އެޕެންޑިކްސް ދުޅަވެގެން ފަރުވާކުރުމާއި އޮޕަރޭޝަންކޮށްގެން ނަގާވާހަކައަކި މިހާރު އެއްމެނަށްވެސް ވަރަށް އާއްމު ވާހަކައެކެވެ. ބޮޑުގޮހޮރާއި ކުޑަގޮހޮރު ގުޅޭ ހިސާބުގައި އިންނަ ކުޑަތަންތަކޮޅެއް ދުޅަވެ ފަރުވާ ނުލިބި އުޅެނިކޮށް ފަޅައިގެން ހިގައްޖެނަމަ ބައެއްފަހަރަށް ބަލިމީހާގެ ފުރާނައަށް ނުރައްކާވުމަކީ ވަރަށް ކައިރިކަމެކެވެ.

ރޯދަމަހު މިފަދަ ކަންކަމަށް ސަމާލުކަންދީ ވިސްނަން ޖެހެނީ މިބައްޔަކީ ބަނޑަށް ދިމާވެދާނެ އެހެން ސިއްހީމައްސަލަތަކާއި ވަރަށް އެއްގޮތް އަލާމާތްތަކެއް ހުންނާތީއެވެ. މިބަލީގެ ބައެއް އަލާމާތްތައް ކަމަށްވާ ބަނޑުގައި ރިއްސުމާއި، ހޮޑުލެވުމާއި، ބޭރަށް ހިންގުން ފަދަ ކަންކަމަކީ ވަރަށް ގިނަ އެހެންބަލިތަކުގެވެސް ފެންނާނެ އަލާމާތްތަކެވެ. ވީމާ ރޯދަމަހަކީ ބަނޑުގެ މިފަދަ މައްސަލަތައް ތަންކޮޅެއް ގިނައިން ދިމާވާ މައްސަރަކަށްވުމާއެކު އެޕެންޑިކްސް ދުޅަވުމުގެ މައްސަަލަ ކުރިމަތިވާހާލަތުގައި އެކަމަށް އަޅާނުލެވި ދޫވުމަކީ ވަރަށް ކައިރި ކަމެކެވެ.

އަލާމާތްތައް:

- ބަނޑަށް ތަދުވުން ، ހާއްސަކޮށް ބަނޑުގެ ކަނާތްފަރާތުން ތިރިއަށް ތަދުވުން ، އަދި ގިނައިރުވާވަރަކަށް ތަދު ބޮޑުވަމުން ދިއުން

- ކެއްސުމުން، ނޭވާލުމުން އަދި ކިނބިހި އެޅުމުން ތަދުބޮޑުވުން

- މޭނުބައިކުރުމާއި ހޮޑުލެވުން

- ކާހިތްނުވުން

- ބަނޑުފުއްޕާފައި ހުރުން

- ބަނޑުދިޔާވުން

- ބަނޑުގެ ކަނާތްފަރާތުގެ ތިރިއަށް ފިތާލާފައި ދޫކޮށްލުމުން ތަދުބޮޑުވުން

އެޕެންޑިކްސްއަކީ ފަރުވާ ކުރަން ފަސޭހަ ބަައްޔެކެވެ. އެހެންނަމަވެސް ބަލިމީހާއަށް ބައްޔާމެދު ފަސޭހައިން ފަރުވާ ކުޑަކޮށްލެވޭ ބައްޔެކެވެ. މިބަލީގެ ސަބަބުން ދިމާވާ އުދަގޫތަކާއި ބަނޑާއި ގޮހޮރަށް ދިމާވާ އެހެން މައްސަލަތަކާއި ފިތުގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުގެ އަލާމާތްތަކާއި ވަރަށް އެއްގޮތް ވުމުގެ ސަބަބުން އެެޕެންޑިކްސް ދުޅަވެފައިވާކަން ދެެނެނުގަނެވުމަކީ ވަރަށް ފަސޭހައިން ވެދާނެކަމެކެވެ. ވީމާ ރޯދަމަހު މިކަހަލަ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކުޓަރެއްގެ ފަރުވާ ހޯދުން އެއީ ވަރަށް މުހިންމު ކަމެކެވެ.