ރޯދަހިފުމަކީ އެމީހެއްގެ ހަށިގަނޑަށް ތަފާތު ހެޔޮ ބަދަލުތައް ގެނުވާ ކަމެކެވެ. ރޯދަމަހުގެ ތިރީސް ރޯދަ ހިފާނިމޭއިރު ހަށިގަނޑުގެ ހުރިހާ ނިޒާމްތަކަށް އަދި ގުނަވަންތަކަށް ގިނަ ބަދަލުތަކެއް އާދެއެވެ. މިބަދަލުތައް އަންނަނީ ރޯދަމަހުގެ އެކިދުވަސްވަރުއެވެ. އެގޮތުން ތިރީގައިމިވަނީ ރޯދަމަހުގެ އެކި ދުވަސްވަރު އަހަރެމެންގެ ހަށިގަނޑަށް އަންނަ ބަދަލުތަކެވެ.

ރޯދަމަހުގެ ފުރަތަމަ ދެތިންދުވަސް

ކެއުމުގެ އާއްމު އުސޫލު ދޫކޮށްލުމާއެކު ރޯދަމަހުގެ ފުރަތަމަ ދުވަސްކޮޅު ކޮންމެމީހަކަށްވެސް ވަރަށް އުދަނގޫތަކެއް އިހްސާސްވާނެއެވެ. ވަރަށް ބޮޑަށް ބަނޑުހައިކަން އިހްސާސްކުރެވި ކުދިކުދި އުނދަގޫތަކާއި ކުރިމަތިވެއެވެ. ކާތަކެތި ހަޖަމުކުރުމުގެ ނިޒާމްގެ މަސައްކަތް ބަދަލުވެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމުގެ ނިޒާމްވެސް ބަދަލުވެއެވެ. މިސްޓޭޖްގައި ހަށިގަނޑު " އެނަރޖީ ސޭވިންގް މޯޑަށް " ބަދަލުކޮށް ވަަރަށް މަދުހަކަތަ ބޭނުންކޮށްގެން ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ކުރުމަށް ހަށިގަނޑު ހާނުވައެވެ. ރުޅިއައުމާއި ކެތްތެރިކަން ކުޑަވުމަކީ މިސްޓޭޖްގައި ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ.

އޭގެ އިތުރަށް މިސްޓޭޖްގައި ނަފުސާނީ ދުޅަހެޔޮކަމާއި ހިތާއި އަދި ސިނކުޑީގެ މަސައްކަތްތައް ރަނގަޅުވެއެވެ. ކެތްތެރިވުމަށް ހިތްވަރުލިބުމާއި ކަންކަމާއި ކުރިމަތިލުމުގެ ޤާބިލްކަން އިތުރުކޮށްދެއެވެ. ޖިސްމާނީ ދުޅަހެޔޮކަމަށް ބަލާއިރު ލޭގެ ޕްރެޝަރ ދަށްވެ، ކޮލެސްޓްރޯލްލެވެލް ހަމައަކަށް އެޅެެއެވެ. އެއާއެކު ހިތުގެ މަސައްކަތް ފަސޭހަވެއެވެ. ސިނކުޑީގެ މަސައްކަތްތަކަށް ބަލާއިރު ވިސްނުމާއި، ހަނދާން ގަދަވުމުގެ ބާރު އިތުރުވެއެވެ.

ފުރަތަމަ ހަތް ދުވަސް

ރޯދަމަހުގެ ފުރަތަމަ ހަތްދުވަހާއި ހަމައަށް އަންނައިރު ބަނޑުހައިވުމުގެ ބައި ކުޑަވެއެވެ. އަދި ހަށިގަނޑުގައިވާ ސަރުބިއާއި މަހުގެ ތެރެއިން ހަށިގަނޑަށް ބޭނުންވާ ހަަކަތަ ނެގުމުގެ މަސައްކަތް ހިނގައެވެ. މިއާއެކު ހަށިގަނޑުގެ ބަރުދަން ލުއިވާންފަށައެވެ. އަދި ނުކައިހުއްޓަސް ހަކަތައިގެ ގޮތުން ދަށްވެ އެކަމުގެ އުނދަގޫތައް އިހްސާސް ކުރާކަށް ނުޖެއެވެ. ހަކަތައިގެ ގޮތުން ބަލާއިރު ރޯދަނޫން ދުވަހެކޭ މާބޮޑުތަފާތެއް ނުފެންނާނެއެވެ.

މިސްޓޭޖްގައި ހަށިގަނޑަށް ލިބޭނެ އެންމެ ބޮޑުފައިދާއަކީ ހަށިގަނޑުގެ ބަރުދަން ލުއިވުމާއި ، ހަށިގަނޑުގެ އެކި ނިޒާމްތައް ސާފްވުމުގެ މަސައްކަތް ފެށުމެވެ.

