އިޒްރޭލުގެ ހައާޓްސް ނޫހުން ބުނާ ގޮތުގައި ޝީރީން އަބޫ އަގްލާ ޝަހީދުކޮށްލުމަށް ހަމަލަ ދިނީ އިޒްރޭލު ސިފައިންގެ މީހެކެވެ. އެމީހާ އިށީދެގެން އިނީ ޖީޕެއްގައެވެ. އަދި އޭނާގެ ބަޑިއަކީ އޭގައި ދުރު ބަލާ ވަސީލަތެއް ހަރުކޮށްފައިވާ ބަޑިއެއް ކަމަށާއި މި ހަމަލަ އޭނާ ދީފައި ވަނީ 190 މީޓަރު ދުރުން ކަމަށެވެ.

ހާއާޓްސް ނޫހުން ބުނިގޮތުގައި މިމީހާއާއެކު ވަނީ ތަހުގީގު ކޮށްފައެވެ.

ތަހުގީގުގައި އިޒްރޭލު ސިފައިންގެ މީހާ ބުނެފައި ވަނީ އޭނާއަށް ވަޒަން ފޮނުވާލެވުނު ކަން ނުވަތަ ނޫން ކަން ޔަގީންކަމާއެކު ކަށަވަރު ކޮށްދޭން ނޭނގޭ ކަމަށެވެ.

އެމެރިކާއިން ވަނީ ޝީރީން ޝަހީދު ކޮށްލި މައްސަލާގެ ރިޕޯޓެއް ދިނުމަށް އިޒްރޭލަށް އަންގާފައެވެ.

އިޒްރޭލުގެ ޗެނަލް 12 އިން ބުނާ ގޮތުގައި ޒަޔަނިސްޓުން ހިފާފައިވާ ޤުދުސްގެ ފުލުހުންގެ ވެރިޔާ ވަނީ ޖަނާޒާގައި ބައިވެރިވި މީހުންނާ މެދު އިޒްރޭލު ސަލާމަތީ ބާރުތަކުން ހިންހގާފައިވާ ނާތަހުޒީބު އަމަލު ތަހުގީގު ކުރުމަށް އަންގާފައެވެ.

އިޒްރޭލު ޒަޔަނިސްޓު ސިފައިންގެ ނާތަހުޒީބު އަމަލުތައް ދުނިޔެއިން އަދިވެސް ދަނީ ކުށްވެރި ކުރަމުންނެވެ. އޭގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދާއި ފަރަންސޭސި އެމްބެސީއާއި ޖަރުމަންއާއި ސްޕެއިންއާއި ފިންލެންޑް ހިމެނެއެވެ. ދެކުނު އެފްރިކާގެ ޑެޒަމަންޑް ޓޫޓޫ މުއައްސަސާއިންވެސް މިކަން ކުށްވެރި ކޮށްފައި ވެއެވެ.

ނޯވޭގައި ފަލަސްތީނުގއެ ތާއިދުގައި މުޒާހަރާ ކުރި މީހުން ވަނީ އިޒްރޭލު އެމްބެސެޑަރު ބޭރުކުރުމަށް ގޮވާލާފައެވެ.