ސްޓެލްކޯގެ ކަންކަން ނިންމުމުގައި ކަސްޓަމަރުންގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

އެކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ކޭކެއް ފެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެގޮތަށް މަސައްކަތްކޮށްގެން މެނުވީ އެކުންފުނި އާންމުންގެ ކުރިމަތީގައި މަގުބޫލް ކުންފުންޏަކަށް ނުހެދޭނޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެކުންފުންޏަށް ފަންސަވީސް އަހަރު ފުރުނުއިރު އެކުންފުނި ވަރުގަދަ ކުންފުންޏަކަށް ވެފައިވަނީ އެމުއްދަތުގައި ކުރިން ޚިދުމަތްކޮށްދެއްވި ވެރީންނާއި މުވައްޒަފުންގެ މަސައްކަތުންކަމަށެވެ. އެކަމަށްޓަކައި އެހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޭކް ފަޅުއްވައިދެއްވީ ކުންފުނީގެ ބޯޑުގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިތުރުން ކުންފުނީގެ ދެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގައިވާ، މުހައްމަދު ލަތީފާއި، ޑރ. އަލީ އަޒުވަރެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ އެ ކުންފުނީގެ ހެޑް އޮފީހާއި ހުރިހާ އިންޖީނުގެއެއް ކުލަބޮކިން ދިއްލާ ޒީނަތްތެރި ކޮށްފައެވެ.