ޔުއެފާ ޗެމްޕިއަންސް ލީގް ސެމީފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ވަރުގަދަ ރެއާލް މެޑްރިޑުގެ މައްޗަށް 4-3 އިން ކުރި ހޯދުނުނަމަވެސް ރެއާލް މެޑްރިޑުގެ އުއްމީދު ބަލި ކުރުމުގައި ސިޓީ ނާކާމިޔާބު ވެއްޖެއެވެ.

މެޗް ފަށައިގެން ސިޓީއިން ވަނީ ފުރަތަމަ 11 މިނެޓުގެ ތެރޭގައި 2 ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑަކީ މެޗުގެ ދެވަނަ މިނެޓުގެ ކުޅުނު ހިނގަމުން ދަނިކޮށް އަލްޖީރިޔާގެ ވިންގަރ ރިޔާދް މަހްރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބޮލުން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި ސެމީފައިނަލް މެޗެއްގައި އެންމެ އަވަހަށް ޖެހި ލަނޑެވެ. ސިޓީގެ ދެވަނަ ލަނޑު ގެބްރިއަލް ޖީސަސް ކާމިޔާބު ކުރީ ރެއާލްގެ އޭރިޔާގެ ތެރެއަށް ޑިބްރޭނާ ހުރަސް ކުރި ބޯޅައެއް ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. ޖެހިގެން އައި ވަގުތު ކޮޅުގެ ތެރޭގައި ލީޑް އިތުރަށް ފުޅާ ކުރާނެ ރަނުގެ ދެފުރުސަތު މަހްރޭޒް އާއި ފިލް ފޯޑެންއަށް ލިބި ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.

ތޭރަ ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ ރެއާލްއިން ފަރަގު ކުރީ މިސީޒަނުގައި އެޓީމުގެ ބަތަލް ފޯވާޑް ކަރީމް ބެންޒެމާއެވެ. ސިޓީގެ އޭރިޔާގެ ތެރެއަށް މިލިޓާއޯ ހުރަސް ކުރި ބޯޅަ ކޮންޓްރޯލްވެސް ކޮށްނުލައި ބެންޒެމާ ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިލުމަށްފަހުއެވެ. މިއީ ބެންޒެމާ މިސީޒަނުގައި ކާމިޔާބު ކުރި 40 ވަނަ ލަނޑެވެ. މީގެ ކުރިން ބެންޒެމާއަށް އެއްސީޒަނެއްގައި މިއަދަދަށް ލަނޑު ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި މަހްރޭޒް ފޮނުވާލި ހަމަލާއެއް ރެއާލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައި ވަނިކޮށް ސިޓީގެ ލީޑް ފުޅާ ކޮށްދިނީ މިޑްފީލްޑަރު ފެނާންޑީނިއޯ ނަގައިދިން ހުރަހަކުން ފޯޑެން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އެކަމަކު ދެލަނޑުގެ ލީޑެއްގައި ސިޓީއަށް އޮވެވުނީ އެންމެ ދެމިނެޓް ވަންދެނެވެ.ރެއާލްއިން އުފެއްދި ކައުންޓަ އެޓޭކެއްގައި ސިޓީގެ ހާފުގެ މެދު ރޮނގާއި ދާދި ކައިރިން އަރިމަތިން ވިންގަރ ވިނީޝިއަސްއަށް ލިބުނު ބޯޅަ ފެނާންޑީނިއޯ ކައިރިން ދެމިގަތުމަށްފަހު ހަމަޖެހިލީ ސިޓީގެ ގޯލު ދާގަނޑުގައި ތަތްކޮށްލުމަށްފަހުއެވެ. ވިނީޝިއަސް ހުއްޓުވުމަށް ސިޓީގެ ޑިފެންޑަރު ރުބެން ޑިއަސް އާއި ލަޕޯޓޭ އަދި މިޑްފީލްޑަރު ރޮޑްރީ މަސައްކަތް ކުރި ނަމަވެސް ވިނީޝިއަސް އަރައި ހަމަކުރެވޭ ގޮތެއް ނުވިއެވެ. އާންމު ގޮތެއްގައި ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ ފެނާންޑީނިއޯ ކަނާތު ބެކަށް ކޯޗް ޕެޕް ގާޑިއޯލާ އެރުވީ ފުރަތަމަ ހާފް ނިމެން ދަނިކޮށް ޑިފެންޑަރު ޖޯން ސްޓޯން ބޭލުމަށްފަހުއެވެ. ސިޓީގެ ކަނާތު ބެކް ވޯކާއަށް އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވުނުއިރު ދެން މިމަގާމަށް އާންމުކޮށް ކުޅެމުން އަންނަ ކެންސަލޯއަށް މިމެޗުގައި ނުކުޅެވުނީ މިމެޗަށް އޭނާ ސަސްޕެންޑް ވެފައިވާތީއެވެ.

