ސްރީލަންކާގެ ދަނޑިވެރިކަމުގެ ދާއިރާއަށް އެހީތެރިވެ ދިނުމުގެ ގޮތުން އިންޑިއާއިން 65،000 މެޓްރިކް ޓަނުގެ ޔޫރިއާ ކޮޅުނބަށް ފޮނުވުމަށް ނިންމައިފިއެވެ.

ޗައިނާއާއެކު އުފެދުނު ފާރޓިލައިޒާގެ ދެބަސްވުމުގެ ތެރޭގައި ދަނޑުވެރިންނަށް ޔޫރިއާ ނުލިބުމުން އިންޑިއާއިން ސިފައިންގެ މަތިންދާބޯޓުތަކުގައި ސްރީލަންކާއަށް ޔޫރިއާ ގެންގޮސްދިނެވެ.

އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ލަންކާގެ ހައިކޮމިޝަނަރު މިލިންޑާ މޮރަގޯޑާ ވަނީ އިންޑިއާގެ ޑިޕާޓްމަންޓް އޮފް ފަރޓިލައިޒާސްގެ ސެކްރެޓަރީ ރާޖޭޝް ކުމާރު ޗަތުރުވެޑީއާ ބައްދަލުކުރައްވައި އެކަމާ ބެހޭ މަޝްވަރާތައް ބާއްވަވާފައެވެ.

މިއީ ސްރީލަންކާގައި ދަނޑު އިންދުނުގެ މޫސުމެވެ. މި މޫސުމަށް ބޭނުންވާ 65،000 އެމްޓީ ޔޫރިއާ ފޯރުކޮށްދިނުމަށް އިންޑިއާއިން ނިންމީތީ، ހައިކޮމިޝަނަރު ވަނީ އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި އެހީއަކީ އިންޑިއާއިން މިހާރުވެސް ސްރީލަންކާއަށް ކަނޑައަޅާފައިވާ ކްރެޑިޓް ލަލައިންގެ ދަށުން ދެވޭނެ އެހީއެކެވެ. ޔޫރަޕްގެ ހަނގުރާމައިގެ ސަބަބުން އިންޑިއާއަށްވެސް ގަސްކާނާއާއި ޔޫރިއާ ލިބުން ދަތިވެފައި ވުމާއެކު އިންޑިއާއިން ވަނީ ޔޫރިއާ އެކްސްޕޯޓު ކުރުން މަނާކޮށްފައެވެ.