ދެހަފްތާ ނިމޭއިރު

ރޯދަމަހުގެ ފުރަތަމަ ދެހަފްތާނިމޭއިރު ރޯދައަށް ހުރުމަށް މުޅި ހަށިގަނޑު ހޭނެއެވެ. ގޮހޮރުގެ މަސައްކަތް ނުވަތަ ކާތަކެތި ހަޖަމު ކުރާ ނިޒާމްގެ މަސައްކަތް ވަރަށްބޮޑަށް ކުޑަވެ ހަށިގަނޑު "ރިޕެއަރ ނުވަތަ ހީލިންގ މޯޑަށް" ދެއެވެ. މިސްޓޭޖްގައި ހަށިގަނޑުގެ ނިޒާމްތަކަށް އަންނަ ސްޓްރެސް އަދި ހަށިގަނޑުގައި އުފެދޭ ވިހަމާއްދާތައް ވަރަށް ބޮޑަށް މަދުވުމާއެކު ހަށިގަޑުގެ ކުރިން ހަލާކުވެ ނުވަތަ އަނިޔާވެފައިވާ ހިސާބުތައް ފަސޭހަކުުރުމަށް ނުވަތަ ރިޕެއަރ ކުރުމަށް ވަގުތުލިބި އެމަސައްކަތް ފަށައެވެ.

މިސްޓޭޖްގައި ލިބޭއެންމެ ބޮޑުފައިދާއަކީ ހަށިގަނޑުން އުނިވެފައިވާ ބައިތައް ފޫބެއްދުމާއި، ސިނކުޑީގެ ސިއްހަތު ދުޅަހެޔޮވުމާއި، ދިފާއީ ނިޒާމް ވަރުގަދަވުމެވެ. މިބަދަލުތަކާއެކު އިންސާނާގެ ހަށިގަނޑު ދުޅަހެޔޮ ސިއްހަތެެއްގައި ދިގުއުުމުރެއް ވޭތިކުރުމަށް މަގުފަހިކުރުވައެވެ.

ފަހު ފަނަރަ:

ރަމަޟާންމަހުގެ ފަހު ދެހަފުތާ ހޭދަވެގެން ދަނީ ރޯދަހިފުމުން ހަށިގަނޑަށް އަންނަބަދަލުތައް ބެލެންސް ކޮށް ގިނައިން ހަކަތަ ބޭނުންވާކަންކަމަށް ހަކަތަލިބޭނެ މަގުފަހިކޮށް ރޯދައާއިއެކު ހަށިގަނޑަށް އަންނަ ބަދަލުތައް ފުރިހަމަ ކުރުމަށެވެ. މިސްޓޭޖްގައި ދިފާއީ ނިޒާމްގެ މަސައްކަތް ވަރަށް ފުރިހަމަކުރެއެވެ. އެއާއެކު ހަށިގަނޑުގެ ބަރުދަން ލުއިވެ ކޮލެސްޓްރޯލްލެވެލް ހަމަހަމަ ކުރެއެވެ. ހަމަމިއާއެކު ހަނދާންގަދަކޮށް ވިސްނުމުގެ ބާރުފުރިހަމަ ކުރެއެވެ. ހަށިގަނޑުގެ އެތެރޭން ދުޅަވެ ވީދި ހަލާކުވެފައިވާ ޓިސޫތަކާއި މަސްތައް އަދި ގުނަވަންތައް ރިޕެއަރ ކުރުމުގެ މަސައްކަތް ފުރިހަަމަކުރެއެވެ.

ފުރިހަމަ ގޮތުގައި ރޯދަހިފާނަމަ، ރޯދަމަހުގެ ތިރީސް ދުވަސް ފުރިހަމަ ކުރުމަށް ފަހު ރޯދަ ހިފުން ހުއްޓާލާއިރު އަހަރެމެންގެ ހަށިގަނޑު ހުންނާނީ ވަރަށްބޮޑަށް އެތެރެއިން ބަދަލުވެފައެވެ. މިއަދުމިއީ ރޯދަމަހުގެ އެންމެ ފަހު ފަސް ދުވަހުގެ ތެރެއިން ދުވަހަކަށް ވާއިރު ހަށިގަނޑުހުންނާނީ ބަދަލުތަކަކާއެކު ކުޑަގޮތަކަށް "ރިކާބަނާ " ކުރެވިފައެވެ. ތިބާއަށް އެކަން އެގޭހެއްޔެވެ؟