަށިގަނޑަށް ފެންލިބޭމިންވަރު މަދުވުމުން ކުޑަކަމުދާނިޒާމަށް މިފަދަ މައްސަލަތައް ދިމާވާ މީހުންނަަށް މިމަހުގައި މިބަލީގެ އުނދަގޫ ދިމާވާލެއް ގިނަވުމަކީ އެކަށީގެންވާ ކަމެކެވެ.

ދެޖިންސްގެ މީހުނަށްވެސް މިމައްސަލަ ދިމާވާއިރު އަންހެނުންނަށް މިކަމުގެ އުނދަގޫ ގިނައިން ޖެހުމުގެ ފުރުސަތު ބޮޑެވެ. މިބައްޔަކީ މިކަމަށް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ އޭގެ ގެއްލުން ވަރަށް ބޮޑުވެދާނެކަމެކެވެ. ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށަގަތުމަށް ފަހު ފަރުވާ ނުކޮށްފިނަމަ އޭގެ އަސަރު މަސާނާއަށާއި އެއަށްވުރެ މައްޗަށް ގުރުދާ ( ކިޑުނީ ) އަށް ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. ކިޑުނީއަށް ފެތުރި އިތުުރު މައްސަލަތަކެއް އޭގެ ސަބަބުން އުފެދޭގޮތް ވެއްޖެނަމަ މުޅި ކުޑަކަމުދާ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވުމަކީ ވަރަށް ފަސޭހައިން ވެދާނެކަމެކެވެ. ވީމާ މިއީ އެހެން އާދައިގެ މަސްމަހަށްވުރެ ބޮޑަށް ރޯދަމަހު މިކަމަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

އަލާމާތްތައް:

  • ކުޑަކަމުދާ އިރު ދިލަނެގުމާއި ތަަދުވުން
  • އުނަގަނޑުގައި ރިއްސުން
  • ދަށްބަނޑުގައިރިހުން
  • ހުންއައުން
  • މޭނުބައިކުރުމާއި ހޮޑުލެވުން
  • ކުޑަކަމުދާތަކެތީގައި ލޭގެ އަސަރު ހުރުން
  • ކުޑަކަމުދާތަކެތީގައި ނުބައިވަސްދުވުން
  • އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން
  • ކުޑަކަމުދާ ތަކެތީގެ ކުލަ ފުސްވުން

ފަރުވާ:

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެފައިވާ ކަމުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކުޓަރެއްގެ ލަފާހޯދާ ފަރުވާ ފަށާށެވެ.

ރައްކާތެރިވުން:

  • މިބަލިން ރައްކާތެރިވުމަށް ގިނައިން ފެންބޯށެވެ. ހާއްސަކޮށް ރޯދަމަހުގެ ރޭނގަޑުގެ ވަގުތު ގިނައިން ދިޔާތަކެތި ބޭނުން ކުރައްވާށެވެ.
  • ގިނައިން ކުޑަކަމުދިއުން
  • ޖިންސީގުނަވަނުގެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. މިބަލި ގިނަގިނައިން ދިމާވާނަމަ ޖިންސީގުނަވަނުގެ ސާފުތާހިރުކަމަށް ހާއްސަ ކޮށް ތައްޔާރުކޮށްފައި ހުންނަ އުފެއްދުންތައް ބޭނުން ކުރާށެވެ.
  • ބާރުކޮށް ޖަނގިޔާ އަދި ޖިންސްކަހަލަ އަންނައުނު ލުމަކީ ޖިންސީގުނަވަނުގައި ޖަރާސީމު އަށަގަތުމަށް މަގުފަހިކުރާކަމެކެވެ.
  • ކުރޭންބެެރީ ޖޫހަކީ ކުޑަކަމުދާ ނިޒާމަށް ފައިދާ ހުރި ބުއިމެކެވެ

ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދުންކަހަލަ ކަމެއް ދިމާވާކަމަށް ޝައްކުވާނަމަ ވީހާވެސް އަވަހަކަށް ސިއްހީ އެހީހޯދާ ފަރުވާ ފައްޓަވާށެވެ. ލަދުން ޑޮކުޓަރަކަށް ނުދައްކާ ނުވަތަ ބަލީގެ ވާހަކަ ސިއްރުކުރުމަކީ ހާލަތު އިތުރަށް ގޯސްވެ ކުޑަކަމުދާނިޒާމުގައި ހިމެނޭ ގުނަވަންތަކަށް ދާއިމީ ގެއްލުމެއް ވެދާނެ ކަމެކެވެ. ވީމާ ބަލީގެ ކުރީކޮޅު ފަރުވާކޮށް އަދި މިފަދަ ކަމެއް މެދުވެރިވިޔަ ނުދީ އެކަމުން ރައްކާތެރިވެވޭތޯ މަސައްކަތް ކުރާށެވެ.