ފަރަގު ބޮޑު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ސިޓީއަށް ހިތްހަމަ ޖެހުމެއް ލިބުނީ 74 ވަނަ މިނެޓުގައި ޕޯޗުގަލްގެ މިޑްފީލްޑަރު ބާނާޑޯ ސިލްވާ ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ. ރެއާލްގެ އޭރިޔާގޭ ބޭރު ރޮނގު މަތިން ކަހަލަ ގޮތަކަށް ސިލްވާއަށް ލިބުނު ބޯޅަ ހަނި އޭންގަލުން ގޯލުގެ މަތީ ކަނަށް ފޮނުވާލިއިރު ރެއާލްގެ ކީޕަރު ތިބައުޓް ކޯޓްއާ ހުރީ ހަރަކާތް ހުއްޓިފައެވެ. މިލަނޑަށްފަހު ޑިއަސް އަށާއި ލަޕޯޓޭއަށް ލަނޑު ޖަހާނެ ރަނުގެ ދެފުސަތު ލިބި ބޭކާރު ވެފައި ވަނިކޮށް ރެއާލްއިން އަނެއްކާވެސް ފަރަގު ކުރީ 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ޕެނަންކާއަކުން މިލަނޑު ކާމިޔާބު ކޮށްދިނީ ބެންޒެމާއެވެ.

މެޗުން ސިޓީ މޮޅުވެ އެޓީމަށް ދެވަނަ ލެގަށްދާއިރު އެޑްވާންޓޭޖް އޮތްނަމަވެސް، ރެއާލް ކުޅުންތެރިންގެ ފަރާތުން މެޗަށްފަހު ހިތާމައިގެ އަސަރުގެ ބަދަލުގައި އިތުބާރާއި ޔަގީންކަން ފެނިގެންދިޔައީ ދެވަނަ ލެގް ކުޅޭނީ ރެއާލްގެ ދަނޑުގައި ކަމަށްވާތީ ސިޓީ ކަޓުވާލައި ފައިނަލުން ޖާގަ ހޯދުމަށް ރެއާލްއަށް ފަހި ފުރުސަތެއް އޮތުމުންނެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި ރެއާލްއާ ދެކޮޅަށް ކުޅެ ޓީމަކުން ޖެހިޖެހިގެން 3 މެޗް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބަޔާން މިޔުނިކާއި ޔުވެންޓަސްއިން ވަނީ ޗެމްޕިއަންސް ލީގުގައި ރެއާލް އަތުން ޖެހިޖެހިގެން 3 މެޗުން މޮޅުވެފައެވެ. އަނެއްކޮޅުން މިއީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި ސެމީފައިނަލުގެ ފުރަތަމަ ލެގުން ރެއާލް ބަލިވި 6 ވަނަ ފަހަރަކުން ފާހަގަ ކޮށްލެވެއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ސެމީފައިނަލުގެ ފުރަތަމަ ލެގުން މީގެ ކުރިން ރެއާލް ބަލިވި އެއްވެސް ފަހަރަކު އެޓީމަށް ފައިނަލުން ޖާގަ ހޯދިފައި ނުވާކަމެވެ.

ދެވަނަ ލެގް ރެއާލްގެ ދަނޑުގައި ކުޅޭނީ މެއި 5 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.