ރޯގާ ހުމަކީ އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ހުމެކެވެ. ވޭތުވެ ދިޔަ ދޮޅުއަހަރެއްހާދުވަހު މިހުންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވީނަމަވެސް މިހާރު އަނެއްކާވެސް މިބާވަތުގެ ހުން ކޮންމެވެސް ވަރަކަށް ފެތުރޭކަމަށް ފެނެއެވެ.
ކޮވިޑްގެ ހާލަތާއެކު އާއްމުން އަހުލުވެރިވި ސިއްހީ ރަނގަޅު އާދަތަކުގެ ސަބަބުން ވަރަށް ގިނަ އާދައިގެ މިކަހަލަ ބަލިތައް ފެތުރޭ މިންވަރު މަދުވެގެން ދިޔައެވެ. ނަމަވެސް ކޮވިޑަށް ދިން ސަމާލުކަން ގެއްލި އާއްމުން ކުރިން ހިފެހެއްޓި ބައެއް އާދަތައް ދޫކޮށްލުމާއެކު ހުމާއި ރޯގާގެ އަސަރު އަނެއްކާވެސްދަނީ ފެންނަމުންނެވެ. ހުމަކީ ވަރަށް އާދައިގެ ބައްޔެއްގެ ގޮތުގައި ދެކޭވޭ ބައްޔަކަށް ވިޔަސް މިއީ ރޯދަ ހިފުމަށް އަސަރުކުރާނެ ބައްޔެކެވެ. ހުމާއެކު ހަށިގަނޑުގެ ވަރު ދެރަކޮށްލައި ފެންމަދުކޮށްލުމުން ރޯދަ ހިފުންވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި މިބަލި ފުރާނައަށް ނުރައްކާތެރިވާގޮތަކަށް އެހެން މަރުހަލާއަކަށް އެނބުރިގެން ދިއުމަކީ ބައެއްފަހަރަށް ދިމާވެދާނެ ކަމެކެވެ.
އަލާމާތްތައް:
- ހުންއައުން
- ކެއްސާ ކިނބިހި އެޅުން
- ކަރުތެރެ ހިރުވުމާއި، ހަލާކުވުން
- ބޮލުގައި ރިހުން
- ނޭފަތުން ފެން އައުން
- ހުޅުހުޅުގައި ރިއްސުމާއި މަސްތަކުގައި ރިއްސުން
- ލޯރަތްވުން
- ގައިގައި ކުދިބިހިތަކެއް ނެގުމާއި ހަށިގަނޑުގައި ހިމެނޭ ލިމްފް ނޯޑްތައް ދުޅަވުން
ފަރުވާއާއި ރައްކާތެރިވުން
ރޯގާހުމަށް ދެވޭނީ ފެންނަ އަލާމާތްތަކަށް ބިނާކޮށް ދެވޭ ފަރުވާއެކެވެ. ގަދައަށް ހުންއަންނަނަމަ އެކަމަށް ބޭސްދިނުމާއެކު އާދައިގެ ފެނުން މާލީސްކޮށްގެން ހުންމަޑުކުރާނީއެވެ. މިކަމަށް އެއްވެސް ބޭހެއްދިނުން ރަނގަޅީ ޑޮކުޓަރެއްގެ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިންނެވެ.
މިކަމުން ރައްކާތެރިވުމަށް ރަނގަޅު ސިއްހީއާދަތައް ހިފެހެއްޓުން މުހިންމެވެ. އެގޮތުން:
- އާއްމުސާފުތާހިރުކަމާއި ހަށިގަނޑުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުން
- ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
- ގިނަގިނައިން އަތްދޮވުން
- ބަލީގެ އަލާމާތްތައް ފެންނަމީހުނާއި ގައިގޯޅިވެ ނޫޅުން
- ލޮލަލާއި ނޭފަތް އަދި އަނގައަށް އަތްލައި ނޫޅުން
- ތަންތަނަށް ގޮސް އުޅޭއިރު ވީހާވެސް ބަލައިގެން އުޅުން
- ގިނައިން ދިޔާތަކެތި ބޭނުން ކުރުން
- އަރާމުކުރުން
- ރަނގަޅަށް ނިދުން
- ތާޒާ ކާނާ ބޭނުން ކުރުން ، މޭވާ ތަރުކާރީ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން
- ކަސްރަތު ކުރުން
ރޯދަމަހަކީ އަޅުގަނޑުމެންގެތެރޭގައި އުޅުމާއި ގުޅުން ވަރުގަދަ މަހަކަށްވެފައި ވަރަށް ގިނަ ހަފުލާތަކާއި އެެއްވުންތައް ރޭގަނޑުގަޑީގައި ގިނަ ދުވަސްކޮޅެއް ކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އުޅުމަކީ ބޭނުން ތެރިކަމެކެވެ. މިބަލީގެ ޝިކާރައަކަށް ވެއްޖެނަމަ ރޯދަމަހުގެ އަޅުކަން އޭގެ އެންމެފުރިހަމަގޮތުގައިއަދާކުރުމަށް ހުރަސްއެޅޭނެއެވެ. ހުމުގެ ރޯގާގެ ސަބަބުން ތަފާތު އުނދަގޫތަކާއެކު ދުވަސް ވޭތުކުރަން ޖެހުމަކީ ހާއްސަކޮށް މިމާތް މައްސަރުގެ ފަހު ދިހައިގެ ދުވަސްތަކުގައި އެއްވެސް ފަރުދަކު ބޭނުންވާނެ ގޮތަކަށް ނުވާއިރު މިބަލިން ރައްކާވެތިބުމަށް ހާއްސަ ސަމާލުކަމެއް ދެއްވާށެވެ.