މާލެއިން ކަރަންޓް ދިއުމަށް ދިމާވި މައްސަލަ މުޅިން ހައްލުކުރުމަށް ދެ ދުވަސްވަރު ނަގާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ރޭ ފަތިހުން މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިއުމަށްފަހު މުޅި މާލެއަށް އަލުން ކަރަންޓުގެ ހިދުމަތް ލިބުނީ މިއަދު ހެނދުނު 10:00 ޖަހަން އުޅެނިކޮށެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މައްސަލަ ޖެހުނު ކޭބަލް ދެނެގަނެވިފައިވާ ކަމަށެވެ. ކޭބަލް ބަދަލުކުރަންޖެހޭތީ ގާކޮށި ކައިރީގައި ހުރި ސަބް ސްޓޭޝަނަކާ ހަމައަށް އިތުރު ކޭބަލެއް އަޅައިގެން ނޫނީ މައްސަލަ ހައްލު ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެ މަސައްކަތް ފެށުމަށްޓަކައި އެކަމުގެ މަޝްވަރާތައް މާލެ ސިޓީ ކައުންސިލާއެކު ކުރަމުން އެބަދޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޭބަލަށް ގެއްލުން ލިބިފައިވަނީ މަގު ކޮނުމުގެ ތެރޭގައި ކަމަށް މިހާތަނަށް ބެލިބެލުމުން ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ ކޭބަލް ބަދަލުކޮށް މައްސަލަ ހައްލުކުރަން ދެ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.