ކާނާވިހަވުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ބައެއްމީހުން ދެކެއެވެ. އެހެންނަމަވެސް މިއީ ބައެއްފަހަރު ފުރާނަޔަށް ނުރައްކާވެދާނެ ކަމެކެވެ. ކާނާ ވިހަވަނީ ކާތަކެތި ހަލާކުވެ އޭގައި ޖަރާސީމު އަށަގަތުމުންނެވެ.
ރޯދަމަހަކީ ކާނާ ތައްޔާރުކުރުމާއި، ކެއްކުމާއި، ކެއުމުގައި ޚާއްސަ ދުވަސްވަރަކަށް ވެފައި މިކަންކަމަކީ މިހާރު ވިޔަފާރި ވަރަށްބޮޑަށް ހިމެނިފައިވާ ކަންކަމެވެ. މިއާއެކު ކާނާ ތައްޔާރުކުރުމާއި، ފޯރުކޮށްދިނުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ކާނާއާއި އޭގެ އުފެއްދުންތައް ހަލާކުވެ އޭގެ ސަބަބުން ކާނާ ވިހަވުން ގިނަވެއެވެ. ހާއްސަކޮށް ރޯތަކެތި، ފިނިކޮށް ގަނޑުކޮށްގެން ގެންގުޅޭ ކާނާގެ ބާވަތްތައް ގެންގުޅުމުގައި ދޭންޖެހޭ ސަމާލުކަން ކުޑަވެ އެތަކެތީގައި ޖަރާސީމު އަށަގަނެ ކާނާ ވިހަވާގޮތް މެދުވެރިވެއެވެ. ވީމާ ރޯދަމަހަކީ މިކަންކަމަށް ހުރިހާފަރާތްތަކުންވެސް ސަމާލުކަންދީ ކާނާވިހަވުމުން އާއްމުން ސަލާމަތްކުރުމަށް އިތުރަށް ވިސްނަންޖެހޭނެ މަހެކެވެ.
އާއްމުކޮށް ވިހަވަނީ ކޮންބާވަތްތަކެއް؟
އާއްމުކޮށް ފަސޭހައިން ހަލާކުވެ ޖަރާސީމު އަށަގަނެ ވިހަވަނީ އެއްގަމު މަސް، ކަނޑުމަސް، ކުކުޅު ބިސް އަދި ކިރެވެ. އެހެންކަމަށް ވިޔަސް ތައްޔާރުކޮށް ގިނައިރުވެފައި ހުންނަ ކާނާއާއި ވަކި ފިނިހޫނުމިނެއްގައި ހުންނަން ޖެހޭ އެކަމަކު އެފިނި ހޫނުމިނުގައި ނުބަހައްޓާ ބާވާތްތަކާއި ދަޅުގައިބަންދުކޮށް ގިނަދުވަސްވެފައި ހުންނަ ބާވަތްތައްވެސް ހަލާކުވެ ވިހަވުމަކީ ވަރަށް ފަސޭހައިން ވާކަމެކެވެ.
އަލާމާތްތައް:
- މޭނުބައި ކުރުމާއި ހޮޑުލެވުން
- ބޭރަށް ހިންގުން
- ހުންއައުން
- ބޭރަށް ހިންގާ ގިނައިން ހޮޑުލެވުމުން ހަށިގަނޑުން ފެންމަދުވެ އޭގެ ނުރައްކާތެރި އަސަރު ހަށިގަނޑަށް ކުރުން . އެގޮތުން ކަރުހިއްކުމާއި، ހަންގަޑު ހިކި ދޫވެ އަގަޔާއި ދޫހިކުން، ވަރުބަލިވުން، ބޯއެނބުރުން ، ލޯވަޅުވަނުން، ނޭވާ ކުރުވެ ހާސްވުމާއި ލޭގެ ޕްރެޝަރ ދަށްވުން ހިމެނެއެވެ.
ފަރުވާ:
ކާނާވިހަވެއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރެއްގެ ފަރުވާ ހޯދާށެވެ. އޭގެއިތުރަށް ހަށިގަނޑުން ގެއްލޭ ފެންއިއާދަކުރުމަށް ގިނައިން ދިޔާތަކެތި އަދި ލޮނުޕަކެޓް ބޭނުން ކުރާށެވެ.
ރައްކާތެރިވުން
- ކާނާ ވިހަވުމުން ސަލާމަތްވުމަށްޓަކައި ރޯތަކެތި ރަނގަޅަށް ދޮވެ ސާފުކުރާށެވެ
- ކާތަކެތި ފުރިޖްކުރާއިރު ބާވަތްތައް ވަކިން ބަހައްޓާށެވެ. ރޯމަހާއެކު ކާނާގެ އެހެން ބާވަތްތައް އެއްތަނެއްގައި ރައްކާނުކުރާށެވެ.
- މަހުގެ ބާވަތްތައް އަދި އެހެންބާވަތްތައް ކޮށާނަމަ ވަކި ކަޓިންބޯޑެއް ބޭނުން ކުރާށެވެ
- މަހުގެ ބާވަތްތައް ކައްކާއިރު ރަނގަޅަށް ރޯފިލިކަން ޔަޤީން ކުރާށެވެ.
- ގިނަގިނައިން އަތްދޮށްނާށެވެ. ކާތަކެތީގައި އަތްލުމުގެ ކުރިންނާއި ފަހުން އަދި ފާހާނާ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނަން އާދަކުރާށެވެ.
- ކަޓިންބޯޑު، ތަށި ސަމުސާ އޫ ، ވަޅިފަދަތަކެތި ބޭނުން ކުރުމަށްފަހު ހޫނުފެނުން ދޮވެލުމަކީ މޮޅުއިތުރުގޮތެެކެވެ
- ގަނޑުކޮށްފައި ހުންނަ ބާވަތްތައް ގަނޑުފިލުވުމަށްފަހު އަލުން ގަނޑު ނުކުރާށެވެ.
- ކާތަކެތީގެ ތެރެއިން ބާކީވާތަކެތި ފަހުން ބޭނުން ކުރުމަށް ގިނަވަގުތު ނުބަހައްޓާ އުކާލާށެވެ.
- ކާތަކެތި ވީހާވެސް ތާޒާކޮށް ބޭނުން ކުރާށެވެ.
ރޯދަވީއްލަން ތައްޔާރުކުރާ ކާތަކެތި އޭގެއަނެއްދުވަހު އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ކާންދިނުމަކީ އަޅުގަނޑުމެންގެ މުޖުތަމައުން ކޮންމެވެސް ވަރަކަށް މިހާރުވެސް ފެންނަމުންދާކަމެކެވެ. މިކަމަކީ ތުއްތުކުދިންނަށް ނުރައްކާތެރި ކާނާ ވިހަވުމުގެ މައްސަލަ ދިމާވެދާނެ ކަމެކެވެ. ވީމާ އަބަދުވެސް އެންމެ ރަނގަޅުގޮތަކީ ވީހާވެސް ތާޒާކޮށް ކެއުން ތައްޔާރުކޮށް ކުދިންނަށް ކާންދިނުމެވެ.