މަސްޖިދުލް އަގްސާއަށް މާދަމާ ބުރާސްފަތި ދުވަހު އިޒްރޭލުގެ ޒަޔަނިސްޓް ސެޓްލާ ގްރޫޕްތަކުން ވަދެގަނެ އިސްރާއީލުގެ ދިދަ އުފުލައި ހަދައިފިނަމަ އިތުރަށް މައްސަލަ ހޫނުވާނެ ކަމަށް ފަލަސްތީނު ގެ ފަރާތްތަކުން އިންޒާރު ދީފިއެވެ. ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހަރަކާތްތެރިވާތާ މިހާރު މަސްދުވަސްވެގެން ދަނީއެވެ.

ޙަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ އިސްތިއުމާރުގެ ސަބަބުން ޔަހޫދީ ވަޒަންވެރިން މާދަމާ އަލް އަޤްޞާއަށް ވަނުމުގެ ފުރުދސަތު ދީފިނަމަ އެއީ ހުޅު ރޯކޮށްލުމެއްކަމަށެވެ. އއަދި އެއިން ނިކުންނާނެ ކަމެއްގެ ޒިންމާ އިޒްރޭލުން އުފުލަންޖެހޭނެ ކަމަށެވެ. ހަމާސް އިން ވަނީ މީހުން މަސްޖިދުލްއަގްސާއަށް ޖަމާވުމަށް އެދި ގޮވާލާފައެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވަނީ، ފަލަސްތީނު މީހުންނާއި، އެމީހުންގެ މާތް ވެގެންވާ ތަންތަނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަމަނުޖެހުންތައް ހުއްޓުވަން އދގެ ސަލާމަތީ މަޖިލީހުން އުފުލަންޖެހޭ ޒިންމާތައް އުފުލުމަށް ގޮވާލާފައެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ފަލަސްތީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކާއި، އިތުރުވަމުންދާ ޖަރީމާތައް ހުއްޓުވައި، ބައިނަލްއަގްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިސްރާއީލު ސަރުކާރަށް ޕްރެޝަރު ކުރުމަށް ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ" ކަމަށެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުގެ ޒަޔަނިސްޓް ސިފައިންނާއި، ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ހިންގަމުންދާ އަމަލުތައް ކުށްވެރި ކޮށްފައެވެ.

އަދި ފަލަސްތީނުގެ ބިމުގެ ބޮޑު ސަރަހައްދެއް އިސްރާއީލުގެ ސިފައިންގެ ބިންތަކެއް ކަމަށް ކަނޑައެޅުމާއި ފަލަސްތީނު މީހުންގެ އެތައްސަތޭކަ ޒައިތޫނި ގަސް ކަނޑައި އުކުމާއި، އއަވަށްތަކުގައި ބަކަރި ހުއިހައްޕާ މީހުން ނަށް ގޯނާ ކުރާ މައްސަލާގައިވެސް އިޒްރޭލު ސިފައިން ކުށްވެރިކޮށްފައި ވެއެވެ. އަދި އަލްއަގްސާ މިސްކިތުގެ ދެކުނުން އޮންނަ ސިލްވާން ނަމަކަށް ކިޔާ އަވަށުގައި، ވާދީ އަލްރުބާބާގައި ޔަހޫދީންގެ ސިނަގޮގްއެއް ހެދުމުގެ މަސައްކަތް ފެށުންވެސް ކުށްވެރި ކޮށްފައި ވެއެވެ.

ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވަނީ ބޮޑު ވަޒީރު ނަފްޓަލީ ބެނެޓް އިސްކޮށް ހުންނަވައިގެން މިޖަރިމާތައް ހިންގަވަނީ ކަމަށް ބުނެ އިސްރާއީލު ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާފަ އެވެ.

ޔަހޫދީ ވަޒަން ވެރިން ވަނީ މަސްޖިދުލްއަގްސާގައި އެމީހުން އިޒްރޭލުގެ ދިދަ ނެގުމަށް ވަންނާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ހުސެން އަލް ޝެއިޚް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އިސްރާއީލުގެ ދިދަ އުފުލައި، ހަރަމްފުޅުގައި އިޒރޭލުގެ ގައުމީ ސަލާމް ޖެހުމަކީ ފަލަސްތީނާއި އަރަބީންނާއި މުސްލިމުންގެ އިހުސާސްތަކަށް އޮތް ފާޅުކަން ބޮޑު ގޮންޖެހުމެއް" ކަމަށެވެ.

ފަލަސްޠީނުގެ މިނިސްޓަރ އޮފް އެންޑޯމަންޓްސް އެންޑް ރިލިޖަސް އެފެއާޒް ހަތީމް އަލް ބަކްރީވެސް ވަނީ، މިހާރު ހިނގަމުންދާ ކަންތައްތަކަކީ މުސްލިމުންގެ މާތް ވެގެންވާ ތަންތަނަށް ގޯނާކުރުމާއި، ފަލަސްތީން މީހުންނަށް ފާޅުގައި ހަމަލާދިނުމާއި، ފަލަސްޠީނާއި ޢަރަބި އަދި އިސްލާމީ ދުނިޔޭގައި މުސްލިމުންގެ އިޙްސާސްތަކަށް ފާޅުގައި ގޮންޖެހުމެއް ކަމަށް ވިދާޅުވެފައެވެ. ބަކްރީ ވަނީ މި ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

އިޒްރޭލުން ދަނީ މަސްޖިދުލްއަގްސާއާއި ވަށައިގެންވާ ސަރަހައްދުތައް ހިގފައި މުސްލިމުންގެ ބާރު ކަނޑުވަމުންނެވެ. މަސްޖިދުލްއަގްސާގެ ހަރިންމައިގެ ތެރޭން މުސްލިމުންނަށް މިހާރު ލިބިގެން ވަނީ އެންމެ 40 ޕަސެންޓް ބިމެވެ.