ވޭތުވެދިޔަ ދެއަހަރެއްހާދުވަހު ދިވެހިން ދުވަސްތައް ވޭތުކުރީ ނުރައްކާތެރި ބައްޔެއްކަމުގައިވާ ކޮވިޑާ އެކުއެވެ. ދުނިޔެއަށް ކޮވިޑްގެ ވަބާ އާއްމުވެ ދިވެހިރާއްޖެއަށްވެސް މިބަލި އައުމާއެކު އަހަރެމެން އުޅެންޖެހުނީ ވަކި އުސޫލުތަކަކަށް ތަބާވެގެންނެވެ. މިބަލީގެ ކުރީކޮޅު ފާޑެއްގެ މަޖުބޫރުކަމެއްގެ ތެރެއިންނަމަވެސް ދިރިއުޅުމުގެ ބައެއްއާދަކާދަތައް ބަދަލުކޮށްގެންނެވެ. ގިނަގިނައިން އަތްދޮވުމާއި، ސެނިޓައިޒް ކުރުމާއި އަނގަޔާއި ނޭފަތް ނިވާވާގޮތަށް މާސްކުއަޅައިގެންނެވެ. އެއްވުންތަކާއި ހަފްލާތަކާއި ޖަލްސާތައް މުޅިން މެދުކަނޑާލައި ތަނަކަށް ދާނަމަ ވީހާވެސް ބަލައިގެން އުޅުމާއި ފިހާރަތަކާއި މާރޓްތަކަށް ވަދެއުޅުމުގައިވެސް ގައިދުރުކޮށް އުޅުމާއި ބޭނުންނެތް ތަކެތީގައި އަތްނުލައި ކޮންމެފަރުދަކުވެސް އެމީހެއްގެ އަމިއްލަ ނަފުސައް އިންތިހާއަށް ރައްކާތެރިވެގެންނެވެ. މިއާއެކު އިވެންފެށި އަޑަކީ ކުރިން އަޅުގަނޑުމެންގެ ތެރޭގައި އާއްމުކޮށް އުޅޭ ބައެއްބަލިތައް ފެންނަލެއް މަދުވާހަކައެވެ. ހުމާއި، ބޭރަށްހިންގުމާއި، އަރިދަފުސްރޯގާއި ޑެންގޫ ފަދަ ބައެއްބަލިތައް ޖެހޭމީހުންގެ އަދަދު ވަރަށްބޮޑަށް މަދުވި ވާހަކައެވެ. ކުރިން މިސްކިތްތަކުން ކެއްސުމާއި ކިނބިހި އެޅުމުގެ އަޑު ނުކެނޑި ހުންނައިރު ފަހަކަށް އައިސް ނަމާދު ކުރާއިރު މިސްކިތްތަކުގެ ހަމަހިމޭންކަމުގެ ވާހަކައެވެ.
މިއަދު ކޮވިޑްގެ ހާލަތުން އަރައިގަނެވިއްޖެކަމަށް އިއުލާންކޮށް އެބިރުވެރިކަމުން އަހަރެމެން ދިވެހިން ހަށިފޮޅާލައިފިއެވެ. އެޔާއެކު ފެނިގެންދިޔައީ ވޭތުވެ ދިޔަ ދެއަހަރެއްހާދުވަހު އަހަރެމެން އަހުލުވެރިވި ރަނގަޅު ސިއްހީ އާދަތައްވެސް ފޮޅާލިތަނެވެ. ދިރިއުޅުމުގެ ތެރެއިން ކޮވިޑް ނެރެލިގޮތަށް އަތްދޮވުމާއި ހަށިގަނޑަށް ބަލައިގެން އުޅުމާއި، ސާފުތާހިރުކަމުގެ ރީތި އާދަތައްވެސް ދިރިއުޅުމާއި ދުރަށް ފޮނުވާލީއެވެ. ނަތީޖާއަކަށްވާނީ ކުރިންވެސް އަޅުގަނޑުމެންގެތެރޭގައި ނުފިލާ ހުންނަ ރޯގާތައް އެނބުރި އައިސް ވަކިހިއްޕާލުމެވެ.
މިހާރުވެސް ސޯސަލްމީޑިއާއިންނާއި ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކަނީ ތަފާތު ރޯގާތައް ގިނަވަމުންދާކަމަށެވެ. އާއްމު ސިއްހަތު ރައްްކާތެރިކުރުމާގުޅޭ މައި އިދާރާ އެޗްޕީއޭއިން މީގެ ދެދުވަހެއްވަރު ކުރިން އަންގާފައިވަނީ ބައެއްބަލިތައް ފެތުރޭތީ ސަމާލުވުމަށެވެ. ހާއްސަކޮށް މިދުވަސްކޮޅު ޑެންގޫ ހުން ފެތުރޭ ވާހަކައާއި އެކަމަށް ސަމާލުވުމަށެވެ. ސަރުކާރުގެ ހޮސްޕިޓަލްތަކުންވެސް ހަމަ މިކަހަލަ އިރުޝާދާއި ލަފާތަކެވެ.
މިއީ ވޭތުވެ ދިޔަ ދެއަހަރެއްހާދުވަހު ވަރަށް އަޑުމަޑުވެގެން ދިޔަ ބަލިބައްޔެވެ. ނަމަވެސް މިހާރު އޭގެ އަދަދު ގިނަވެގެން ދިޔުމުން އެނގެނީ އަޅުގަނޑުމެންގެ އަމަލުތަކަށް އައި ބައެއް ބަދަލުތައް އިއާދަކުރަން ޖެހޭކަމެވެ. ދޫކޮށްލި ސިއްހީ ރަނގަޅު އާދަތައް އެގޮތުގައި ހިފަހައްޓަން ޖެހޭކަމެވެ. ކޮވިޑުން ދަސްވި ބައެއް ސިއްހީ ފިލާވަޅުތަކަކީ އޭގެން އިބުރަތް ލިބިގަނެ އޭގެ ރަނގަޅު ފައިދާ ލިބިގަންނަން ޖެހޭ ފިލާވަޅުތައްކަމެވެ.
ފަރުދީގޮތުންނާއި، ތިމާގެ އާއިލާއަށްޓަކައި ކޮށްދެވޭ ހެޔޮލަފާ ކަމެއްގެ ގޮތުގައި ކޮވިޑްގެތެރޭން އަރެމެން ދަސްކުރި ސިއްހީ ރަނގަޅު އާދަތައް އެގޮތުގައި ދަމަހައްޓާމާހިނގާށެވެ. ތިބާގެ ލޯބިވާ އާއިލާއާއި ގާތްތިމާގެމީހުންގެ ސިއްހަތަށްޓަކައެވެ. ތިބާއަށް ހެޔޮއެދޭ ރަހުމަތްތެރިންގެ ސިއްހަތަށްޓަަކައެވެ. ތިބާ ދިރިއުޅޭ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާއި ހުރިހާ ފަރުދުންގެ ސިއްހަތައްޓަކައެވެ. ތިބާގެ އަމިއްލަ ސިއްހަތައްޓަކައެވެ.