ޔޫކްރެއިންއަށް އެންޓި-އެއާކްރާފްޓް ހަތިޔާރު ފުރަތަމަ ފަހަރަށް ފޯރުކޮށްދޭން ޖަރުމަނންވިލާތުން ނިންމައިފިއެވެ. ހުޅަނގުގެ ގައުމުތަކުން ވަނީ ކިއޭވްއަށް ބަރު ހަތިޔާރު ދޭ އަދަދު އިތުރު ކުރާނެ ކަމަށްވެސް ބުނެފައެވެ. މި ކަމާ ބެހޭ ގޮތުން ހުޅަނގުގެ ގައުތަކުން ވަނީ ޖަރުމަންވިލާތުގައި މިއަދު ޚާއްސަ ބައްދަލުވުމއްވެސް ބާއްވާފައެވެ.

އަނެއްކޮޅުން ރަޝިޔާއިން ދަނީ އަވަށްޓެރި އެހެން ގައުމުތަކުގައިވެސް އެތެރޭގެ ހާލަތު ހަލަބޮލި ކުރުމަށް މަސއްކަތް ކުރަމުންނެވެ. މޯލްޑޯވާގައިވެސް ވަކިވެގަތުމަށް އުޅޭ ފަރާތްތަކުން ބޮން ގޮއްވައި ހެދުމުން ހާލަތު އިތުރަށް ހޫނުވެދާނެ ކަމުގެ ބިރު މިހާރު ހީވެފައިވެއެވެ.

ހުޅަނގުގެ ގައުމުތަކުން ކިއެވްއަށް ބަރުހަތިޔާރު ސަޕްލައި ކޮށްދެނީނަމަ، ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރުވެސް މޮސްކޯއިން ވަނީ ދީފައެވެ. ޖަރުމަންވިލާތުން ވަނީ މަތިންދާބޯޓާ ދެކޮޅަށް ބޭނުންކުރާ ބަޑިއާއި ލައިޓް ގެޕާޑް ޓޭންކްތައްވެސް ޔުކްރެއިންއަށް ފޮނުވުމަށް ނިންމާފައެވެ. ރަޝިޔާއިން ބުނެފައި ވަނީ ޔުކްރެއިންއަށް ހުޅަނގުން ދޭ ހަތިޔާރު ސަޕްލައިކޮށްދޭ ރޫޓްތަކާއި ގުދަންތަކަކީ ރަޝިޔާއިން ހަމަލަ ދިނުން ހައްގު ޖާއިޒް އަމާޒްފަތްގަނޑުތަކެއް ކަމަށެވެ.

ޔުކްރެއިން ބައިބައިވެ އެތައް ގައުމަކަށް ރޫޅީގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް މޮސްކޯއިން ވަނީ ދީފައެވެ. ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ އިދާރާގެ މަސްއޫލުވެރިއަކު ވިދާޅުވަނީ ޔުކްރެއިން އިން ހިޖުރަކޮށްފައިވާ މީހުން ޔޫރަޕްގައި މިހާރުވެސް ދިހަ މިލިއަނަށް އަރާނެ ކަމަށާއި މިކަމުގެ ސަބަބުން ޔޫރަޕްގައި ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުމެއް އުފެދުމަކީ ގާތްކަމެއްކަމަށެވެ.

މިއަދު މޮސްކޯގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ޔޫކްރެއިންއާއެކު އެއްވެސް ފަރާތަކުން މެދުވެރިއެއްގެ ބައި ކުޅެން ރަޝިޔާ ބޭނުން ނުވާ ކަމަށާއި އޭގެ ސަބަބަކީ ޔޫކްރެއިންއާއެކު މަޝްވަރާތައް މިހާރުވެސް ކުރިއަށްދާތީ ކަމަށެވެ.

ރަޝިޔާއިން ވަނީ ޔުކްރެއިންގައި ރަޝިޔާއިން އިންދާފައިވާ ދެ ސަރަހައްދަކީ ވަކި ދެދައުލަތްކަމަށް ބަލައިގަނެ، އެ ދެފަރާތުގެ އެމްބަސީއެއް މޮސްކޯގައި ހުޅުވާފައެވެ.